ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އީޝާ އަޝްރަފް؛ އައިޝާ ނަމުގައި ހެދި ޑޮކިއުމަންޓަރީގެ މައްސަލާގައި އިޝާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި
އަދަދު ނޫހުގެ ޑޮކިއުމަންޓަރީ މައްސަލާގައި އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި ރޭގެ ވަގުތަކުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
ހުޅުމާލޭގައި އީޝާ އަޝްރަފު ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފަ އެވެ.
ތަފްސީލް - މި ސަރުކާރުގެ ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރުކުރީ އިއްޔެއިން ފެށިގެން އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ. އެ ގޮތުން:
-
ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް
-
އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވޭ
މި މައްސަލާގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ ބައެއް މުދާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފަ އެވެ.
އައިޝާ ޑޮކިއުމަންޓަރީ މައްސަލަ ތަހުގީގުކުރުން:
އީޝާގެ އިތުރުން ފިޔާޒާއި ހަސަން ހިމެނޭ ގޮތަށް އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ" އެވެ. ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ. އެގޮތުން:
-
30 ވަނަ މާއްްދާ: ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެން ވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހެއް ކަމުގައިވުން
-
612 ވަނަ މާއްދާގެ (ހ): އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާ މެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން
-
އެއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް؛ އަސާސީ މިންގަނޑުން ބަލާއިރު، ސާބިތުވެއްޖެ ނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާ އެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދިނުން ހިމެނޭ
ފަސް މަންޒަރު - 'އައިޝާ' ޑޮކުމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އެ އަންހެން މީހާއަކީ އީޝާ އަޝްރަފެވެ. އެ ގޮތުން:
-
ޑޮކިއުމެންޓްރީ އާންމުކުރިތާ ހަތަރު ހަފްތާ ފަހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ "ކަނޑައެޅިގެން ދޮގު ކަމަށް"
-
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި