އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނެރުނު ޓައިމްލައިން ބާތިލު ކުރަން ކޯޓަށް ހުށަހަޅައިފި
އެމްޑީޕީގެ ޗެއާސަޕާން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު ޓައިމްލައިންއެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ.
ތަފްސީލު - މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު، މީޑިއާތަކަށް ޝާއިރު ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ، ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެ އިއުލާނުގެ ސަބަބުން ނަޝީދަށް ކެމްޕެއިން ކުރުމަށް އޭނާއަށް ލިބިދީފައިވާ ހައްގަށް އުނިކަން އަންނަކަން ފާހަގަކޮށްފައިވެ އެވެ.
އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، "ޗެއާޕާސަންގެ އިންހާބުގެ ކަންތައްތައް ހިންގާނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް" އެވެ.
އެމްޑީޕީގެ އިސްތިއުނާފް ފާނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވާ ގޮތުން، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށްފައިވަނީ އޭނާ ދެއްވި ލަފައާ ހިލާފަށް، އޭނާއަށް އެނގުމެއް ނެތި އެވެ. އެހެންވެ، އެއީ އަސާސީ ގަވައިދާ ހިލާފަށް ނެރުނު އިއުލާނެއް ކަމަށް ވިދާޅުވެ، އެ އިއުލާން ބާތިލު ކުުރުމަށް ވެސް އޭނާ ވަނީ ޕާޓީއަށް މިދިޔަ މަހު ފަހުކޮޅު ސިޓީއެއް ފޮނުއްވާފަ އެވެ.
ޝާއިރު މިއަދު 'ދައުރު'އަށް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން މިދިޔަ މަހު 23ގައި އިންތިހާބީ ޝަކުވާއެއް ކޮމިޓީއަށް އޭނާ ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ޝަކުވާއަށް ޖަވާބު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގައި ބުނޭ ޝަކުވާ ހުށަހެޅޭތާ 48 ގަޑިއިރު ތެރޭ ޖަވާބެއް ދޭށޭ. އެހެން ނަމަވެސް މިހާތަނަށް އަޅުގަނޑު ހުށަހެޅި މައްސަލައަށް ޖަވާބެއް ނުދޭ. ޖަވާބު ނުދިނުމުން ކޯޓަށް މައްސަލަ ހުށަހެޅީ،" އޭނާ ވިދާޅުވި އެވެ.
ޝާއިރުގެ ބަޔާނުގައި އޭނާ އިތުރަށް ވިދާޅުވީ:
-
އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ ނިންމުމަކީ، ޕާޓީގެ ގަވައިދުތަކާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސާފުގެ ހަމަތަކާ ވެސް ފުށުއަރާ ނިންމުމަށް
-
2017 އަދި 2021ގައި ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އޮތީ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުގެ ރައީސަށް
-
މައްސަލައިގައި އެދިވަޑައިގެންފައިވަނީ، އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގެ ދަށުން މި އިންތިހާބުގެ އެންމެހާ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަން ވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްއަށް ކަމަށް ކަނޑައަޅައި ދިނުމަށް އަދި މިދިޔަ މަހުގެ 22ގައި ނެރުނު އިންތިހާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް
އެމްޑީޕީން މިދިޔަ މަހު 22ގައި އިއުލާން ކުރި ޓައިމްލައިންގައިވާ ގޮތުން، 12 ޖޫންގައި އޮންނަ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ އެ އިއުލާން ނެރުނު ދުވަހުގެ 12އާ ހަމައަށް ޕާޓީގެ މެންބަރަކަށް ވެފައި ތިބި މީހުންނަށެވެ. އެހެންވެ އެކަމާ ނަޝީދުގެ ފެކްޝަނުން އޭރު ކަންބޮޑުވުން ފާޅު ކުރި އެވެ.
"ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުން ކަނޑައެޅުމުގައި ކުއްލި ސުންގަޑިއެއް ކަނޑައެޅުމަކީ، މެންބަރުންގެ ގާނޫނީ ހައްގަށް އުނިކަން އަންނަ ކަމެއް... އިލެކްޝަން ކޮމިޓީން އަމިއްލައަށް އެފަދަ ނިންމުމެއް ނިންމުމަކީ ގާނޫނީ އިހްތިސާސުން ބޭރުވުމެއް،" ޝާއިރު ވިދާޅުވި އެވެ.