ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުށަހެޅުއްވި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)
ގޮނޑި ގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި
ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެނގުން މުހިންމު - ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެ އެވެ. އެގޮތުން:
-
4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަން
-
8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަން
-
26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް
-
75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ޖުމުލަ މަސްލަހަތަށް
-
90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަން
ތަފްސީލް - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބެލި މި މައްސަލާގައި، މިއަދު ހުކުމްކުރީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމާއި، ނަމަވެސް ހުށަހަޅާފައިވާ މައްސަލާގައިވާ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި ގޮތަށް ހުކުމްކުރީ އޭގެ ތެރެއިން 5 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން:
-
އަގުލަބިއްޔަތު ލިބުނު ރައުޔު އިއްވެވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު؛ އެ ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް
-
މި އިސްލާހު ބާތިލްކުރަންޖެހޭ ކަމުގެ ރައުޔު އިއްވެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެކަނި
-
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އިސްލާމް ދީނުގެ މަސްދަރަކާ ހިލާފުނުވާ ނަމަ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ގާނޫނުއަސާސީގެ ބައެއް ކަމަށް؛ އެ ރައުޔުގައި ވެސް ތާއީދުކުރަނީ ބާތިލްކުރަންޖެހޭ ސަބަބެއް ނެތް
ސިޔާސީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި، އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި.
— Dhauru (@Dhaurunews) April 29, 2026
އިތުރަަށް ކިޔާލަން:… pic.twitter.com/qp1lU5NrDB
އަގުލަބިއްޔަތު ލިބުނު ރައުޔު - އެ ރައުޔު އިއްވަމުން އުއްތަމަ ފަނޑިޔާރު ގަނީ ފާހަގަކުރެއްވީ:
-
ރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެފައިވަނީ ގާނޫނުއަސާސީގެ ސިޔާދަތުގެ މައްޗަށް ކަމަށް ވުމުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ ގުޅިގެން އުފެދޭ މައްސަލައެއްގެ ގޮތެއް ނިންމޭނީ ދެ ފަރާތުގެ ގާނޫނީ ޖަދަލަށް ފުރުސަތު ދީގެން؛ އެހެންކަމުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މައްސަލަތައް ބެލުމުގެ ގާނޫނީ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވޭ
-
ގާނޫނުއަސާސީއަށް އިސްލާހުތައް ގެންނަންވީ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށް، އެކި މާއްދާތައް ބަދަލު ގެނައުމަށް ތަފާތު ދަރަޖަކުތަކުގެ އިންތަކެއް ކަނޑައަޅާފައިވޭ؛ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ އިސްލާހު ގެނައީ އެ އިންތަކުގެ ތެރެއިން
-
ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިހުރުމާއި މެންބަރުކަން ހުސްވެގެންދާ ހާލަތްތައް ބަޔާންކުރާ މާއްދާއެއް؛ އޭގެ ސަބަބުން ގާނޫނުއަސާސީގެ އެހެން މާއްދާތަކަށް ފުށުއެރުމެއް ނުވަަތަ އަސަރުކުރާ ކަމެއް ނެތް
ޝުޖޫންގެ ރައުޔު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ އާ ހާލަތްތަކަކީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ފުށުއަރާ އިސްލާހެއް ކަމާއި މިހާރު ހިނގަމުންދާ މަޖިލީހަށް އިސްލާހު ހިނގައިގެން ނުވާނެ ކަމަށް ޝުޖޫން ވިދާޅުވި އެވެ. އެ ގޮތުން:
-
ރައްޔިތުންނާއި ރައްޔިތުން ތަމްސީލްކުރާ މަޖިލިސް މެންބަރުންނާ ދެމެދު ގާނޫނުއަސާސީން ކަނޑައަޅާފައިވާ ގުޅުމުގެ ތެރެއަށް ތިންވަނަ ފަރާތަކުން (ސިޔާސީ ޕާޓީތަކުން) ވަނުމުގެ ފުރުސަތު އެބަ އޮތް
-
ޕާޓީން ވަކިކުރާ ހާލަތުގައި ގާނޫނަކަށް ބަލަން އެ މާއްދާގައި ބުނާއިރު އެއީ ދައުލަތުން ފާހަގަކުރާ ގޮތަށް އެއީ އަންނަން އޮތް ގާނޫނެއް ނަމަ އެ ގޮތަށް ސާފުކޮށް ބަޔާންކުރަން ޖެހޭނެ؛ އެހެން ނޫން ނަމަ ބަލަން ޖެހޭނީ ވުޖޫދުގައިވާ ގާނޫނަކަށް ކަމާއި މި ހާލަތުގައި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ކަމަށް ބަލަން ޖެހޭ
-
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ސިޔާސީ ޕާޓީއެއްގެ ހިންގާ ގަވާއިދުގެ ތެރެއިން މެންބަރުން ވެއްދުމާއި ވަކިކުރުމާ ގުޅޭ ކަމަކަށް ވާތީވެ، ޖުމުލަ ރައްޔިތުންގެ ބާރު ނުސީދާ ގޮތަކުން ނަމަވެސް ހަނިވެގެންދޭ
-
ގާނޫނުއަސާސީގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކޮށްލައިގެން ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ މަޖިލީހަށް ލިބިދޭ މުތުލަގު ބާރެއް ކަމަކަށް ނުދެކެން؛ އިޖުރާއަތްތަކުގެ ތެރެއިން ވިޔަސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ގެންނަ އިސްލާހަކާ މެދު ކޯޓުން ގޮތެއް ކަނޑައެޅެން ވާނެ
-
މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް އެބަހުރި؛ ޕާޓީން ނިންމާ ގޮތެއްގެ ސަބަބުން މެންބަރުގެ ކަމުގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު ހީވެ، ރައްޔިތުންގެ ހައްގުގައާއި ގައުމީ މަސްލަހަތުގައި އަޑުއުފުލުމަށް ފަސްޖެހި، މެންބަރުގެ މިނިވަންކަމަށް ގައިދުކުރުމެއް އެބަ ތައާރަފުވޭ
-
މި ޝަރުތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކުރުމުގެ ކުރިން ނެތް ޝަރުތެއް؛ އިންތިހާބުކުރާ ފަހުން ދައުރު މެދުތެރެއަށް ޝަރުތު އިތުރުކުރުމަކީ ދުސްތޫރީ ފަލްސަފާއާށް ބަލާނަމަ ރައްޔިތުންގެ އިޖުތިމާއީ އަހުދާ ހިލާފުވެވޭނެ ކަމެއް
ފާހަގަކޮށްލެވޭ - ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެންމެ ދުވަހެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި މި އިސްލާހުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހުކުމެއް މި ކުރީ ކޯޓުގެ ބެންޗުގެ އަގުލަބިއްޔަތު ބަދަލުކުރުމަށް ފަހުގަ އެވެ. އެ ގޮތުން:
-
ސުޕްރީމް ކޯޓުގައި މި މައްސަލަ ފުރަތަމަ ބަލަމުން ދަނިކޮށް، ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި
-
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި
-
ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒުމިރަލްދާ ޒާހިރު ވަކިކުރި
-
އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާކުރެއްވި
ކޮމެންޓް (2)
ސިކުނޑި
ތެފައާސާ.