'އަދަދު'ގެ ދެ ނޫސްވެރިއަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި މިއީ ކަޅު ދުވަހެއް: އިދިކޮޅު ވެރިން

ބައެއް ބޭފުޅުން ސިފަކުރެއްވި ގޮތުގައި އަސާސީ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެ މިއަދު ވަނީ ބައި ގަރުނު ފަހަތަށް ސޮއްސާލާފައި

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވިކަމަށް ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ އެކު، މިއަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ކަޅު ދުވަހެއްގެ ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ވެރިން ސިފަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގެ މައުލޫއުއާ ގުޅޭގޮތުން ސީދާ އަދި ނުސީދާކޮށް ވެސް އެއްވެސް ވާހަކައެއްނުދެއްކުމަށް ކްރިމިނަލް ކޯޓުން އެންމެންގެ މައްޗަށް އިއްޔެ ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށްލުމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރެވެ.

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން (ވ) އާއި ލީވާން އަލީ ނާސިރު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ހުކުމް ކުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކުރުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު އަމުރު ނެރުއްވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.

އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި:

  • ޝަހުޒާން ޖަލަށްލީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ރައީސް މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެން. އޭނާގެ މައްޗަށް އައީ 15 ދުވަހު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުގެ ހުކުމެއް

  • ލީވާން ޖަލަށްލީ، ކޯޓު އަމުރު ނެރުމާ ބެހޭގޮތުން ހަބަރު ލިޔުނީ އެ އަމުރާ ހިލާފަށް ކަމަށް ކަނޑައަޅާ. އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ 10 ދުވަހަށް

ތަފްސީލް - އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ ލީޑަރުން މިރޭ ވަނީ ދެ ނޫސްވެރިން ޖަލަށްލުން ކުށްވެރި ކުރައްވައި، ވާހަކަ ދައްކަވާފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައްޔިތުންގެ ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި، ލަދުވެތި ބާބެއް ކަމަށެވެ. އަދި މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްގަދަ ކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ މިފަދަ ހަމަލާތައް ކާމިޔާބެއް ނުވާނެ،" ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މި ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި ދެމިހުންނަވާނެކަން ފާހަގަ ކުރައްވައި ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖެއްގައި ވަނީ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފަ އެވެ.

"ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ކޮލަމްބޯގައި މިރޭ އެ މަނިކުފާނު ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ނޫސްވެރިން ޖަލަށް ލުން ކުށްވެރިކުރައްވައިފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަނދިރި ދުވަހެކެވެ.

"ނޫސްވެރިން އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ޖަލަށް ލެވިގެނެއް ނުވާނެ،" ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައި ޝާހިދު އެކްސް ޕޯސްޓެއްގައި ލިޔުއްވި އެވެ.

'މި ސޮއްސާލީ ބައި ގަރުނު ފަހަތަށް'

ކްރިމިނަލް ކޯޓުގެ ހުކުމް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސިފަ ކުރެއްވީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ ސައްހަ ނޫން މި ޝަރީއަތްތަކުން ހާމަވަނީ، ނޫސްވެރިންނަށް ގޯނާކޮށް ބިރުދެއްކުމުން އެކަނި ރައީސް މުއިއްޒުއަށް މިހާރު ފުދިވަޑައިނުގަންނަވާކަން ކަމަށެވެ.

އޭގެ އިތުރުން:

  • އަމިއްލަ އަދި ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަނިޔާވެރިވުމަށް ދައުލަތުގެ އެންމެހާ ބާރުތަކުގެ ނާޖާއިޒު ފައިދާ ނެންގެވުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް

  • އެއާއެކު ގައުމުގެ ތާރީހުގައި ނުހަނު ބިރުވެރި ދުވަސްވަރަކަށް އަލުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި

ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސްގެ މި އަމަލުން، އަސާސީ ހައްގުތަކަށްޓަކައި ކުރަމުންދާ މަސައްކަތް ބައި ގަރުނަށްވުރެ ފަހަތަށް ވަނީ ސޮއްސާލާފަ އެވެ.

"... ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މި ސަރުކާރަށް މަޖަލަކަށް ވެދާނެ. އެކަމަކު މި ހައްގުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އަޅުގަނޑުމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެއާއެކު ފައްޔާޒު ވަނީ އެކަމާ ދެކޮޅަށް، ކުރެވެން އޮތް ގޮތަކަށް އިހްތިޖާޖު ކުރުމަށް ގޮވާލައްވާފަ އެވެ.

ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ކްރިމިނަލް ކޯޓުގެ މި ހުކުމް ކުށްވެރި ކުރައްވާފަ އެވެ.

ޖަމީލް ފާހަގަކުރެއްވި ގޮތުގައި ޝަހުޒާނާއި ލީވާން ޖަލަށް ލުމަށް ހުކުމް ކުރީ، ސީދާ ރައީސް މުއިއްޒުގެ މަސްލަހަތު ހިމެނޭ ކަމެއްގަ އެވެ. އަދި އިންސާފު ދޭ ފަރާތުގެ އިންސާފުވެރިކަން ވެސް ރައްޔިތުންނަށް ފެންނަން ވާނެ ކަމަށާއި ކްރިމިނަލް ކޯޓުގެ މި ހުކުމް އަދުލު އިންސާފުގެ ހުރިހާ މިންގަނޑަކުން ވެސް ގޯސް ކަމަށް ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ އަމަލުތަކުން އަދުލު އިންސާފާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ،" ޖަމީލް ވިދާޅުވި އެވެ.

ނޫސްވެރިން ޖަލަށްލުން، އިދިކޮޅު އެހެން ބައެެއް ވެރިން ވެސް ވަނީ ކުށްވެރި ކުރައްވާފަ އެވެ.

'އަދަދު'ގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު (ކ2) އާއި މުހައްމަދު ޝަހުޒާން (ކ3) ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ (ކ) އާއި އެޑިޓަރު ހަސަން މުހައްމަދު (ވ) އާއެކު. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް މީހަކު:

  • 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން

  • ޑޮކިޔުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދައްކަން

  • ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން

  • މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން

ކޮމެންޓް (1)

ސަމީރު

13 މޭ 2026
މީ ކަޅު ދުވަހެއް ނޫން. ނޫސްވެރިންނަށް ވެސް ރަތްރޮނގެއް އޮންނަކަން އެގެންޖެހޭނެ. އެކަން މިއެނގުނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް