އިޓަލީގެ ފަސް ފަތުރުވެރިން ތާށިވި 60 މީޓަރު އަޑީގައި ހުރި ކޭވް؛ މިއީ ރެކްރިއޭޝަނަލް ޑައިވްތަކަށް ފީނުން ހުއްދަ އޮންނަ ތަނެއް ނޫން(ފޮޓޯ/ޝަފްރާޒް ނައީމް)

ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ފެނިއްޖެ

މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މާދަމާ އަަދި އަނެއް ދެ ހަށިގަނޑު ބުދަދުވަހު ނަގަން ވަނީ ނިންމާފައި
18 މޭ 2026
4

ވ. އަލިމަތާ ކައިރީ ކަނޑު އަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު އެތަނުގެ ތެރެއިން ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ސިފައިންނާއި ފުލުހުން އަދި ބޭރުގެ ތަޖުރިބާކާރުން ޑައިވަރުން ގުޅިގެން އެ މީހުން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން މިއަދު ބުނީ: 

  • މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި 

  •  ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން

"ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" ސިފައިން ބުންޏެވެ. 

މިދިއަ ބުރާސްފަތިދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި ހަތަރު ޑައިވަރުންގެ އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ އެދުވަހު ފެނިފަ އެވެ. އޭނާ މަރުވެފައި އޮތީ ހޮހަޅައަށް ވަންނަ ދޮރު ކައިރީގައި ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ހޮހަޅަ އުފެދިފައި ވަނީ 60 މީޓަރު (197 ފޫޓު) އަޑީގަ އެވެ. ހޮހަޅައިގެ ދިގުމިނުގައި 200 މީޓަރު (600 ފޫޓު) ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ހޮހަޅައިގެ އެތެރެ ބެހިފައި އޮތީ ތިން ބަޔަކަށެވެ. 

އިޓަލީގެ ފޮރިން މިނިސްޓްރީން ބުނީ ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ ހޮހަޅައިގެ އެންމެ ބިއްދޮށުން، ނުވަތަ ތިންވަނަ ބައިން ކަމަށެވެ.

ހަށިގަނޑު ހޯދުމުގެ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް

ހޮހަޅަތަކަށް ފީނުމުގެ މަތީ ތަޖުރިބާކާރުންގެ ގޮތުގައި ބެލެވޭ ފިންލެންޑްގެ ތިން ޑައިވަރުންނާއި ކޯސްޓް ގާޑާއި ފުލުހުންގެ ޑައިވަރުން ވެސް ހިމެނޭ ގޮތަށް މިއަދު ޑައިވްކުރީ މެންދުރެވެ. ބޭރުގެ ޑައިވަރުން ރާއްޖެ ފޮނުވައިދިން ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފީނުން ތިން ގަޑިއިރަށް ދެމިގެން ދިިޔަ ކަމަށެވެ.

މި އޮޕަރޭޝަންގައި އެހާ ފުނަށް ފީނާއިރު ގެންގުޅޭ އެންމެ ޒަމާނީ ވަސީލަތްތައް ވެސް ބޭނުންކުރި އެވެ. އެގޮތުން ނޭވާލާން ހާއްސަ ކްލޯޒްޑް-ސާކިޓް ރީބްރީދާ އާއި ކަނޑު އަޑީގައި ބާރަށް ދާން ޑައިވާ ޕްރޮފުލްޝަން ވެހިކަލްސް (ޑީވީޕީ) ހިމެނެ އެވެ.

ރީބްރީދާ، އާންމު ޑައިވިންތަކުގައި ބޭނުންކުރާ ނިޒާމާ ތަފާތެވެ. ރީބްރީދާއިން ކާބަން ޑިއޮކްސައިޑް އަނެއްކާ ބަދަލުކޮށްދެނީ ނޭވާލާން ރައްކާތެރި އޮކްސިޖަންއަށެވެ. އޭގެ މާނައަކީ ރައްކާތެރިކަމާ އެކު ގިނައިރު ޑައިވިންގައި އުޅެވޭ ގޮތް ވުމެވެ.

