އޭޖީ އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް (ފޮޓޯ/ރައީސް އޮފީސް)

އަހުމަދު އުޝާމް

މަޖިލިސް މެންބަރުން ޕާޓީން ވަކިކުރެވޭ އުސޫލު ހިމެނޭ ބިލު އަންނަ ހަފުތާގައި ހުށަހަޅަނީ

ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްފަހު އެ އުސޫލު ބަޔާންކުރާ ބިލު ހުށަނާޅާ މަޑުޖައްސާލީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވި

ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވޭނެ އިޖުރާއަތްތައް ބަޔާންކުރާ ބިލު އަންނަ ހަފުތާ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - މަޖިލީހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރެއަށް އިންތިހާބުވާ ޕާޓީއާ ގުޅޭ ހަތަރު ހާލަތެއް ހިމެނުމެވެ. އޭގެ ތެރެއިން ޕާޓީން ވަކިކުރާ ހާލަތުގައި އޮންނަނީ:

  • މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން

ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ފާހަގަކުރި ގޮތުގައި، އެ މާއްދާގައި ބުނާ ގާނޫނަކީ އަދި ވުޖޫދުގައި ނެތް ގާނޫނެކެވެ. އަދި އެ މާއްދާ ހިނގަން ފަށާނީ އެ ގާނޫނު ގެނައުމުން ކަމަށް ޝަރީއަތުގައި ވަކީލުން ބުންޏެވެ.

މިއީ ކުރިން ބަންޑާރަ ނައިބު އުޝާމް ވެސް ފާހަގަކުރެއްވި ކަމެކެވެ. ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ގާނޫނުގެ ބިލު މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އެ ގާނޫނު މަޖިލީހަށް ހުށަނާޅާ މަޑުޖައްސާލީ ސުޕްރީމް ކޯޓުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދުސްތޫރީ މައްސަލައެއް ހިނގަމުންދާތީ އެ މައްސަލަ ނިމެންދެން ކަމަށެވެ.

"އިސްލާހު ހުށަނާޅާ މަޑުކޮށްގެން ތިބީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮތީމށ. ސުޕްރީމް ކޯޓުގެ މައްސަލަ ނިމޭ ގޮތަކުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި. ސުޕްރީމް ކޯޓުން މިހާރު ނިންމީ މި ގާނޫނުއަސާސީއަށް ގެނައީ ސައްހަ އިސްލާހެއް ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އެ ބިލު އެކުލަވާލުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އަދި އަންނަ ހަފުތާ ބިލު ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އެ އުސޫލުތައް ހިމަނާނީ މިހާރު ވެސް އަމަލުކުރަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކޮށްގެނެވެ.

"ސިޔާސީ ޕާޓީއަށް މި ގެނެވޭ އިސްލާހަކީ މި ފަހުން ގާނޫނުއަސާސީއަށް ގެނެވުނު އެންޓި ޑިފެކްޝަން މާއްދާގެ ދަށުން ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ މެންބަރުން ވަކިކުރެވޭ އިޖުރާއަތްތައް ބަޔާންކުރަން ޖެހޭތީ އެ އިސްލާހުތައް ގެންނަން ވެގެން،" އުޝާމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީއަށް އޭރު ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން

  • މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

  • މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެ މެމްބަރު ޕާޓީން ވަކިކުރުން

  • އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ކޮމެންޓް (4)

ނަންނުގަތި

6 މޭ 2026
މި ބިލަށް ވޯޓުދޭ އެއްވެސް މެމްބަރަކު އަލުން މަޖިލީހަށް ދުވަހަކުވެސް ނުހޮވޭނެ
0 0

ގަތިނަން

7 މޭ 2026
@ނަންނުގަތި ހޮވޭނެ.. ހަމަ ތިބޭފުޅާވެސް ވޯޓުދީގެން ހަމަ ހޮވާނީ...
0 0

ތެފައާސާ.

6 މޭ 2026
އެހެންވީމާ ތިޔަ ބިލު ފާސްކޮށްފައި ރައްޔިތުންގެ މަޖިލީހުގެ ނަންވެސް ސިޔާސީ ޕާޓީތަކުގެ މަޖިލީހަށް ބަދަލުކޮށްލާތި.
3 0

ސާއަތަފަ

7 މޭ 2026
@ތެފައާސާ. ދެން މަގުމައްޗައް ނިކުމެ އައްޖަހާ... ހުސް މަރުމޯލުން!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް