ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނަރަލް މުހައްމަދު ސަލީމް
މިހާ ފުނަށް ފީނީ އަލަކަށް ނޫން؛ މިއަށް ވުރެ ފުނަށް ވެސް ފީނުމުގެ ތަޖުރިބާ އެބަހުރި: ކޯސްޓްގާޑު
ކޯސްޓްގާޑުގެ ޑައިވަރުންނަކީ ރިސްކު ނަގައިގެން މަސައްކަތްކުރާ ބައެއް ކަމަށާއި ފަތުރުވެރިން ހޯދުމަށް ކޭވްއަށް ފީނީ، މީގެ ކުރިން ވެސް އެފަދަ އެތައް އޮޕަރޭޝަނެެއްގައި 80 މީޓަރަށް ވުރެ ވެސް ފުނަށް ފީނައި ތަޖުރިބާ ލިބިފައި ތިބި ޑައިވަރުން ކަމަށް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނަރަލް މުހައްމަދު ސަލީމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވ. އަލިމަތާ ޑައިވް ޕޮއިންޓް ކައިރީ ކޭވްއަކަށް ވަނުމަށް، ހުއްދަ ނޫން ފުން މިނަކަށް ފީނަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ސިފައިންގެ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
ސާޖެންޓު މުހައްމަދު މަހުދީ މަރުވީ، ދެވަނަ ފަހަރަށް އެ މީހުން ހޯދަން 60 މީޓަރު އަޑީގައި އޮތް އެ ކޭވަށް ފީނަން މަސައްކަތްކުރުމުގެ ތެރޭގައި ޑީކޯ ވެގެން، އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - އެކަށީގެންވާ ވަސީލަތްތަކާއި ތަޖުރިބާނެތި މިހާ ނުރައްކާތެރި އޮޕަރޭޝަނެއްގައި، ހަށިގަނޑުތަކެއް ހޯދަން ދިވެހި ޑައިވަރުން ފީނުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އާންމުން ވަނީ ފާޑުކިޔާފަ އެވެ.
އެ ފާޑުކިއުންތަަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްުގައި ސަލީމް ރޭ ވިދާޅުވީ، އެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކިޮށްފައިވަނީ، އެއީ އެމްއެންޑީއެފް ޑައިވަރުން އެހާ ފުނަށް ޑައިވް ކުރި ފުރަތަމަ ފަހަރު ކަމަށް ދެކިގެން ކަމަށެވެ.
އެކަމަކު، ކޯސްޓްގާޑުގެ ޑައިވަރުންނަކީ ޒަމާނުއްސުރެ ނޯމަލް އެއާގައި އެއަށް ވުރެ ވެސް ފުނަށް ފީނަމުން އަންނަ ބައެއް ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ޑައިވަރުންނަކީ އާދައިގެ ރިކްރިއޭޝަނަލް ފީނުން ފީނާ ބައެއް ނޫން ކަމަށާއި، އެއީ މިލިޓަރީ ޑައިވިންތައް ހަަދައި ބޮޑީ ރިކަވާކުރުމުގެ އެތައް ހާދިސާތަކެއްގައި ވަރަށް ގިިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބައެއް ކަމަށެވެ.
