މީގެ ކުރިން ބޭއްވި ޑައިވިން ހަރަކާތެއްގެ ތެރެއިން އެމްއެންޑިއެފް ކޯސްޓްގާޑް ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކޭވްއެއްގެ ތެރެއިން؛ ބާކީ ތިބި 4 މީހުން ދަނީ ހޯދަމުން: އެމްއެންޑީއެފް

މި ކޭވްއަކީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްއެއް

ޑައިވިންއަށް ދިޔަ ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު މީހުން އަދިވެސް ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ އެންމެ ފުރަތަމަ ބުނީ، ފަސް ޑައިވަރުން ވެސް މަރުވެފައި އޮއްވާ ފެނުނު ކަމަށެވެ. ނަމަވެސް ފަހުން އެއީ މައުލޫމާތުގެ ކުށެއް ކަމަށް ބުނެ ފެނުނީ އެކެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު އެމްްއެންޑީއެފްއިން ވަނީ ދީފަ އެވެ.

ތަފްސީލު - އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ޑްރައިވަރުން ވ. އަތޮޅުގައި ޑައިވިންއަށް ގޮސްގެން އުޅެނިކޮށް، ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 1:45ގައި އެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މި މަސައްކަތުގައި ސަފާރީ އާއި ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ.

"އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ [އިރުއޮއްސި] 6:13 ހާއިރު މޫދު އަޑިންނެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ،" އެމްއެންޑީއެފްއިން ބުންޏެވެ.

"މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން."

އޭގެ އިތުރުން އެމްއެންޑީއެފްއިން ބުނީ:

  • ބާކީ ތިބި ހަތަރު ޑައިވަރުންވީ ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި 

  • މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު، 'ގާޒީ' އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް