ހަސަން މިއަދު ފުލުހުންގެ ތަހުގީގީ އިދާރާއަށް ހާޒިރުވެވަޑައިގަންނަވަނީ (މިހާރު ފޮޓޯ/ ފަޔާޒު މޫސާ)
'އަދަދު'ގެ ހަސަންގެ މައްޗަށް ޖިނާއީ 5 ކުށުގެ ތުހުމަތު؛ އޭނާ ހުންނެވީ ހަނު
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ފުލުހުން މިއަދު ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހަސަން މިއަދު ވަނީ ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދާ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެެސްޓިގޭޝަން ބިިލްޑިންއަށް ހާޒިރުކޮށްފަ އެވެ.
ތަފްސީލު - އެ ބައްދަލުވުމަށް ފަހު، ހަސަންގެ ގާނޫނީ ވަކީލު ސައްޔާހު ހަލީލް ވިދާޅުވީ، އޭނާގެ މުވައްކިލަށް ކުރާ ތުހުމަތުތަކީ އެ ޑޮކިއުމެންޓްރީ ޝާއިއުކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ. އަދި އެ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ކުރުމުގެ ހައްގު ބޭނުން ކުރެއްވި ކަމަށް ސައްޔާހު ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން ހަސަންގެ ފަރާތުން ފާހަގަކޮށްފައިވާނެ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީީ އަދި އެ ފާޅު ކުރާ ހިޔާލުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް. އެކަން އެހެން އޮތީތީވެ، ހަސަންގެ ފަރާތުން ވާނެ ތުހުމަތުތަކަށް އިންކާރުކޮށް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި،" އޭނާ ވިދާޅުވި އެވެ.
"މިއީ ކަނޑައެޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް."
ހަސަންއާ ސުވާލުކުރުމުގެ ކުރިން ފުލުހުން ދިން ގާނޫނީ އިންޒާރުގެ ލިޔުމުގައި ޖިނާއީ ފަސް ތުހުމަތެއް ކުރާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެއީ:
-
1-
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން ނުވަތަ ބައިވެރިވުމުގެ ޒިންމާ
-
2-
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ 2: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ
-
3-
ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން
-
4-
ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން
-
5-
ގާނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޒުފްކުރުން
ހަސަން މިއަދު ހެނދުނު ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިއަދު މެންދުރުފަހު 2:30އަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މައްސަލައާ ގުޅިގެން ފިލާފާނެ ކަމަށް އޮތް އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ހަސަން އާއި ފިޔާޒުގެ ޕާސްޕޯޓު ވެސް ކޯޓުން ވަނީ ހިފަހައްޓާފަ އެވެ.
މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރަކާ އެކު އެ އިދާރާ ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންގެ ލެޕްޓޮޕް ފަދަ ތަކެތި ހިމެނެ އެވެ.
އެ އޮފީސް ބަލައި ފާސްކޮށް، އަދަދުގެ ސާމާނުތައް ގެންދިޔަ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިތުރަށް ކިޔާލަން
ފަސް މަންޒަރު - ރައީސްއަށް ތުހުމަތުތަކެއްކޮށް 'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދީފައި ވަނީ މިދިޔަ މަހުގެ 28ގަ އެވެ. އެ ޑޮކިއުމެންޓްރީގައި، ރައީސް އޮފީހުގައި ވަޒީފާ އަދާކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:
-
ޑޮކުއިމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިދިޔަ ހޯމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ކަމަށް"
-
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި
ކޮމެންޓް (6)
އަމައްޔާއި
އަހްމަދީ
ތެފައާސާ.
ގަޒުފު
ސިކުނޑި
ޖުއްބާ