އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރައްވާ ހަތަރު ބޭފުޅުން (ކވ): ރިލްވާން، ޒަހިއްޔާ، މީކާއިލް އަދި ހަނާ: މިއަދު އޮންނަ އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމުގައި ޕާޓީގެ ފަރާތުން ވާދަ ކުރާނެ މީހަކު ކަނޑައަޅާނެ

އެމްޑީޕީ

އެމްޑީޕީން މާލެ ޑެޕިއުޓީ މޭޔަރު ރޭހުގައި 4 މީހުން؛ ވިޕްލައިނެއް ނެރުމަށް ވޯޓެއް ނަގަނީ

މީގެ ކުރިން އެމްޑީޕީން އަށް ބޭފުޅަކު މި މަގާމަށް ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް، މަޝްވަރާތަކަށް ފަހު އެ އަދަދު ވަނީ ހަތަރަކަށް މަދުކޮށްފައި

މިއަދު ދައުރު ފެށުނު މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ހަތަރު ބޭފުޅަކު ޝައުގުވެރިވެއްޖެ އެވެ. އަދި އޭގެ ތެރެއިން އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްްޓަކައި އެ ޕާޓީގެ ކައުންސިލަރުންގެ މެދުގައި ވޯޓެއް ނެގުމަށް ނިންމާފައިވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ވީ ކިހިނެއް؟ - އާ ކައުންސިލަރުން މިއަދު ވަނީ ހުވާކޮށްފަ އެވެ. އަދި ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ އެވެ. އެގޮތުން:

  • އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރަކު ހޮވުން އޮންނާނެ

  • އާ ކައުންސިލްގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް މީގެ ކުރިން އަށް ބެފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި؛ ނަމަވެސް 'ދައުރު'އަށް އެނގިފައިވާ އެކި މަޝްވަރާތަކަށް ފަހު، މިހާރު އެ މަގާމަށް ޝައުގުވެރިކަން އޮތީ އެމްޑީޕީގެ ހަތަރު ކައުންސިލަރުން

ތަފްސީލު - އެމްޑީޕީ ތެރެއިން އެކަކަށް ވުރެ ގިނަ ކައުންސިލަރުންގެ ޝައުގުވެރިކަން ޑެޕިއުޓީ މޭޔަރަކަށް އޮތުމުން، މިއަދު އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމެއް ބާއްވައި، ގޮތެއް ނިންމުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ. އެކަން އެމްޑީޕީގެ ދެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

"އެ ބައްދަލުވުމުގައި ނަގާ ވޯޓުން ޑެޕިއުޓީ މޭޔަރަކަށް ޕާޓީން ވާދަ ކުރާނެ މީހަކު ހޮވާނީ. މިއީ ވިޕެއް ނެރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް،" އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ހަތަރު ބޭފުޅަކު އެ މަގާމަށް ވާދަ ކުރާނެ އެވެ. އެއީ:

  • 1-

    މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - 1،040 ވޯޓާ އެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 365 ވޯޓުގެ ފަރަގުން

  • 2-

    މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - 943 ވޯޓާ އެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 373 ވޯޓުގެ ފަރަގުން

  • 3-

    ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - 935 ވޯޓާ އެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 191 ވޯޓުގެ ފަރަގުން

  • 4-

    ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - 665 ވޯޓާ އެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ 111 ވޯޓުގެ ފަރަގުން

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ވެފައިވަނީ ދެ ބޭފުޅުންނެވެ. އެއީ:

  • ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް

  • ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހް

ޕީއެންސީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރައްވަނީ، އެ ދެ ބޭފުޅުންގެ ތެރެއިން ކާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް