ގައުމީ ޔުނިވާސިޓީން ބޭއްވި ޕެނަލް ޑިސްކަޝަން އިވެންޓުގެ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްއެންޔޫ)

މައުލޫމާތު ހޯދައި ދޫކުރަން ބޮޑު ހަރަދެއް ހިނގާ؛ އާރުޓީއައިއަށް އަގެއް ނެގުން ރަނގަޅު: އިހުސާން

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަންނަ ހުށަހެޅުންތަކަށް ޖަވާބު ފޯރުކޮށްދިނުމަށް މި ވަގުތު ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ގައުމީ ޔުނިވާސިޓީން ހިންގާ ކެމްޕެއިނެއްގެ ޕެނަލް ޑިސްކަޝެނެއްގެ އިވެންޓެއްގައި
2 ޑިސެމްބަރު 2025
2

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަންނަ ހުށަހެޅުންތަކަށް ޖަވާބު ފޯރުކޮށްދިނުމަށް މި ވަގުތު ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އެ ކަމަށް އަގެއް ނެގުން ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ހޯމް މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ގައުމީ ޔުނިވާސިޓީން 'ނޯ ކެޕް، ޖަސްޓް ފެކްޓްސް' ނަމުގައި ހިންގާ ކެމްޕެއިނުގެ ތެރެއިން އިއްޔެ އެ ޔުނިވާސިޓީގެ ހޯލުގައި ބޭއްވި ޕެނަލް ޑިސްކަޝެނެއްގަ އެވެ.

އިހުސާން އެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުންނެވެ.

ބުނީ ކީކޭ؟ - މުއައްސަސާއަކުން މައުލޫމާތެއް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތުގެ ފަހަތުގައި ބޮޑު ހަރަދެއް ހިނގާތީ، މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި ކޮންމެވެސް އަގެއް އެ ކަމަށް ނަގާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

"ވަރަށް ގިނަ ގައުމުތަކުގައި ޗާޖުކުރޭ އެ މައުލޫމާތަށް. ޕޭ ކުރަން ޖެހޭ ކޮންމެވެސް ވަރެއް. ސަބަބަކީ އިޓް އިންވޯލްވްސް އަ ކޯސްޓް އޭގެ ބެކްއެންޑްގައި،" އޭނާ ވިދާޅުވި އެވެ.

ބައެއް ފަހަރު އެދޭ މައުލޫމާތެއްގެ ސަބަބުން ވެސް ބޮޑު ހަރަދެއް ހިނގާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މި ފަހުން ރަސްމިއްޔާތެއްގައި ބޮލަކަށް ކެއުމުގެ ހަރަދު ހިނގި ވަރާއި ކޮންމެ މީހަކު ކެއި ވަރުގެ މައުލޫމާތު ހޯދަން މީހަކު ހުށަހެޅި ކަމަށެވެ.

"ކިހިނެއްތޯ އެ ވަރަށް މައުލޫމާތު ބަލަހައްޓާނީ ވެސް. ހޯދާނީ ވެސް. ރަސްމިއްޔާތެއްގައި އަހުމަދު (އަސްލު ނަމެއް ނޫން) ކެއީ ކިތައް ގުޅަކަމެއް ކިިހިނެއް ހޯދާނީ؟ އެކަމަކު ޕޯޓަލްއިން އެދުނީމައި މިނިސްޓްރީގެ މެއިލަށް ރަސްމީކޮށް އެ ހުށަހެޅުން އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯދަން އުޅޭ މައުލޫމާތަކީ ފަސޭހައިން ލިބޭނެ މައުލޫމާތެއްތޯ ވެސް ބަލަން ޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ. މިހާރު އޮންނަ ގޮތުން، އެދެނީ ކޮން ކަހަލަ މައުލޫމާތަކަށް ކަމެއް ބެލެވެން ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮތީ ރަނގަޅު ގޮތަކަށް ވެސް ވެދާނެ. އެކަމަކު އިޓްސް އަ ވެރީ ކޮސްޓްލީ ޕްރޮސެސް. 80 އެއްހާ މުއައްސަސާ އޮންނަ އިރު ކޮންމެ ތަނަކަށް ކޮންމެ ދުވަހަކު އާރުޓީއައި މައުލޫމާތު ހޯދަން އެތައް ބައިވަރު ހުށަހެޅުމެއް އާދޭ،" އިހުސާން ވިދާޅުވި އެވެ.

މިހާރު ވެސް އެ މަސައްކަތަށް މަދުވެގެން ދެ މުވައްޒަފަކު ކޮންމެ މުއައްސަސާއެއްގައި ހުންނަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ އިންފޮމޭޝަން އޮފިސަރާއި އެޕީލް އޮފިސަރެވެ. އެ ދެ މީހުންގެ މަސައްކަތް ވެސް ބަލާނެ މީހަކު ބޭނުންވާކަން، ކުރެއްވުނު ތަޖުރިބާތަކުން އެނގޭ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މައުލޫމާތުގެ ހައްގުގެ އިތުރުން އިންސާފު ލިބުމާއި ޒާތީ މައުލޫމާތު ރައްކާތެރިވުމަކީ ވެސް ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގެއްކަން އިހުސާން ފާހަގަކުރެއްވި އެވެ. ބައެއް ފަހަރު އަވަސް އަރުވާލައިގެން ހާމަކުރާ މައުލޫމާތުގެ ސަބަބުން އަނެއް ދެ ހައްގަށް އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތަކަށް އަދި ދައުލަތުގެ މުއައްސަސާއަކަށް ވެސް އެންމެ ފަސޭހަވާނެ ގޮތަކީ އަވަހަށް މައުލޫމާތެއް ހިއްސާކޮށްލުން. އެކަމަކު އޭގެ ސްޓޭކްހޯލްޑާސްއަށް ވިސްނާ، ދައުލަތަށް ދައުވާކުރަން ދެން އަންނާނީ ކާކުތޯ. އެ ހައްގު ވެސް ކަށަވަރުކުރަން އެބަ ޖެހޭ،" އިހުސާން ވިދާޅުވި އެވެ.

މިއީ ދާއިރާގެ މާހިރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ވެއާ ވީ ޑްރޯ ލައިން. އެއީ އަޅުގަނޑަށް ފެންނަނީ އެޑިއުކޭޓެޑް ބޭފުޅުންގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ޑިސްކަސްކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.




ކޮމެންޓް (2)

ތެފައާސާ.

3 ޑިސެމްބަރު 2025
ކީކޭ ދެން ބުނާނީވެސް. ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ނިންމުންތައް ނިންމުމުގައި އިންފޯމްޑް ޑިސިޝަންތަކަކަށް ވާސިލްވުމަށް، ރައްޔިތުންގެ ކަންކަން ހަވާލުކޮށްފައި ތިބޭ މީހުން އެކަންކަން ކުރާ ގޮތުގެ މައުލޫމާތު އެ ރައްޔިތުންނަށް އަދާހަމަކޮށް ލިބިފައި އޮތުމަކީ ވަރަށް މުހިންމު އަސާސީ ކަމެއް. ދެން އެކަމަށް ޚަރަދެއް ހިނގަންޏާ އެ ޚަރަދެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަމަ ޖައްސައިގެން ވިޔަސް މައުލޫމާތު ހޯދައި ލިބިދިނުން ވީހާވެސް ފަހިކޮށް ތަނަވަސްކޮށް ހުޅުވާލާފައި ބޭއްވުން އެއީ ހެޔޮ ވެރިކަމަކަށް ނުހަނު ބޭނުންތެރިކަމެއް. ތިޔަ ކޮންފަރެންސެއްގައި ތި މަޝްވަރާކުރާ ދޮގު ވާހަކަ ފެތުރުންވެސް ހުއްޓުވޭނީ ވީހާވެސް ފުޅާކޮށް ތެދު މައުލޫމާތު ފޯރުކޮށްދެވިގެނެއްނޫންތަ؟ އަންތަރީސް ވެދާނެ މި މީހުންގެ ވިސްނުން މިހުންނަ ގޮތަކުން!!!
2 0

ނޫންތޯ

2 ޑިސެމްބަރު 2025
މިހާރު އޮންނަ ގޮތުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ޚަރަދެއް ހިނގަންޏާ އެޚަރަދެއް ދައްކަން އެއްބަސްވާންޖެހެޔެއްނޫންތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް