ށ. ކޮމަންޑޫ: ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށަން ވަނީ ރާވާފައި.

ށ. އަތޮޅު

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލާ މަޝްރޫއު އަންނަ ހަފްތާގައި ފަށަނީ

ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލަނީ، އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށް
8 ޖެނުއަރީ 2022

ށ. ކޮމަންޑޫ އާއި އެ ރަށާއި އެއް ފަޅެއްގައި ގާތްގަނޑަކަށް 700 މީޓަރު ދުރުގައި އޮންނަ ފަޅުރަށް ކަމަށްވާ މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން އިފްތިތާހުކުރަން އެ ރަށަށް އިއްޔެ ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްްސާގައި ރައީސް ވިދާޅުވީ، ކޮމަންޑޫ އަކީ ބިން ކުޑަ، ނަމަވެސް އާބާދީ ބޮޑު ރަށެއް ކަމަށެވެ.

އެނގުން މުހިންމު - ކުރިން ކޮމަންޑޫގެ ބޮޑު މިނަކީ 7 ހެކްޓަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018ގައި އެ ރަށުގެ ފަޅުން ބިން ހިއްކި ފަހުން މިހާރު އެ ރަށުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 17 ހެކްޓަރެވެ.

ތަފްސީލު - ހިއްކި ބިމުގައި ސަރުކާރުގެ ހައުސިން ޕްލޭންގެ ދަށުން ހައުސިން ޔުނިޓު އަޅަން ވަނީ ރާވާފަ އެވެ. ގާނޫނީ ގޮތުން މިހާރު އެކަން އޮތީ އެ ރަށު ކައުންސިލްގެ އަތްމަތީގަ އެވެ. ރައީސް ރޭ ވިދާޅުވީ ކައުންސިލުން ރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލައި ނިމުނުހާ އަވަހަކަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ފެށުމަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ: ރައީސް ވިދާޅުވީ މި ސަރުކާރުން ވައުދު ވީ ގޮތަށް، ދެ ކޮމަންޑޫ ގުޅުވާލާނެ ކަމަށް. (ފޮޓޯ/އެމްޑީޕީ)

ނަމަވެސް، ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެއީ ކޮމަންޑޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލެއް ނޫނެވެ.

"މި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތިކޮމަންޑޫ އާއި މި ކޮމަންޑޫ ގުޅުވާލުން. މިއީ އަޅުގަނޑުމެން ވީ ވައުދެއް،" 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.

"ޕްލޭން ހަދައި ނިމިފައި އޮތީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ތަނުން އެ މަންޒަރު ފެނިގެންދާނެ."

މި މަޝްރޫއުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މަޝްރޫއާ ގުޅޭ ގޮތުން ސީދާ ވަކި އެއްޗެއް ދެންނެވޭނީ ފަހުން ކަމަށެވެ.

"ރައީސް ވިދާޅުވީ އަންނަ ހަފްތާގައޭ. އެހެންވީމަ އަންނަ ހަފްތާގައި އެކަން [ދެ ކޮމަންޑޫ ގުޅުވައިލުން] ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މަތިކޮމަންޑޫގެ ބޮޑުމިނަކީ ގާތްގަނޑަކަށް 8.80 ހެކްޓަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް