ޓީވީއެމް ސްޓޫޑިއޯގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ އެހެން ގައުމުތައް ކުރިއެރީމާ: ތަރުޖަމާނު

އަންނަ މަހުގެ 3 ގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގައި. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ދަށް ވަނައެއް

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ދިޔައީ، ރާއްޖޭގެ ފަހަތުން މީގެ ކުރިން އެ އިންޑެކްސްގައި ހިމެނުނު ބައެއް ގައުމުތައް ކުރިއަށް އެރުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރުގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފަ އެވެ.

އަންނަ މަހުގެ 3 ގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ދަށް ވަނައެކެވެ. 

ތަފްސީލް - އިސް ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމާ، މީޑިއާތައް ކޮންޓްރޯލު ކުރުމަށް އުފައްދާފައިވާ މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނާ ގުޅުމެއް އޮތް ކަމަށް ދެކިވަޑައިގަންނަވާތޯ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ބަލަނީ ހަމައެކަނި ސަރުކާރުގެ އަމަލުތަކަށް ނޫން ކަމަށެވެ.

"ރާއްޖޭގައި މީޑިއާތައް އޮތް އަދަދާއި މީޑިއާތަކަށް ލިބިފައި އޮތް ފުރުސަތު. ކެރިގެން މި ދަންނަވަނީ ތަފާސްހިސާބުން ވެސް،   އެހެން ގޮތަކުން ވިޔަސް ބައްލަވާ އެހެން އެއްވެސް ސަރުކާރަކުން ނުލިބޭ ފުރުސަތު މި ދެވެނީ،" މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.

އިސް ތަރުޖަމާނު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒާއި ވަޒީރުން ވެސް މީޑިއާތަކާ ގަވައިދުން ބައްދަލުކުރައްވާ ކަމަށާއި މީޑިއާއަށް ސަރުކާރުން ދޭ ހަމައެކަނި އިސްކަމަކީ ޖަވާބުދާރީވުން އެކަނި ނޫން ކަމަށެވެ.

"މީޑިއާ ފްރީޑަމް ނުވަތަ މީޑިއާގެ މަސައްކަތްތަކާ އެކު ޒިންމާދާރުކަމާ އެކު ކުރިއަށް ވަޑައިގަތުމަށް ތިބޭފުޅުންނަށް ބޭނުންވާ އެހެން އެހީތެރިކަން ވެސް އަޅުގަނޑުމެން އަރުވާނަން،" މި ސަރުކާރުން މީޑިއާތަކަށް މާލީ އެހީތެރިކަން ދޭން ފަށާފައިވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދާ ކޮންމެ ފަހަރަކު އެއީ ސަރުކާރުގެ ސަބަބުން ވާކަމެއް ކަމަށް ނޫސްވެރިންނަށް ހީވާ ކަމަށް އިސް ތަރުޖަމާނު ވިދާޅުވި އެވެ.

"ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނެކިރަނީ ހަމައެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރެއްގެ ޕާފޯމަންސް ނުވަތަ ސަރުކާރަކުން މީޑިއާއަށް އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، މައްޗަށްތޯ ތިރިއަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުންގެ ވެސް އޮވޭ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ދަށްވުމަކީ އަޅުގަނޑު ވެސް ހިތްހަމަޖެހޭ ކަމެއް ނޫން. އަޅުގަނޑު އުއްމީދު ކުރަން ތިބޭފުޅުން ވެސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް."

އެކަން ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިސް ތަރުޖަމާނު އެދިވަޑައިގެންނެވި އެވެ.

"ބައެއް ފަހަރު ފަހަތަށް ދާއިރު އެ ދަނީ ކޮމްޕަރޭޓިވްލީ. އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިޔުމަކީ އޭގެ ދަށުގައި އޮތް ބައެއް ގައުމުތައް ހަތަރު ފަސް ހަ، ދިހަ ވަރަކަށް ދަރަޖަ. މި ސްޓެޓިސްޓިކްސް ކުރިއަށް އެރުން ކަމަށް ވެސް ވެދާނެ ނޫންތަ އަޅެ؟" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮތް ހިސާބަށް ވުރެ އަޅުގަނޑުމެންގެ ފަހަތުގައި އޮތް ގައުމުތަކޭ ކުރިއަށް އެރީ."

މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ކޮމިޝަނުގެ ސަބަބުން ނޫން ކަމަށެވެ.

"ދަށަށް ދާ ކޮންމެ ފަހަރަކު އެއީ އަޅުގަނޑުމެން ކަމެއް ކޮށްގެން ނޫނީ ނުކުރާތީ ކަމަށް ކީއްވެހޭ ތި ނިންމަވަނީ؟ އަޅުގަނޑުމެންގެ ނިޔަތް ރަނގަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަމޭ," އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ނިޔަތަކީ މީޑިއާތައް ކޮންޓްރޯލު ކުރުމާއި ރެގިޔުލޭޓު ކުރުުން ނޫން ކަމަށެވެ.

ފާހަގަކުރެވޭ - ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، ސަރުކާރު ބަދަލުވެ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ލިބުނު ފަހުން ވެސް އެ މާއްދާ އިސްލާހުނުކުރުން

  • ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުން

  • ސަރުކާރުގެ ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އިޝްތިހާރު މެދުވެރިކޮށް މީޑިއާ އައުޓްލެޓްތަކުގެ މާލީ ބަލިކަށިކަން އޭރެއްގެ އޮންނަ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އައުން މި ސަރުކާރުން ވެސް ހުއްޓާނުލުން


އިތުރު އާޓިކަލް

އިތުރު އާޓިކަލް