ކަނޑުއަޑީ ހޮހޮޅައެއްގައި ތާށިވެފައިވާ އިޓަލީގެ ހަތަރު ޓޫރިސްޓަކު ހޯދުމުގެ އޮޕަރޭޝަންގައި ފީނަމުން ދަނިޖކޮށް މަރުވެފައި ވަނީ އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ

ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި؛ ގެއްލިގެން ދިޔައީ އެންމެ މޮޅު އެއް ޑައިވަރު

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މަހުދީ ވަނީ މީގެ ކުރިން 70 މީޓަރު އަޑިއަށް ވެސް ފީނާފައި

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ފުރާނަ އަތްމައްޗަށް ލައިގެން، ކަނޑުގެ އެތައް މީޓަރެއް އަޑިއަށް ދިޔަ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަކީ އެފަދަ ދެވަނައެއް ނެތް ޑައިވަރެކެވެ.

އެކަމަކު އެ ހާދިސާގައި އޭނާގެ ހާލު ދެރަވެ މިއަދު ވަނީ ނިޔާވެފަ އެވެ. އެއާ އެކު މުޅި ސޯޝަލް މީޑިއާ ފުރާލީ، 44 އަހަރުގެ އެ ޑައިވަރުގެ ހިތްވަރުގެ ވާހަކައިންނެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މަހުދީއަކީ އެ ދާއިރާއިން ރާއްޖޭގައި އެންމެ ބޮޑަށް ތަމްރީނު ލިބިފައިވާ، އެންމެ މޮޅު އެއް ޑައިވަރެވެ. އެގޮތުން، މިވީ ދުވަސްތަކުގައި އެތައް ހާސް ފަހަރަކު ފީނާފައިވާއިރު، ނުރައްކާތެރި އަދި އުނދަގޫ ހާލަތެއްގައި އެ މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މަހުދީ ވަނީ އޮޕަރޭޝަނެއްގައި 70 މީޓަރު ފުނަށް ވެސް ފީނާފަ އެވެ.

ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.

ޑައިވަރުން ހޯދުމުގެ މި ނުރައްކާތެރި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހުރި އެކަކީ ވެސް މަހުދީ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އޭނާއާ އެކު ސިފައިންގެ ޓްރެއިނިން ފުރިހަމަ ކުރި، މަހުދީއަކީ އޭނާ ދެނެވަޑައިގެންނެވި އެންމެ މޮޅު ގާބިލް އެއް ސިފައިން މީހާ އެވެ.

"މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުން ކުރިމަތިލަނީ ގިނަ ބަޔަކަށް ދުވަހަކު ވެސް ތަސައްވަރު ނުކުރެވޭނެ ފަދަ ނުރައްކާތަކާ އެވެ. އެ މީހުންގެ އަސްލު މަސައްކަތް ފެށެނީ، ހާލަތްތައް ގޯސްވެ، ނުރައްކާ އެންމެ ބޮޑުވާ ހިނދެވެ،" އިހުސާން ވިދާޅުވި އެވެ.

"އެ މީހުންނަކީ އެހެން މީހުން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި، އެއްވެސް ފަސްޖެހުމެއް ނެތި ގައުމީ ވާޖިބު އިސްކޮށް، އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން މަސައްކަތްކުރާ ބައެކެވެ."

މަހުދީގެ ހިތްވަރު އޭނާ ދަންނަ ގިނަ ބަޔަކު ފާހަގަ ކުރި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ އެއީ މީހުންނާ ގުޅޭ، އެކުވެރި އަދި އަބަދުވެސް އެހީތެރިވުމަށް ތައްޔާރަށް ހުންނަ މީހެއް ކަމަށެވެ.

"ދުއާއަކީ އޭނާއަށް ޝަހީދެއްގެ ދަރަޖަ ދެއްވުން،" މަހުދީގެ ހިތްވަރު ފާހަގަކޮށް، ސޯޝަލް މީޑިއާގައި ކުރި ޕޯސެްޓެއްގައި މީހަކު ބުންޏެވެ.

ކޮމެންޓް (2)

ވަރައްދެރަ

17 މޭ 2026
މިއީ ރެސްކިއު އޮޕަރޭޝަނެއްނޫން، ވީއިރު ފުރިހަމަ ފެސިލިޓީސްނެތި މިކަންކުރުމައް ކޮމާންޑް ކުރީކީއްވެ ކަމާމެދު ސުވާލުއުފެދޭ، ދިވެހިންގެ ފުރާނައިގެ އަގެއްނެތީތަ، ދުނިޔޭގެ ތަޖުރިބާކާރު މީހުންގެ އެހީޔައްއެދެވެން އޮތްވާ ، ކީއްވެ މިކަންތައް ކުރަން އަމުރުކުރީ، އަޅުގަޑުމެންގެ އަޙާޔައް ސުވަރުގެ މިންވަރުކުރައްވާށި އާމީން
0 0

ސިކުނޑި

17 މޭ 2026
ގެއްލިގެން އެދިޔައީ އަހަރުމެންގެ ވަރަށް ގާތް އަޚެއް! ދެންވެސް މުރާޖަޢާ ކުރަންވީ ރެސްކިއު ޑައިވިން ޕްރޮޓޮކޯލްސް! ޓީމް އެއްކޮށް އަޑިއަށް ގޮސްފައި އަރާއިރު އެކަކު މަދުވެގެން ދެން ހޯދަން ގޮސް ބަލާއިރު ހޭނެތިފައި އޮތުމަކީ ބަލައިގަނެވޭނެކަމެއްނޫން! ސިފައިންގެ އޮޕަރޭޝަންތަކުގައި އެކަނިވާ އެއްވެސް ހާލަތެއް އައިސްގެންނުވާނެ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް