ޔާމީން ކޮމަންޑުއަށް ވަޑައިގެން މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- (ފޮޓޯ/ޕީޕީއެމް)
ޕީޕީއެމްގެ ސަރުކާރުން މަޝްރޫއުތައް ހިންގީ އިންތިހާބަށް އަމާޒުކޮށެއް ނޫން: ޔާމީން
ޕީޕީއެމްގެ ސަރުކާރުގައި މަޝްރޫއުތައް ހިންގީ އިންތިހާބަކަށް އަމާޒުކޮށް ނޫން ކަމަށް ވިދާޅުވެ، މި ސަރުކާރަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، މި ސަރުކާރުން ވަނީ އެ ދާއިރާގެ މައި ރަށް، ށ. ކޮމަންޑު އާއި އެ ރަށާ ޖެހިގެން އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމާއި ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފަ އެވެ. މި މަޝްރޫއަކީ:
-
އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ ހަފްތާ ބަންދުގައި ކޮމަންޑުއަށް ވަޑައިގެން އެރަށުގައި އިއުލާން ކުރެއްވި މަޝްރޫއޫއެއް
-
އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ނޫން ކަމަށާއި ކޮމަންޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ރައީސް ވިދާޅުވި
-
އެކަމަކު މި މަޝްރޫއު މި އަހަރުގެ ބަޖެޓްގައި ވެސް ނުހިމެނޭ
-
މަޝްރޫއު އިއުލާންކުރުމަކީ ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކޮށް، އެ ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ފާޅުކޮށްގައި
-
ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މި މަޝްރޫއޫ އިއްޔެ ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައި
ވީ ކިހިނެއް؟- ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ލޯންޗުކުރަން މިއަދު ހަވީރު ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޔާމީން ވަނީ އިންތިހާބާ ދިމާކޮށް އެ މަޝްރޫއޫ ހިންގާތީވެ، ފާޑުވިދާޅުވެފަ އެވެ. އަދި ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ދާއިރާއަށް ބައެއް ވައުދުތައް ވެސް ވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟- ޔާމީން ވިދާޅުވީ ކޮމަންޑުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކޮށްދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ. ކޮމަންޑޫގެ ބޯހިޔާވަހިކަމަށް ޕީޕީއެމްގެ ވެރިކަމުގައި "އޭރު ވެސް ވިސްނުންތަކެއް ހުރި" ކަމަށް ވިދާޅުވި އެވެ.
."އެހެން ނަމަވެސް ކަންކަން ކުރިއަށް ދަމުން އަޅުގަނޑުމެންގެ ސަރުކާރު ނިމުމަކަށް އައީ. ނިމުމަކަށް އައިސް އެހެން ސަރުކާރެއް އައީ. އެހެން ސަރުކާރަކުން ކޮމަންޑުއަށް ބިން އިތުރުކުރަން ޖެހޭކަން ވިސްނިގެން މިއުޅެނީ އިންތިހާބު ކުރިމަތިވި ފަހުން،" ޔާމިން ވިދާޅުވި އެވެ.
ދެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މަޝްރުއޫތައް ހިންގީ އިންތިހާބެއް ބޯމަތިވުމުން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ކަންކަމާ ކުރިމަތިލަނީ އިންތިހާބެއް ކުރިމަތިވީމައެއް ނޫން. އަޅުގަނޑުމެން ކަންކަމާ ކުރިމަތި ލަނީ ރައްޔިތުންނަށް ދަތި އިހްސާސްކުރެވޭ ހިސާބުން. އެވަގުތު ޖެހުނީމަ އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
"[ރިޔާސީ] އިންތިހާބަށް މިއޮތީ ގާތްގަނޑަކަށް ދޮޅު އަހަރު. މި އިންތިހާބަކީ ވެސް ވަގަށް ނުނަގާ ކަމުގައިވާ ނަމަ، އެއީ ޕީޕީއެމްގެ އިންތިހާބެއް ކަމަށް ކަށަވަރު ކުރައްވާ. ﷲގެ ރަހުމަތާ އެކު އެނޫން ގޮތަކަށް އެކަން ނުދާނެ. އެއީ އެކަން އޮތް ގޮތް."
އެނގުން މުހިންމު - އިންތިހާބާ ދިމާކޮށް މަޝްރުއޫތައް ނުހިންގާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، އެ ސަރުކާރުގައި ވެސް ވަރަށް ގިނަ މަޝްރޫއުތަކެއް، އޭރު ބޭއްވި ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާ ދިމާކޮށް އިއުލާންކުރި އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓް، ރިޔާސީ އިންތިހާބުގެ ކުރިން ހުޅުވީ މުޅިން ނުނިމެނީހެވެ.
އެހެން ވާހަކެއް - ޔާމީން ވައުދުވެވަޑައިގެންނެވީ ކޮމަންޑޫގެ ދެކުނަށް އޮންނަ ފަޅުގައި އޮތް ދިގުވެލިދޫގައި ޕީޕީއެމްގެ ސަރުކާރެއްގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށެވެ. އަދި އެ ރަށް ކައިރީގައި އޮންނަ ކީކިމީ މަސް ފެކްޓްރީގެ ފައިދާ ކޮމަންޑޫ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު ވިދާޅުވީ އެއީ ޕީޕިއެމްގެ ކެންޑިޑޭޓް ފަތުހީ ހޮވަން ވަކި ކަމެއް 'ޝަރުތުކޮށްގެން ދޭ ހަދިޔާއެއް ނޫން' ކަމަށެވެ. އޭގެ ފަހުން ވާހަކަފުޅު އަނބުރާލެއްވީ ގައުމީ އެއާލައިނާ ދިމާއަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާއަށް އެއާޕޯޓެއް 'ހަދިޔާކުރި' ނަމަވެސް، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މިއަދު އޮތީ މަގުރޫޓްވެ، 'ކަނޑު އަޑީގަ' އެވެ.
"މަތިންދާބޯޓު ޖައްސާނެ އެއާޕޯޓެއް އަޅުގަނޑުމެން ހަދައިދޭނަން. އެކަމަކު މަތިންދާ ބޯޓު ދުއްވާނެ ކުންފުންޏަކާއި މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ތިބޭފުޅުންގެ އަތުގައި އޮތީ. އެ މަސައްކަތުގައި ތިބޭފުޅުންނަށް ކުރެއްވޭނެ ކަމަކީ، އަޅުގަނޑުމެން މި ކުރައްވާ މަސައްކަތައް ތަރުހީބު ދެއްވާ. އަޅުގަނޑުމެން ގެންނަން ބޭނުންވާ މި ބަދަލަށް ތަރުހީބު ދެއްވާ،" ޔާމީން ވިދާޅުވި އެވެ.
ފަތުހީއާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެއީ އިލްމީ ގޮތުން ގާބިލު، މިވަގުތު އެ ދާއިރާ ތަމްސީލުކުރަން 'އެންމެ ފައްކާ' ކެންޑިޑޭޓް ކަމަށެވެ.
"ހިތުގެ އިހްލާސްތެރިކަމާ އެކު [ޕީޕީއެމް ކެންޑިޑޭޓަށް] ވޯޓުލައްވާ. މި އިންތިހާބުގެ ތެރޭގައި ވެސް ދުނިޔޭގެ ހުރިހާ ނުފޫޒެއް އުޅޭނެ، ފިއްތުންތަކާއި މަގާމުގެ ކުރިއެރުމާއި މަގާމުގެ ނުފޫޒާ މި ހުރިހާ ކަމެއް އުޅޭނެ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު އެ ނުފޫޒުތަކުގައި ނުޖެހި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ލާން އެދިވަޑައިގަތެވެ.