އީޝާގެ ވަކީލުން ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/އަޝްއަލް ސައީދު)

ފުލުހުން

ދިފާއުގައި ވާހަކަދައްކަން އީޝާ އަކަށް ފުލުހުން ފުރުސަތެއް ނުދިން: ވަކީލު

އީޝާ އާ ތުހުމަތު ކުރަނީ ގަޒުފު ކުރި ކަމަށް ކަމަށާއި، ކާކާތޯ އެކަން ކޮށްގެން އުޅެނީ ސާފުކޮށްދޭން އެދުމުން ފުލުހުން އެކަން ސާފުކޮށް ނުދޭ ކަމަށް ޝަމީމް ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކުރި އީޝާ އަޝްރަފް އަށް ދިފާއުގައި ވާހަކަ ދައްކަން ފުލުހުން މިއަދު އެއްވެސް ފުރުސަތެއް ނުދޭ ކަމަށް އޭނާގެ ވަކީލު ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މާޗު މަހު ފަހުކޮޅު އެ ޑޮކިއުމެންޓްރީ ނެރުނުތާ އެއް މަސް ފަހުން ފުލުހުން ތަހުގީގެއް ފަށައި އަދަދު ނޫހުގެ އިދާރާ ފާސްކޮށް އެތަނުގެ ކޮމްޕިއުޓަރު ސާމާނު ވަނީ ގެންގޮސްފަ އެވެ.

އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކެއް އަދާކޮށްފައިވާ އީޝާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ

އެ ތަހުގީގުގައި ސުވާލުކުރުމަށް ފިޔާޒާއި ހަސަން މީގެ ކުރިން ހާޒިރުކުރުމުން އެ ދެ ނޫސްވެރިން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންފަ އެވެ. ތަހުގީގަށް އީޝާ ރޭ އަދި މިއަދު ހަވީރު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

އީޝާގެ ވަކީލުން ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/އަޝްއަލް ސައީދު)

ތަފްސީލް - ފުލުހުންގެ އިދާރާއިން ނިކުމެ، މީޑިއާ އާ ވާހަކަ ދައްކަވަމުން ވަކީލު ޝަމީމް މިއަދު ވިދާޅުވީ އީޝާގެ ތަހުގީގުގެ ބަޔާން މިއަދު ނަގާފައިވާ ކަމަށާއި މައިގަނޑު ތިން ސުވާލެއް ކުރި ކަމަށެވެ.

އީޝާ އަށް ތުހުމަތު ކުރަނީ ގަޒުފު ކުރި ކަމަށް ކަމަށާއި ކާކާތޯ އެކަން ކޮށްގެން އުޅެނީ ސާފުކޮށްދޭން އެދުމުން ފުލުހުން އެކަން ސާފުކޮށް ނުދޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިފާއުގައި ވާހަކަ ދައްކަން ފުރުސަތަކަށް އެދުނީމާ ދިފާއުގައި ވާހަކަދައްކަން ފުރުސަތެއް ނުދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަ ދައްކަން ފުރުސަތެއް ނުދެއްވާ،" ޝަމީމް ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށް ގެންދާ ފުލުހުންނަށް، އީޝާ އަށް ދިފާއުގައު ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ފުރުސަތެއް ނެތް ކަމަށް ދޭހަވާކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެބޭފުޅުން ބަޔާލުގައި ލިޔުއްވާދެއްވި ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދޭކަމަށް. އެގޮތަށް ފުރުސަތު ނުދީ މި ނިންމާލެއްވީ."

ޝަމީމް ވިދާޅުވީ މި މައްސަލާގައި އީޝާގެ ތަހުގީގުގެ ބަޔާން ނިމުނީކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އީޝާ އަކީ ވިކްޓިމްއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރޭ ވިދާޅުވިކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ވިކްޓިމްއަކަށް ވާގޮތް ކިޔައިދޭން ވެސް ފުލުހުން ފުރުސަތު ނުދޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ މައްސަލަ ޝަރީއަތަށް ގޮސްފި ނަމަ، މައްސަލާގައި ވިކްޓިމްއަކީ ކާކުތޯ އަދި ޕާޕެޓްރޭޓާ އަކީ ކާކުތޯ ކިޔައިދޭނެ ކަމަށެވެ.

"މިހާރު ފުލުހުން ތުހުމަތު ކުރަނީ ޢީޝާ އަކީ ޕާޕަޓްރޭޓާ ކަމަށް، ދެން އެހެން މީހުންނަކީ ވިކްޓިމުން ކަމަށް. އަޅުގަނޑު މި ދަންނަވަނީ އޭގެ އަނެއްކޮޅަށޭ އަސްލު ހަގީގަތުގައި އޮތީ."