"ކޯސްޓްގާޑުގެ ޑައިވަރުންނަކީ 70 މީޓަރުން، 80 މީޓަރުން ވޭތުވެދިޔަ ތަނުގައި ވެސް ވަރަށް ގިނަ އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ހިންގާފައި ތިބި ބައެއް. އެހެންވީމާ މި ޑައިވަރުންނަކީ ހަމަ މިލިޓަރީ ތަމްރީންތައް ހަދައި މިލިޓަރީގައި އަޅުގަނޑުމެން ގެންގުޅޭ އުސޫލުތަކުގެ ތެރެއިން މިފަދަ ޑައިވްތައް ވަރަށް ރައްކާތެރިކަމާއެކު ކުރަމުން އައި ފަރާތްތަކެއް،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، އެ އޮޕަރޭޝަންގެ މަސައްކަތުގައި ޑައިވިންއަށް ފޭބި އެއްވެސް ޑައިވަރަކީ މަޖުބޫރުކަމެއް އޮވެގެން ފޭބި ބައެއް ނޫން ކަމަށެވެ. އެ މީހުން އެ އޮޕަރޭޝަން ހިންގީ، މީގެ ކުރިން ވެސް އެފަދަ އެތައް ޑައިވެއް ކާމިޔާބުކަމާ އެކު ކޮށްފައިވާތީ އާއި އެކަން ކުރަން އަމިއްލައަށް ވެސް ވަރަށް ބޮޑަށް ބޭނުންވެގެން ގައުމީ ކަމެއްގެ ގޮތުގައި ދެކެންގެން ކަމަށެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އަތުގައި ހުރި އިކުއިޕްމަންޓުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ވަރަށް ބޮޑަށް ތައްޔާރުވެގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ހާދިސާ ދިމާވުމާ އެކު މަހުދީ ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވެސް އެކަމަށް ބޮޑެތި ތައްޔާރީތަކެއް ވެފައި ހުރުމުން ކަމަށެވެ.
"ރައްކާތެރި ކަމާއެކީގައި ޕްލޭން ކުރެވިގެން ކުރެވުނު ޑައިވްއެއް. އެކަމަކު މީގެ ތެރޭގައި ހަމަ ހާދިސާއެއް ހިނގީ. އަޅުގަނޑުމެންނަކީ ރިސްކު ނުނަގާ މަސައްކަތްކުރާ ބައެއް ނޫން. އަޅުގަނޑުމެންނަށް އެބަހުރި މިއަށް ވުރެ ވެސް ފުންމިނުގައި ބޮޑީ ރިކަވާ ކުރުމުގެ އޮޕަރޭޝަންތައް ގިނަ އަދަދަކަށް ހިންގިފައި،" ސަލީމް ވިދާޅުވި އެެވެ.
"ނަމަވެސް މިކަމުގެ ތެރެއިން ހާދިސާއެއް ދިމާވީ. އަޅުގަނޑުމެންގެ އެންމެ ކުޅަދާނަ އެއް ޑައިވަރު މި ހާދިސާގައި ވަކިވެގެންދިޔައީ. ވަަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑުމެންނަކީ ކުރިއަށް އޮތް ތަނުގައި ވެސް ރިސްކު ނަގައިގެން ގައުމީ ފެންވަރުގެ ކަންކަން ކުރުމުގައި ކުރިމަތިލާނެ ބައެއްް. އެގޮތަށް އަޅުގަނޑުމެންގެ މީހުން ތަމްރީނުކޮށް ބިނާކުރަމުން މިއަންނަނީ."
މީގެ އިތުރުން، މިއަހަރު ނިމުމުގެ ކުރިން 100 މީޓަރަށް ފީނުމުގެ ގާބިލުކަން ހޯދަން ތަމްރީނުތައް ކުރިއަށްދާކަން ސަލީމް ތަކުރާރުކުރެއްވި އެވެ.
އެނގުން މުހިންމު - މަހުދީ މަރުވުމުގެ ހާދިސާއާ އެކު މި އޮޕަރޭޝަން މެދުކަނޑާލި އެވެ.
ސިފައިންނާއި ފުލުހުން އަދި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ އަލުން މި އޮޕަރޭޝަން ފެށި އެވެ. އަދި ގެއްލުނު ހަތަރު ޑައިވަރުން ކޭވް ތެރެއިން އިއްޔެ ފެނިފައިވެ އެވެ. މިއަދު ކުރިއަށް ދާނީ މި ހަށިގަނޑުުތައް ނެގުމުގެ މަސައްކަތެވެ.
ކޮމެންޓް (1)
ސިކުނޑި