ހަށިގަނޑުތަކާ ހަމައަށް ދެވުމުގެ ކުރިން ހޮހަޅައިގެ އެތެރޭގެ ހާލަތު ވެސް ޑައިވަރުން ދެނެގަތެވެ. ކަނޑު އަޑީގެ ހޮހަޅައަކީ ވަރަށް ނުރައްކާތެރި މާހައުލެއް ކަމުން، ފީނާއިރު އެޅޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހޯދައި، އެއަށް ތައްޔާރުވި ކަމަށް، ޑޭންގެ ބަޔާނުގައި ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ބޭރުގެ ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި ދެ ޑައިވަރުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ އެވެ. އަނެއް ދެ ހަށިގަނޑު ނަގާނީ ބުދަދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސްޓްރަކްޓަރު ފިޔަވައި މަރުވި ހަތަރު ޑައިވަރުންނަކީ އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ އިލްމުވެރިންނެވެ. އެ މީހުންގެ މި ދަތުރުގައި ރާއްޖޭގެ މުރަކަތަކާ ބެހޭ ދިރާސާއަކަށް ހުއްދަ ނަގާފައިވާ ކަމަށް، މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެ ދިރާސާގައި ފުނަށް ފީނުން ވެސް ހިމެނެ އެވެ. އެކަމަކު، ތަރުޖަމާން ވިދާޅުވި ގޮތުގައި، ކަނޑު އަޑީގެ ހޮހަޅައަށް ފީނުމުގެ އެއްވެސް ވާހަކައެއް އެ ހުށައެޅުމުގައި ނެތެވެ. 

ހިތާމަވެރި ހާދިސާގައި މަރުވި މީހުން

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު، ޔުނިވަސިޓީގެ ދަރިވަރެއް

  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

މޮންޓެފަލްކޯންއަކީ ކަނޑު އަޑީގެ ދިރާސާތަކުގައި ވަރަށް މަޝްހޫރު އިލްމުވެރިއެކެވެ. އޭގެ އިތުރުން އޭނާއަކީ އެހާމެ ތަޖުރިބާކާރު ޑައިވަރެއް ވެސް މެ އެވެ.

ފަސް ޑައިވަރުން މަރުވި ސީދާ ސަބަބު ދެނެގަންނަން ދިރާސާތައް ބޭނުންވާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. ހަށިގަނޑުތައް ނަގާއިރު ދިރާސާތަކަށް ބާރު ލިބޭ ހެކިތައް ފެނުން ވެސް އެކަށީގެންވެ އެވެ.

ކޮމެންޓް (4)

ދޫނި އަހައްމާ

18 މޭ 2026
99 ޕަސެންޓު ކަނޑު އޮތް ގައުމެއެގަ އަދިވެސް ގެންނަންވީ ހަނގުރާމަ ކުރަން ޖެޓާ ޓޭންކާ ބުލްޑޯޒަރު.
4 0

ދިވެހިން

18 މޭ 2026
ބޭރުގެ ތަޖުރިބާކާރުންގެ ފުރަތަމަ ޑައިވް އިން މިކަން ޙާޞިލުވެއްޖެ. ދެން ދިެވހިންގެ މިހުނަރު ނެތީތަ. ކިހިނެއް ދިވެހިންނަށް އެއްވެސް ކަމެއްގައި އިތުބާރުކުރެވޭނީ. ނިކަން ބުނެބަލަ
12 2

ޔަގީންޓާ

19 މޭ 2026
@ދިވެހިން އަދި އެވަރަށް ތަމުރީނު ނުވަނީ، ތަމުރީނު ވީމާ ރަނގަޅުވާނެ
0 0

ސިކުނޑި

19 މޭ 2026
@ދިވެހިން ދިވެހިންގެ ހުނަރު އެބަހުރި އާލާތްތަކާއި ވަސީލަތްތައް ނެތީ! 60 މީޓަރު އަޑިއަށް ގޮސްފައި 200 މީޓަރުގެ ތަނެއް ބަލާ ފާސްކުރަން ވަގުތެއް ނުލިބޭނެ ޚާއްސަ އާލާތްތަކެއް ނެތިއެއް!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް