ބަންޑާރަ ނައިބު އަހުމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އަހުމަދު އުޝާމް

މައުލޫމާތު ހޯދަން ކަމަށް ބުނެ ވަރަށް ގިނައިން ގާނޫނު 'އެބިއުސްކުރޭ': އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުދޭ މައްސަލާގައި ނޫސްވެރިޔަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން

މައުލޫމާތު ހޯދަން ކަމަށް ބުނެ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ބައެއް މީހުން 'އެބިއުސްކުރާ' ކަމަށް ނުވަތަ ނަހަމަ ގޮތުގައި ބޭނުން ހިފާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އުޝާމް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ފޯރުނުކޮށްދޭ މައްސަލާގައި ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި އުޝާމް ވިދާޅުވީ އެ ގާނޫނާ ހިލާފުވެގެން ފިޔަވަޅެއް އެޅުމަކީ ބަންޑާރަ ނައިބު އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ގާނޫނުގައިވާ ގޮތުގެ މަތިން މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ދައުލަތުގެ އިދާރާތަކުން ވެސް ގާނޫނަށް އަމަލުކުރަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ. 

އެ ގާނޫނު އެކުލަވާލީ ހާއްސަ މަގުސަދެއް ހާސިލްކުރުމަށް ކަމަށާއި ގާނޫނު 'ހެޔޮ ގޮތުގައި ހިފާ' މީހުންނަށް ގާނޫނުގައިވާ ގޮތަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ހެޔޮ ނޫން ގޮތަކަށް ވެސް ގާނޫނުގެ ބޭނުން ހިފާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އާރުޓީއައި [ރައިޓް ޓު އިންފޮމޭޝަން] ގާނޫނު ހެޔޮ ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މި ދަނީ މިހާރަކަށް އައިސް އަމުދުން، އާރުޓީއައި ގާނޫނު އެބިއުސްކުރާ ތަން ވެސް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.

ގާނޫނުގެ ބޭނުން ބައެއް މީހުން ހިފާ ގޮތުން މައުލޫމާތު އަރުވަން ސަރުކާރުގެ އިދާރާތައް ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނު ނަހަމަ ގޮތުގައި ނުވަތަ ހެޔޮ ނޫން ގޮތެއްގައި ހިފަނީ ކިހިނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ބައެއް މީހުން 'ޖެއްސުމަށް' މައުލޫމާތަށް އެދޭ ކަމާއި އެދޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތަކީ ހަރަދުތަކެއް ވެސް ހިނގާ ކަމަކަށްވާތީ އަގެއް ނަގައިގެން ނޫނީ މައުލޫމާތު ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ހަދަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް މީގެ ކުރީގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

7 މޭ 2026
ވެރިކަން ކުރަން ނޭނގިގެން ގާނޫނު އަސާސީ އާއި ދައުލަތުގެ ބާރުތައް އެބިއުސްކުރާ ބަޔަކު ތިހެން ކިޔާތީ ހިނިއާދޭ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް