މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އަތޮޅު ކައުންސިލްތައް އިއާދަ ކުރަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްފި

ބިލު ބޭރުކޮށްފައި ވަނީ 45 މެންބަރުންގެ ވޯޓާ އެކު

އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ޕީއެންސީން ގާނޫނުއަސާސީއަށް މިދިޔަ އަހަރު ހުށަހަޅައި މިހާރު ތަސްދީގުކޮށްފައިވާ އިސްލާހުގެ ސަބަބުން، މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވުނީ އެވެ.

އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އެމްޑީޕީގެ ފަރާތުން މިދިޔަ މަހު އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ތަފްސީލު -  މެންބަރު މުހައްމަދު އިބްރާހިމް މި އިސްލާހު ހުށަހެޅުއްވީ، މިދިޔަ މަހު ކުރީކޮޅު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، އެކަމާ ގުޅުވަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 45 މެންބަރުން ދެކޮޅަށް ވޯޓު ދެއްވި އެވެ. ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 8 މެންބަރުންނެވެ. އެހެންވެ އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ނުފޮނުވައި ބޭރުކޮށްލި އެވެ.

މި ބިލުގައިވާ ގޮތުން:

  • ބިލު ފާސްވެ ގާނޫނަކަށްވުމާ އެކު އަތޮޅު ކައުންސިލް އިންތިހާބު ބޭއްވުމަށާއި އިދާރީ ގޮތުން އަދި މާލީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހާ ކަންކަން ހަމަޖެއްސުމުގެ އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް، އެއް މަސް ތެރޭ ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހޭ

  • އޭގެ އިތުރުން، މި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް ދެން އުފައްދާނީ، ދެންމެ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެއްގައި ކަމަށް ބަޔާންކޮށްފައިވޭ

އެނގުން މުހިންމު - މި ބިލު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ:

  • ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)ގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް

  • އެހެންވެ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ހުށަހަޅާ ކަމަށް

ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މެންބަރު މުހައްމަދު އިބްރާހިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލް އުވުލުމަކީ އެއްވެސް ވަރަކަށް ދިރާސާނުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަށް ފެށި މަސައްކަތުގެ ތެރެއިން ކުރެއްވި ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ ވެސް ރައީސް ހުށަހެޅުއްވި ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން: 

  • ރައީސްގެ އެ ވިސްނުންފުޅަށް ދެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބެލުމަށް ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި %69 މީހުން ވަނީ ނޫނެކޭ ބުނެފައި

  • އެ ނަތީޖާއިން އަންގައިދެނީ، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ރައީސްގެ އަމިއްލަ ވިސްނުންފުޅަށް ހުށަހެޅުއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތްކަން؛ އެގޮތުގެ މަތިން އަތޮޅު ކައުންސިލް އުވުލުމަކީ ވެސް ރައްޔިތުން އެކަމާ ދެކޮޅު ކަމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް