މަސް މާރުކެޓް ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބިން ހަވާލުނުކުރެވެނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާރުކޭޓު އަޅަން 2 ބަޔަކަށް ބިން ދީފައި އޮތުމުން: ކައުންސިލް
މާލޭ މާރުކޭޓު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތްކުރަން ސިޓީ ކައުންސިލުން ބިން ހަވާލުނުކުރެވި އޮތީ، ކުރީގެ ކައުންސިލުން ދެ ބަޔަކަށް އެ ބިން ދޭން ސޮއިކޮށް އޮޅުންބޮޅުންތަކެއްގައި އޮތުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ވީކިހިނެއް؟ - ހަތަރު އަހަރާއި ދެ މަހަށް ބަހާލައިގެން އަގު ދައްކާ ގޮތަށް، 117 މިލިއަން ރުފިޔާއަށް މާރުކޭޓު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ 15 މާޗުގަ އެވެ. ހަ ފަންގިފިލާގެ، 85،000 އަކަ ފޫޓުގެ މާރުކޭޓު އިމާރާތެއް އެޅުމުގެ އެ މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ:
-
އެ މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިސާ ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް
-
ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް ސިޓީ ކައުންސިލުން މިނިސްޓްރީއަށް ހަވާލުނުކުރުން
ތަފްސީލް - ހައުސިން މިނިސްޓްރީން ނެރުނު ބަޔާނަށް ރައްދު ދެއްވަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ އިއްޔެ ވިދާޅުވީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރު ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ބިން ދެ ކުންފުންޏަކަށް ދީފައިވާ ކަމަށެވެ.
"ބިން ދެވޭތަ؟ ކުރީގެ މޭޔަރުގެ މޭޔަރުކަމުގަައި އެ ބިން އޮތީ ދެ ކުންފުޏްނަކަށް ދީފައި. އެއް ބަޔަކަށް އެގްރީމެންޓް ކުރެވިފައި އަދި ކުރެހުން ވެސް ފާސްކޮށްފައި. އެކަމު އެހެން ބަޔަކަށް ވެސް ދީފައި،" އޮޑިޓް ރިޕޯޓެއް ހިއްސާކުރައްވައި ޝަތުފާ އެކްސްގައި ލިއުއްވި އެވެ.
ޝަތުފާ ހިއްސާކުރެއްވި އޮޑިޓް ރިޕޯޓަކީ އޮޑިޓް ފާމަކާ ހަވާލުކޮށްގެން ތައްޔާރުކޮށްފައިވާ އިންޓާނަލް އޮޑިޓް ރިޕޯޓެކެވެ.
އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މާލޭ މާރުކޭޓު އެޅުމަށް އެ ބިން ވަނީ އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާއި ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީ ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ ގޮތުން:
-
ފުރަތަމަ އެއްބަސްވުން އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިންއާ އެކު ސޮއިކުރީ 19 އޮގަސްޓް 2022ގައި
-
ދެވަނަ އެއްބަސްވުން ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީއާ އެކު ސޮއިކުރީ 9 މާޗު 2023ގައި
-
އިކޯ އިންޓަނޭޝަނަލް އިންޖިނިއަރިންއާ އެކު ސޮއިކުރި އެއްބަސްވުން ބާތިލްކުރިކަން އަންގާފައިވާކަމުގެ ލިޔުމެއް؛ އެ ޕްރޮޖެކްޓް އެެހެން ބަޔަކަށް ދޭން ފާސްކުރި ކަމަށް ފެންނަ ޖަލްސާއެއްގެ ޔައުމިއްޔާއެއް ވެސް ފެންނާކަށް ނެތް
މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މައްސަލަ ތިލަކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އާޒިމްގެ ވާހަކަ ހިމެނޭ ހަބަރު:
އެ އޮޑިޓްގެ އިތުރު ހޯދުންތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
-
ބީލަމަށް ހުޅުވާލުމުގެ ކުރިން ނެޝަނަލް ޓެންޑާ ބޯޑުގެ ހުއްދަ ހޯދާފައި ނުވުން
-
ޕްރޮޕޯސަލް ހުށަހަޅައި ޝޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވެފައިވާކަން ޔަގީންކުރެވިފައި ނެތުން
-
ދެ ކުންފުންޏަކީ ވެސް އިމާރާތްކުރުމުގެ އަމަލީ މަަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ބައެއް ނޫން
-
ޝޯޓްލިސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ހައިރު އިންޖިނިއަރިން ކޮންސަލްޓެންސީ ހިމެނިފައެއް ނުވޭ؛ އަދި އެ ކުންފުންޏަށް ހަވާލުކުރަނީ އިއުލާންކުރުމަކާ ނުލާ
-
އެއްބަސްވުމުގެ ސްކޯޕާއި އަގަށް، މާލިއްޔަތު ގަވާއިދުގައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް އެއާ ހިލާފަށް ބަދަލުކޮށްފައިވޭ
ފާހަގަކުރެވޭ - ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، އެމްޓީސީސީއާ ހާވާލުކުރި މަޝްރޫއުގައި، އަލިފާން ނިއްވާ ނިޒާމަކާއި ފަސް ލިފްޓާއި މަސް ބެހެއްޓުމަށް ބޭނުންވާ ދަގަނޑު ސާމާނާއި ތަރުކާރީ ބެހެއްޓުމަށް ބޭނުންވާ ލަކުޑި ފޮށިތަކާއި ފަސް ޓަނުގެ އައިސް މެޝިނެއް ބަަހައްޓާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މަސައްކަތް ނިމުމުން އިމާރާތުގެ ފަންގިފިލާތައް ހާއްސަކުރުމަށް ހަމަޖެހިފައިވަނީ:
-
ބޭސްމަންޓް: ޕާކިން
-
ތިރީ ފަންގިފިލާ: މަސް މާރުކޭޓް
-
ފުރަތަމަ، ދެވަަނަ، އަދި ތިންވަނަ ފަންގިފިލާ: މޭވާ އާއި ތަރުކާރީ މާރުކޭޓް
-
ޓެރަސް: ފުޑް ކޯޓް
ކޮމެންޓް (1)
ކޮސް