ވިކްޓިމް އަށް ވާގޮތް ދައުލަތުން ނެރެފައި ހުރި ފޮތްތަކުގައި ސާފުކޮށް ލިޔެފައި އެބަހުރިކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

އީޝާގެ ވަކީލުން ފުލުސް އޮފީހުން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/އަޝްއަލް ސައީދު)

ޝަމީމް ވިދާޅުވީ އީޝާގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރުގައި ތުހުމަތުކޮށްފައި އޮތީ ގާނޫނުލް އުގޫބާތުގެ 612 އަދި 630 ވަނަ މާއްދާ ކަމަށެވެ. އެކަމަކު އިއްޔެ ތުހުމަތު އިއްވީ 612 ވަނަ މާއްދާ އެކަނި ކަމަށް ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ މިއަދު ތުހުމަތު ކުރީ އެހެން ކަމަކަށް ކަމަށެވެ.

"ކޮންމެވެސް ނޫހަކުން ހަދާފައި އޮތް ރެކޯޑިން އެއްގައި ދެއްކި ވާހަކައެއް ކަމަށް ރޭގައި ވިދާޅުވެފައި އޮންނަނީ. މިއަދު ވިދާޅުވީ އާންމު ތަންތަނުގައި ވެސް އެވާހަކަ ދައްކަމުން ހިނގަނިއްޔޭ މީހުން ކައިރީ ވެސް އެ ވާހަކަ ދައްކަނިއްޔޭ،"

އެވާހަކަތައް ތުހުމަތު ލިޔުމުގައި ނެތްކަން ފާހަގަ ކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ތަފާތު ތިން ތުހުމަތެއް، ތަފާތު ތިން ކަމެއްގެ ވާހަކަ އަޅުގަނޑުމެންނަށް އައިޑެންޓިފައި ވެއްޖެ. މި ތިން ކަންތައް ވެސް މި އަންނަނީ ބަދަލުވަމުން. އަޅުގަނޑުމެންނަށް ހަގީގަތުގައި ތައްޔާރުވެގެން ޖަވާބުދޭކަށް ފުރުސަތެއް ނުލިބޭ ދިފާއު ވާކަށް ފުރުސަތެއް ނުލިބޭ ތަހުގީގު މަރުހަލާގައި." ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގަށް ސަރުކާރުން ނުފޫޒުފޯރުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް ބައެއްކަހަލަ ވާހަކަ ދައްކަން ފުލުހުން ފުރުސަތު ނުދޭކަން ފާހަގަވި ކަމަށެވެ.

"ކާކު ނުފޫޒުފޯރުވައިގެންތޯ، ނުފޫޒެއް ފޯރައިގެންތޯ ނޫނީ ނޫންތޯ އަޅުގަނޑަކަށް ނޭނގެ. އެހެން ނަމަވެސް އާންމުގޮތެއްގައި ފުލުހުންގެ ތަހުގީގުތަކުގައި ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ދޭގޮތަށް މި މައްސަލާގައި ފުރުސަތެއް ނުދެއްވާ. ދެން ނުދެއްވި ކަމަށް ވެސް ލިޔުއްވައިފި. އެހެންވީމާ އެބޭފުޅުން ގަބޫލު ކުރައްވައިފި ނުދެއްވޭ ކަމަށްވެސް،" ޝަމީމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ.

އޭނާ އާއި ފިޔާޒު އަދި ހަސަންގެ ޕާސްޕޯޓް 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަށް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް (4)

ހޯގުޅާ

7 މޭ 2026
ޝަމީމު ކަހަލަ "މަޝްހޫރު" ޤާނޫނީ ވަކީލަކު އަދި ކުރީގެ ޕީޖީ އަކު ތިކަހަލަ ވާހަކަ ދައްކަވާތީ ވަރަށް ލަދުން މިހިރީ.
0 0

މީކާކު؟

7 މޭ 2026
މި ޝަމީމެއްނުންތަ ބުނީ އަދީބަށް މިތައްސަތޭކަ އަހަރެއްގެ ޖަލު ހުކުމެއް އަންނާނޭ. މީނާ ދައްކާވާހަކަ ގަބޫލުކުރާނީ މީނާކަހަލަ ލާދީނީ އުތަމަ މީހުން.
0 0

އީޗޯ

7 މޭ 2026
އީސާ އަށް ސަރުކާރުން އިނާޔަތެއް ދީފަ ބޭރުގައުމެއްގަ ބަހައްޓާލާ... ޔުމްނުވެސް އެހެންނު... އަހަރުންގެ ލާރި ކައިގެން ލަދެއްވެސް ނުގަނޭ މި މީހުން (ދިން މީހާ + ކެއިމީހާ)!!!!
0 0

ރޯޅި

6 މޭ 2026
މައްސަލަ ހުޅުވާލާފައިވާ ޝަރީއަތުގެ މަޖިލީހެެއްގަ ނުބާއްވާނެ. ކުރީގެ ފުލުސްކޯޓުން އިއްވާކަހަލަ ހުކުމެއް އިއްވާނީ. މިހާ ހިސާބުންވެސް ވިކްޓިމްއަކީ ކާކުކަން ރައްޔިތުންނަަށް ސާފުވެއްޖެ. މޮނިކާ ލުވިސްކީއާއި ކުލިންޓަންގެ ވާހަކަ ........!
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް