ށ. ކޮމަންޑޫ (ކ) އާއި މަތިކޮމަންޑޫ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި ދެ ރަށް ގުޅުވާލާ މަޝްރޫއު އިއުލާނުކުރެއްވީ މިދިޔަ ހަފްތާ ބަންދުގައި ކޮަަމަންޑޫގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި.

2 ކޮމަންޑޫ ގުޅުވާލާ މަޝްރޫއަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން: ޓްރާންސްޕޭރެންސީ

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް، އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލައި ފުރިހަމައަށް ތަންފީޒުކުރަން ގޮވާލި
12 ޖެނުއަރީ 2022
3

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭނާ ދިމާކޮށް، ށ. ކޮމަންޑޫ އަދި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވާލަން ކުރިން ބަޖެޓުކޮށްފައި ނެތް މަޝްރޫއެއް އިއުލާނުކުރުމަކީ ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކޮށް، އެފަދަ ކަންކަން ހުއްޓާލައި އެކަން ހުއްޓުވަން ހާއްސަ ގާނޫނެއް ހަދަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާނުކުރެއްވީ:

  • ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން އިފްތިތާހުކުރަން މިދިޔަ ހަފްތާ ބަންދުގައި އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްްސާގައި

  • އެއީ އެ މަނިކުފާނު 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ވިދާޅުވި

  • އެ ދެ ރަށް ގުޅުވާލައިގެން ނޫނީ، ގާތްގަނޑަކަށް ފުރިފައިވާ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވި

  • މި މަޝްރޫ އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި މިދިޔަ ހަފްތާ ބަންދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށުގައި. (ފޮޓޯ/ އެމްޑީޕީ)

ވީ ކިހިނެއް؟ - މިކަން ކުށްވެރިކޮށް، ޓްރާންސްޕޭރެންސީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފިން ވަނީ، އިންތިހާބާ ދިމާކޮށް ކުއްލިއަކަށް އެ މަޝްރޫއު އިއުލާނުކުރުމާ ގުޅިގެން އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަންކަން ފާހަގަކޮށްފަ އެވެ. އެގޮތުން:

  • ކެމްޕޭން ދުވަސްވަރު ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން؛ މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާއި ހަމަހަމަކަމާ އެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވޭ

  • މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް ބަޖެޓެއް ކަނޑައަޅާފައި ނުވުން

  • ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލަން ހަދާ އީއައިއޭ ރިޕޯޓް ހަދާފައި ނުވުން؛ އަވަސް އަރުވާލައިގެން މިފަދަ ރިޕޯޓުތައް ހެދުމުން، މި މަޝްރޫއުން އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރާ ހަގީގީ އަސަރު ދެނެގަންނަން އުނދަގޫވުން

  • މަޝްރޫއުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ފަށަންވާނީ މަޝްރޫއުގެ ޕްލޭންނިން މަރުހަލާގައި ކަމަށް ވާއިރު، މި މަޝްރޫއަށް ހިޔާލު ހޯދަން އިއުލާނުކުރީ، މަޝްރޫއު ފަށަން ކުޑަތަންވެފައި ވަނިކޮށް އިއްޔެ

  • ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމަނާ އެއްވެސް ވެބްސައިޓެއް އަދި ގެޒެޓުގައި ވެސް މި މަޝްރޫއު ނެތުން؛ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ނަމަ ހަވާލުކުރި ކުންފުނީގެ މައުލޫމާތު ވެސް ފެންނަން ނެތުން

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭނު ފެށުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)
ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭނު ފެށުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

'ރިޔާސީ އިންތިހާބުގެ ކުރިން ހާއްސަ ގާނޫނެއް ހަދަން ޖެހޭ'

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ހުއްޓާލަން ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފަ އެވެ. އެގޮތުން، އެ ޖަމިއްޔާ އިން ސަރުކާރަށް ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް، 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލައި ފުރިހަމައަށް ތަންފީޒުކުރަން

  • އިންތިހާބުތަކާ ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ވޯޓަށް ބާރުފޯރުވުން ހުއްޓާލުން

  • މަޝްރޫއުތައް ރާވާއިރު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން

  • މަޝްރޫއުތައް ހިންގަނީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުންކަން ކަށަވަރުކުރުން

  • މަޝްރޫއުތައް ހިންގަނީ އެންމެ ބޭނުންޖެހިފައިވާ ކަންކަމަށާއި ސަރަހައްދުތަކަށްކަން ކަށަވަރުކުރުން

  • މަޝްރޫއުތައް ފެށުމުގެ ކުރިން، އީއައިއޭ ރިޕޯޓު އެކުލަވާލައި އެ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރުން

  • އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ފުލުހުން ފަދަ ކަމާ ގުޅޭ މުއައްސަސާތަކުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުން

އެނގުން މުހިންމު - އަންނަ މަހުގެ 5ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ:

  • 1-

    މުހައްމަދު ރާޝިދު (އެމްޑީޕީ)

  • 2-

    މޫސާ ފަތުހީ (ޕީޕީއެމް)

  • 3-

    އަބްދުލްހަންނާން އިދުރީސް (އެމްއެންޕީ)

ގުޅުންހުރި ކަމެއް - ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭން މިހާރު ކުރިއަށް ދާއިރު، ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ނާންނަ ގޮތަށް، ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މި ހަފްތާގައި އިލްތިމާސްކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (3)

އަހުމަދު އާދަމް

12 ޖެނުއަރީ 2022
ކުއްލިއަކަށް ޓްރާންޕޭރެންސީ މިދިޔަ 3 ވަރަކަށް އަހަރު ނިދާފައި އޮވެފައި މިހޭލީ ކޮންސަބަބަކާއި ދެދިބާ؟
0 1

އާދަނުގެ ފްރެންޑް

12 ޖެނުއަރީ 2022
@އަހުމަދު އާދަމް ހޭލާ ހޭލާ ވަރުބަލިވާ ވަރު ވެއްޖެޔޯ ޓްރާންސްޕޭރަންސީ އިން ބުނީ!
2 0

މުށި

16 ޖެނުއަރީ 2022
@އަހުމަދު އާދަމް ތިބުނީ ވަރަށް ރަގަޅު ވާހަކައެއް. އެކަމަކު ހޭލިކަން ނަސީބު ދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް