އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު 'ދައުރު'އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއް

މައުލޫމާތު ހޯދަން އެދުނު ސަބަބު ބަލަން ތަހުގީގެއް ނުހިންގޭނެ: އިންފޮމޭޝަން ކޮމިޝަނަރު

ރައީސް މުހައްމަދު މުއިއްޒު އާރަށަށް ވަޑައިގަންނަވާ އަދަދުގެ މައުލޫމާތު ހޯދަން އެދުމުން، އެ މައުލޫމާތަށް އެދުނު ފަރާތުގެ މަގުސަދު ހޯދަން ތަހުގީގެއް ހިންގާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ އަންގާފައި

މައުލޫމާތު ހޯދަން މީހަކު ހުށަހެޅުމުން، އެ މީހަކު މައުލޫމާތު ހޯދަން އެދުނު ސަބަބު ބަލައި ތަހުގީގެއް ހިންގުމަކީ އެއްވެސް މުއައްސަސާއަކަށް އަދި މިނިސްޓްރީއަކަށް ލިބޭ ބާރެއް ނޫން ކަމަށް، އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑިފެންސް މިނިސްޓްރީން އެ ގޮތަށް ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މަހޯލި' ޕޯޓަލް މެދުވެރިކޮށް 25 މާޗު އާންމު ފަރާތަކުން ހޯދަން އެދުނު އެ މައުލޫމާތާ ގުޅިގެން އެ މިނިސްޓްރީން އޭނާއަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ޖަވާބުގަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވާ ތަންތަނުގައި އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކާއި، އެތަންތަނަށް ވަޑައިގަންނަވާ އަދަދާއި، ގަޑި އަދި ސަބަބު ފަދަ މައުލޫމާތަކީ އެފަދަ މައުލޫމާތު ބޭނުންކޮށްގެން ދިފާއި ބާރުން އަދާކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާއަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވިދާނެ ފަދަ މައުލޫމާތުތަކެއް ކަމުން، އެ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ދިފާއީ ބާރުން ކުރައްވަމުންދާނެ ކަމުގައި ދަންނަވަމެވެ،" ޖަވާބުގައި ބުންޏެވެ. 

ބުނީ ކީކޭ؟ - އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުން އިންފޮމޭޝަން ކޮމިޝަނަރު 'ދައުރު'އަށް މިއަދު ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ އުސޫލުތަކަށް ބެލިއަސް، މައުލޫމާތު ހޯދަން އެދޭ ސަބަބާއި މަގުސަދު ބުނެދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގެއް ބޭނުންކޮށްގެން، އެއީ ކީއްވެގެން ކުރި ކަމެއްތޯ ބެލުމަށް ތަހުގީގެއް ހިންގަން އުޅުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. ހާއްސަކޮށް އެ ހައްގު ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ހުރަސްއެޅިދާނެ ކަހަލަ ގޮތަކަށް ކުރެވޭ ކަމެއް ގޮތަށް ބެލެވިދާނެ ކަމެއް،" އާހިދު ވިދާޅުވި އެވެ.

އެ ގޮތަށް ތަހުގީގު ހިންގުމަކީ އެއްވެސް މުއައްސަސާއަށް ކުރެވިދާނެ ކަމެއްތޯ ސުވާލުކުރުމުން އާހިދު ވިދާޅުވީ ގާނޫނުގެ އަސާސްތަކަށް ބެލުމުން ވެސް އެއީ އެއްވެސް ބަޔަކަށް ލިބޭ ބާރެއް ނޫން ކަމަށެވެ.

"މި ގާނޫނުގެ ދަށުން ހުށަހެޅުމެއް ހުށަހެޅީމައި، ހުށަހެޅުން ހުށަހެޅި ސަބަބާއި މައުލޫމާތު ހޯދުމަށް ފަހު މައުލޫމާތަށް ހަދާނެ ގޮތް، މި ތަހުގީގު ނިންމާފައި މައުލޫމާތު ދޭން ނުދޭން ނިންމާ ގޮތަށް ނޫން ގާނޫނުގެ މަފުހޫމު މި އޮތީކީ."

"ގާނޫނުގެ އަސާސަކީ ވެސް ވަކި ހާލަތަކާއި ވަކި ސަބަބަކާ ހުރެ އެ މައުލޫމާތެއް ހިފެހެއްޓިދާނެއޭ. އެފަދަ ހާލަތެއް އޮތް ކަމަށް ބެލެވިގެން އިދާރާއަކުން މައުލޫމާތެއް ދެވެން ނެތޭ ބުނުމަކީ މައްސަލައެއް ނޫން. ދޫނުކުރެވޭ ހާލަތުގައި ވެސް މަގުސަދު އަހައި އެއަށް ތަހުގީގު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން،" އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ އެ މައްސަލަ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ ކަން ހިނގި ގޮތް ބަލާނެ ކަމަށެވެ.

އެނގުން މުހިންމު - އާރުޓީއައި ގާނޫނުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުގައި ހޯދަން އެދޭ މައުލޫމާތު ނުދޭ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އެ މީހުންނަށް ކުރާ ހަރަދުތަކުގެ ތަފްސީލް ފަދަ މައުލޫމާތުތައް ދޭން ވަނީ ސަރުކާރުން ދެކޮޅު ހަދައިފަ އެވެ. 

ކުރީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އާރުޓީއައިގެ ދަށުން ބައެއް މައުލޫމާތު ދޭން ދެކޮޅު ހެދި އެވެ. އެގޮތުން އިންޑިއާ ސިފައިންގެ އަދަދާއި ބައެއް މަޝްރޫއުތަކުގެ ތަފްސީލް އަދި ރައީސް ކުރެއްވި ދަތުރުތަކުގެ ހަރަދުގެ ތަފުސީލު ފެންނާނެ ފައިސާގެ ރަސީދު ދޭން އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ. 



ކޮމެންޓް (5)

ތެފައާސާ.

14 އޭޕްރީލު 2025
މާދަމާގެ ނޫސްބަޔާން. "މައުލޫމާތު ހޯދަން އެދުނު ސަބަބު ބަލަން ތަހުގީގެއް ނުހިންގޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ބުނެފައިވާތީ، އެ ފަރާތުގެ މަގުސަދު ދެނެގަނެ އެ ފަރާތް ތަހުގީގުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ދިފާއީ ބާރުން ކުރައްވަމުންދާނެ ކަމުގައި ދަންނަވަމެވެ،"
3 1

އަންނި

14 އޭޕްރީލު 2025
@ތެފައާސާ. "ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވާ ތަންތަނުގައި އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކާއި، އެތަންތަނަށް ވަޑައިގަންނަވާ އަދަދާއި، ގަޑި . ރައީސް ފާހާނައަށް ވަންނަ ގަޑިއާއި އެތަނުގައި ކުރި ކަމަކާއި ފްލަޝް ކުރިތޯވެސް ބަލަން ފެނޭ
0 1

ފީލިންގ

15 އޭޕްރީލު 2025
@އަންނި ރައީސުލްޖުމްހޫރިއްޔާ ފާހާނާކުރާ އަދަދު ހޯދާކަށް ބަޔަކު ނޫޅޭ. ހޯދަން އެދުނީ އާރަށަށް ކުރި ދަތުރުތަކުގެ ޖުމްލަ އަދަދާއި ހޭދަކުރި ޚަރަދު. ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ އެޒާތުގެ ޚަރަދު އެނގުމަކީ ރައްޔިތުންގެ ހައްގެއް. އެކަމާ ގުޅުވައި، ރައީސަށް ފާރަލާކަމުގެ ތުހުމަތު ނުސީދާކޮށް އަޅުވައި ތަހުގީގު ކުރަންފެށީ ޑިފެންސް މިނިސްޓަރީއިން.
1 0

ޖާބެ

15 އޭޕްރީލު 2025
@ފީލިންގ ރައީސް ދަތުރުތަކުގެ ޝެޑިއުލް އަދި ގަޑިތައް ވެސް ބަލާކަށް ނޫޅޭ. ކުރާ ހަރަދު ބަލަން ބޭނުންވަނީ.
0 0

އަންނި

15 އޭޕްރީލު 2025
@ފީލިންގ "ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވާ ތަންތަނުގައި އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކާއި،" އާރޓިކަލް ރަގަޅަށް ކިޔާބަލަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް