މިއަދު ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ދުންފަތާ ދެކޮޅަށް ސަރުކާރުން 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިއުލާންކޮށްފި
ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކުން މި ސަރުކާރުގައި ދުންފަތާ ދެކޮޅަށް މިހާތަނަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވޭޕް މަނާ ކުރުމާއި 2007 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް މަނާ ކުރުމަށް އެޅި ޖެނެރޭޝަނަލް ބޭން ފިޔަވަޅު އޭނާ ފާހަގަ ކުރެއްވި އެވެ.
ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު އިއުލާންކޮށްފި
— Dhauru (@Dhaurunews) May 31, 2026
އިތުރަށް ކިޔާލަން: https://t.co/hiA0fdCZLG pic.twitter.com/Zoz8kbm51j
އެއީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވައި ގީލާ ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދުންފަތާ ދުރު މުޖްތަމައެއް ބިނާ ކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް ފެށުން ކަމަށެވެ.
"ކުރިއަށް މި އޮތް ފަސް އަހަރުދުވަހަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް މިއަދު ލޯންޗުކުރެވިގެން މި ދަނީ،" މިއީ ކުރު މުއްދަތުގައި ނަތީޖާ ހާސިލު ކުރެވޭނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވައި ގީލާ ވިދާޅުވި އެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ޖަމިއްޔާތައް އަދި އާންމުން ގުޅިގެން ކަމަށް ގީލާ ވިދާޅުވި އެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެންގެ އާބާދީގައި މިހާރު މީހުން މަރުވާ ރޭޓަށް ބަލާއިރުގައި، %84 މީހުން މަރުވަނީ ގައިންގަޔަށް ނަރާ ބަލިތަކުގައި ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުކުންނަ ހިރާސްތަކުގެ ތަފާތު މައްސަލަތަކުގައި،" ގީލާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ:
-
މި ކެމްޕެއިންގެ ލޯގޯ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާ އެކު ފަރުމާ ކުރެވި، ކުރިއަށް ގެންދާނެ ހަރާކާތްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރޭވިގެން ދާނެ
-
މި ކެމްޕެއިންގެ މަގްސަދަކީ، ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށްޓަކައި ދުންފަތް ބޭނުން ކުރާ މީހުން މަދު ކުރުން
-
މި ކެމްޕެއިންގެ ދަށުން، ހުރިހާ ސްކޫލްތަކެއްގައި ވެސް ދުންފަތުގެ ނުރައްކަލާއި ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ދަރިވަރުންނަށާއި މުދައްރިސުންނަށް އަދި އާއިލާތަކަށް ފޯރުކޮށްދޭން ފަށާނެ
-
އޭގެ އިތުރުން، ޖަމިއްޔާތަކަށް ފައިސާގެ އެހީ ވެސް މި ކެމްޕެއިންގެ ހަރަކާތްތައް ހިންގުމަށް ދޭނެ