މާލޭގައި ބޭއްވި އީދުގެ ހަރަކާތްތައް ބައްލަވާވެލެއްވުމަށް ރައީސް މުއިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން ސިފައިން ފޯރިމަރަނީ: ސިފައިން ބުނީ ރައީސްއަށް ހާއްސަކޮށްފައިވާ އާ ރަށާ ގުޅޭ މައުލޫމާތު ހޯދަން އެދޭ ނަމަ އެކަން ކުރާ މަގުސަދު ބަލާނޭ ކަމަށް
ރައީސް އާރަށަށް ވަޑައިގެން އަދަދާއި ހަރަދު ހޯދަން އެދުމުން ތަހުގީގެއް
ރައީސް މުހައްމަދު މުއިއްޒާއި އާއިލާއިން އާރަށަށް ވަޑައިގެންނެވި އަދަދާއި އެ ދަތުރުތަކަށް ހިނގި ހަރަދު ހޯދަން އާންމު ފަރާތަކުން އެދުމުން އެ މައުލޫމާތު ހޯދާ މަގުސަދަކީ ކޮބައިކަން ބެލުމަށް ތަހުގީގެއް ކުރާނޭ ކަމަށް ދިފާއީ ވުޒާރާއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ދިފާއީ ވުޒާރާއިން އެގޮތަށް ބުނެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މަހޯލި' ޕޯޓަލް މެދުވެރިކޮށް މާޗް 25 ވަަނަ ދުވަހު އާންމު ފަރާތަކުން ހޯދަން އެދުނު އެ މައުލޫމާތާ ގުޅިގެން އެ މިނިސްޓްރީން އޭނާއަށް މިއަދު ފޮނުވި ޖަވާބުގަ އެވެ.
ތަފްސީލް - އެ ޖަވާބުގައި ބުނެފައި ވަނީ އާރަށާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަނީ ސިފައިންގެ ވަކި ހާއްސަ ޔުނިޓަކުން ކަމަށް ވާތީ އެ ރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތުތަކަކީ އެ ޔުނިޓްގައި މަސައްކަތްކުރާ ވަކި ހާއްސަ ބަޔަކަށް ނޫނީ ނުލިބޭނޭ މައުލޫމާތު ކަމަށެވެ. އެހެންކަމުން:
-
އެ ޔުނިޓުގެ ސިފައިންނަށް އެކަނި ލިބިފައިވާ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ހާއްސަ ކޮމިޓީތަކަށް ނޫނީ ހިއްސާ ނުކުރެވޭނޭ ކަމަށް
-
އެފަދަ މައުލޫމާތުތައް ހާމަކުރުމަކީ އެ މައުލޫމާތު ބޭނުންކޮށްގެން ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން ކުރަމުން ދާ މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިކުރެވިދާނެ ކަމެއް ކަމަށް ވެސް ބުނެފައިވޭ
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވާ ތަންތަނުގައި އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކާއި، އެތަންތަނަށް ވަޑައިގަންނަވާ އަދަދާއި، ގަޑި އަދި ސަބަބު ފަދަ މައުލޫމާތަކީ އެފަދަ މައުލޫމާތު ބޭނުންކޮށްގެން ދިފާއި ބާރުން އަދާކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާއަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވިދާނެ ފަދަ މައުލޫމާތުތަކެއް ކަމުން، އެ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ދިފާއީ ބާރުން ކުރައްވަމުންދާނެ ކަމުގައި ދަންނަވަމެވެ،" ޖަވާބުގައި ބުންޏެވެ.
މީގެ އިތުރުން އެ ޖަވާބު ގައި ބުނީ:
-
ރައީސް އާއި އާއިލާ ދިރިއުޅުއްވާ ތަންތަނުގެ ހަރަދުތަކުގެ ތަފްސީލް ފަދަ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް އިމެއްނެތި އެފަދަ މައުލޫމާތު ފޯރުކޮށްނުދެވޭނޭ ކަމަށް
-
ސަބަބަކީ އެކަމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެތަންތަނުގައި ސިފައިން ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ
"މިކަމުގެ ސަބަބުން ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ވެސް މި މުއައްސަސާގެ މައްޗަށް އުފުލިދާނެ ކަމެކެވެ،" އެ މައުލޫމާތުތައް ހާމަނުކުރެވޭނޭ ސަބަބުތައް ބަޔާން ކުރަމުން ޖަވާބުގައި ބުނެފައިވެ އެވެ.
އެނގުން މުހިންމު - އާރުޓީއައި ގާނޫނުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުގައި ހޯދަން އެދޭ މައުލޫމާތު ނުދޭ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އެ މީހުންނަށް ކުރާ ހަރަދުތަކުގެ ތަފްސީލް ފަދަ މައުލޫމާތުތައް ދޭން ވަނީ ސަރުކާރުން ދެކޮޅު ހަދައިފަ އެވެ.
ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އާރުޓީއައިގެ ދަށުން ބައެއް މައުލޫމާތު ދޭން ދެކޮޅު ހެދި އެވެ. އެގޮތުން އިންޑިއާ ސިފައިންގެ އަދަދާއި ބައެއް މަޝްރޫއުތަކުގެ ތަފްސީލް ދޭން އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ.
ކޮމެންޓް (3)
ތެފައާސާ.
ސިކުނޑި
ފަސީހު