ދައުރުގެ 'އެއްބަސްވެ ދެބަސްވަމާ' އެޕިސޯޑް 22ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދިވެހި ސަރުކާރާ މަޝްވަރާކުރަން މޮރިޝަސްއިން އޮތީ ތައްޔާރަށް: ނަޝީދު

ނަޝީދު ވިދާޅުވީ މޮރިޝަސް ސަރުކާރާ ދިވެހި ސަރުކާރުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް

ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތް މޮރިޝަސްއިން އޮތީ ސުލުހަވެރި ހައްލެއް ހޯދަން ރާއްޖެއާ މަޝްވަރާކުރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޮރިޝަސް އިން، ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލީ، މިދިޔަ މާޗު މަސްތެރެ އެވެ. އެ ގުޅުން ކަނޑާލި ސަބަބަކަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ، ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އާއި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ދައުވާކުރަމުންދާތީ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ.

ބުނީ ކީކޭ؟ - އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އޮތް 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ، އެ ދަތުރުފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާއި ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. އެބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުންމީދުކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް މޮރިޝަސް ސަރުކާރާ އެކު މި ފުރުސަތުގެ ބޭނުންކޮށްގެން ކުރިއަށްދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފަައިސާގެ ދަތިކަމާގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ބޭފުޅުންނާއި ވެސް މަޝްވަރާތަކެއް ކުރައްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެކުވެރި ދައުލަތްތަކުން ދޭ ފައިސާ އިސްރާފުކުރަމުންދާ ނަމަ، އެ ގައުމުތަކުގެ އިސް ފަރާތްތަކުން ވެސް އެއްޗެހި ހިތަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު އުންމީދުކުރަން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން ވަކި ޕްރޮގްރާމެއްގެ ދަށުން މިކަންކަން ކުރިއަށް ގެންދެވޭނެގޮތަކަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިންމު -  ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން އެނގެން އޮތް ކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި:

  • ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ރާއްޖެއިން ވަނީ ނިންމާފައި

  • ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ގުޅޭ ޓްރައިބިއުނަލް އިޓްލޮސްގެ ނިންމުން ބަލައިނުގަންނަކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރައްވައި ކޯސްޓްގާޑުގެ އުޅަނދުތައް އެ ސަަރަހައްދަށް ވަނީ ފޮނުވާފައި 

ކޮމެންޓް (3)

މޮހޮނދޭ

10 މޭ 2026
ބައްޔެއްނު! ކޮން މޮރިޝަސް އެއް؟ ފޯޅަވައްސާ ބެހޭ ގޮތުން ވާހަކަދައްކަންޖެހޭ މޮރިޝަސް އެއްނޯންނާނެ. އެއީ ރާްޖެއާ އެތަން އަޅުވެތިކޮއްގެން އުޅޭ އިނގިރޭސިންނާ ދެމެދު އޮތްކަމެއް.
0 0

ކޮސް

9 މޭ 2026
ނަޝީދަކީ މޮޅު ޑިޕްލޮމެޓެއް. މުއިއްޒުގެ ސިފައަކީ ފަހަށް ނުވިސްނާ ސިނގުރުޅިއެއްއައިސް ޤައުމަށް ގެއްލުންވާގޮތަށް ފިޔަވަޅު އެޅުން.
0 6

ހިމާރުލްގައުމު

10 މޭ 2026
@ކޮސް މޮރިޝަސްއާ ގުޅުން ކަނޑާލީ ރާއްޖެއިންތަ ނޫނީ އެމީހުންތަ؟ ކެރަފާ ނަޝީދުގެ ކަލްޓު ޖަމާއަތު މީހުންނަށް އޭނަ ވަރުގެ ޑިޕްލޮމަޓެއް ނޯންނާނެ. ދޭ އިޒްރާހެލްއާ ގުޅުން ގާއިމު ކުރަން. އޭނަގެ މޮޅު ޑިޕްލޮމަސީގެ ދަށުން އެކަންވެސް ކުރަން އުޅުނެއްނު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް