ޕްލޭނިގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ކޮމަންޑު ގުޅުވާލުމުގެ އެއްބަސްވުމުގައި ސޮއި ކުރުން: (ކ) މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލި އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކޮމަންޑޫ ބައި- އިލެކްޝަންއާ ދިމާކޮށް ހިންގާ މި މަޝްރޫއޫގެ އަގަކީ، ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފުޒުފޯރުވާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް، އެ ދާއިރާގެ މައި ރަށް، ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅުރަށް، މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާނުކުރެއްވީ:

  • ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން އިފްތިތާހުކުރަން މިދިޔަ ހަފްތާގެ ބަންދުގައި އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި

  • އެއީ މި އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ނޫން ކަމަށާއި 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ވިދާޅުވި

  • އެ ދެ ރަށް ގުޅުވާލައިގެން ނޫނީ، ގާތްގަނޑަކަށް ފުރިފައިވާ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވި

  • މި އަހަރުގެ ބަޖެޓްގައި ވެސް ނުހިމެނޭ މި މަޝްރޫއޫ، އިއުލާނުކުރުމަކީ ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކޮށް، ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ވަނީ ބަޔާނެއް ނެރެފައި

ވީ ކިހިނެއް؟ - މިއަދު ޕްލޭނިން މިނސިްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރުއޫގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަންވަރު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެެ.

ބުނީ ކީކޭ؟ - ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މި މަޝްރޫއޫ އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން:

  •  ކޮމަންޑޫ އާއި މަތި ކޮމަންޑޫ ބިން ހިއްކައިގެން ގުޅުވާލުން

  •  މަތި ކޮމަންޑޫން އިތުރު 16 ހެކްޓަރުގެ ބިންހިއްކައި ބޮޑު ހިލަ ޖަހެން

  • މަތި ކޮމަންޑޫގައި 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރާނެ

  • ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން

  • މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް ކުރާނެ އަސަރު ބަޔާން ކުރާ ރިޕޯޓެއް ތައްޔާރު ކުރުން

ޕްލޭނިން މިނިސްޓްރީގެ ޓްވީޓް

ފަސްމަންްޒަރު - އަންނަ މަހުގެ 5ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި އަލަށް އުފެއްދި މޯލްޑިވިސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެސް ވާދަ ކުރެ އެވެ. އިންތިހާބާ ދިމާކޮށް މިފަދަ މަޝްރުއޫއެއް އިއުލާން ކުރުމުން ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފައިި އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް