އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނަށް ރައީސް މުހައްމަދު ނަޝީދު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން(އެކްސް ފޮޓޯ/ހުސެއިން ޝާފިއު)

މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ޒުވާނަކަށް ވުރެ ބޮޑަށް ވަރުގަދަ ޝަހުޝިއްޔަތެއް: ފައްޔާޒު

ަފައްޔާޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ކޮންމެ ކަމެއްގައި ނުވަތަ ހާލަތެއްގައި ޒުވާނުން ނަގާ އެންމެ މަތީގައި ބޭތިއްބުން ނޫން ކަމަށް

އެމްޑީޕީގެ ލީޑާޝިޕުން ޒުވާނުންނަށް ފުރުސަތު ނުދޭން އުޅުއްވަނީ ނޫން ކަމަށާއި މިވަގުތު އެމްޑީޕީގެ ހިންގުމަށް ޒުވާނަކަށް ވުރެ ބޮޑަށް ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ރައްޔިތުންގެ އިތުބާރު އޮތް، ވަރުގަދަ ޝަހުޝިއްޔަތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެތެރޭގެ ހަމަނުޖެހުންތަކާއި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ހެދި މަގާމުގައި ދެމިހުރުމަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައި އޮންނަތާ މިހާރު ވަނީ ފަސް މަސް ވެފަ އެވެ.

އެ ޕާޓީގެ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނިކޮށް، ނަޝީދު ވެސް މިފަހުން ވަނީ އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހުރެ، އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަތްކަން 2023 ވަނަ އަހަރު އިއުލާންކުރެއްވި ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ، ނިމިިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނަށް މިހާރު އައްޑުއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީ މިވަގުތު އޮތް ހާލަތުގައި، ބަދަހި ޕާޓީއެއްގެ ގޮތުގައި ޕާޓީ ހިންގުމަކީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް އާންމުންގެ އިތުބާރު ލިބިފައިވާ ވަރުގަދަ ޝަހުޝިއްޔަތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާބުކޮށްގެން ވިޔަސް، އެންމެންނާ ގުޅިގެން ޕާޓީ ހިންގޭނެ ހަމައެކަނި ބޭފުޅަކީ ނަޝީދު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. މި ހައްސާސީ ދަނޑިވަޅުގައި އެ ބަދަލުތައް އެމްޑީޕީގެ ތެރެއިން ގެންދެވޭނީ ވަރުގަދަ ޝަހުޝިއްޔަތަކަށް. އަޅުގަނޑުމެންނަށް މިވަގުތު އެކަން ކުރެވޭނެ ބޭފުޅަކަށް ފެންނަނީ ހަމައެކަނި މުހައްމަދު ނަޝީދު،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވިއިރު ނަޝީދާ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިި ބަހުގެ ހަމަލާތައް ވެސް ރައްދުކުރައްވާފައިވާ ފައްޔާޒު ރޭ ވިދާޅުވީ، އޭނާއަކީ ކޮންމެ ކަމެއްގައި ނަޝީދާ އެއް ހިޔާލެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. ވަރަށް ގިނަ ކަންކަމުގައި އެ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވެ ޒުވާބު ކުރައްވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު، ގައުމު މިހާރު އޮތް ހާލަތުގައި އެ ޒުވާބުކުރަމުން ވެސް އެންމެންނާ އެކު މަސައްކަތްކުރެވޭނީ ނަޝީދަށް ކަމަށް ފައްުޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ އެ ޒުވާބު ކުރަން ވެސް އެންމެންނާ އެއްކޮށް، އެކަން ކުރެވޭނެ ޝަހުޝިޔަތެއް، އެވަރުގެ ބާރުވެރިކަމެއް، އެވަރުގެ އިތުބާރެއް ރައްޔިތުންގެ އޮތް ބޭފުޅަކީ ރައީސް ނަޝީދޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒު އިސްމާއިލް ކެމްޕޭން ހަރަކާތެއްގައި؛ ވެރިކަމުގެ ނިޒާމު ހިމެނޭހެން ބޮޑު ބަދަލުތަކެއް ގެނައުމަށް މި ދެ ބޭފުޅުން ދަނީ ކެމްޕޭން ކުރައްވަމުން

މި އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލްގެ އެންމެ ބޮޑު ސިޔާސަތަކީ، އެމްޑީޕީގެ ލީޑާޝިޕު އަބަދު އެއް ބައެއްގެ އަތްމަތީގައި ނުގެންގުޅެ، އާ މޫނުތަކާއި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ.

އެމަކަށް ރައްދުދެއްވާ ފައްޔާޒު ރޭ ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕުން ޒުވާނުންނަށް ޖާގަ ނުދޭން އުޅުއްވަނީ ނޫން ކަމަށާއި ހާލަތުގެ ގޮތުން އެކަމަށް މިވަގުތު ފުރުސަތު ދެވެން ނެތީ ކަމަށެވެ. 

"އަޅުގަނޑުމެން މިއުޅެނެކީ ޒުވާނުންނަށް ފުރުސަތު ނުދޭކަށް ނޫން. ޒުވާނުންނަށް ޖާގަ ދިނުމަކީ ކޮންމެ ކަމެއްގައި ޒުވާނުން ނަގާ އެންމެ މަތީގައި ބެހެއްޓުމެއް ނޫން. ކޮންމެ ހާލަތެއްގައި އެކަން ކުރުމެއް ނޫން. މިއަދުގެ މި ހާލަތަކީ ވަރަށް ހައްސާސީ ދަނޑިވަޅެއްކަން ތި އެންމެހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،"  އޭނާ ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ފަދަ ޝަހުޝިޔަތެއް މިވަގުތު މުހިންމުވާ މައިގަނޑު ސަބަބަކީ މިހާރު މިއޮތް ސަރުކާރު ބަދަލު ކުރުމުގެ މުހިންމުކަން ބޮޑުކަމުން ކަމަށެެވެ. އެކަން ކުރެވޭނީ، ރައްޔިތުންގެ އިތުބާރު ހުރި މީހަކާ އެމްޑީޕީގެ ހިންގުން ހަވާލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްުޔާޒު ވިދާޅުވި ގޮތުން، މި ދަނޑިވަޅުގައި އެމްޑީޕީ ނަގާ ކޮޅަށް ޖެހޭނީ ވަކި ކަހަލަ ސިފަތަކެއް ހުރި މީހަކަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެ މީހަކީ ރައްޔިތުން ބަލައިގަންނަ އިތުބާރު ކުރެވޭ މީހަކަށް ވާންޖެހޭ

  • އެ މީހަކީ ހުރިހާ ދިވެހި ރައްޔިތުންނާ ވާހަކަ ދެއްކޭނެ މީހަކަށް ވާންޖެހޭ

  • އެ މީހަކީ ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަދެއްކޭނެ، އެކަމަށް އިތުބާރު ކުރެވޭ މީހަކަށް ވާންޖެހޭ

ކޮމެންޓް (3)

ސޮރީ

26 އޭޕްރީލު 2026
މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ޗެއާޕާސަންގެ ޒިންމާ އަދާކުރަން ކުރިމަތިލާ މީހާ. ޕާޓީ ކޮންގްރެސްގެ ބާރި އަތަށްނަގަން ދިމާކުރާ މީހާއެއްނޫން. ވަކި މީހަކަށް ރިޔާސީ ޓިކެޓު ހޯހައިދޭން ބުނާ މީހާ ނޫންމީހެއް.
1 0

ފައްޔާޒު

26 އޭޕްރީލު 2026
ތިޔަފައްޔާޒަކީ ދުނިޔެ އަށް އައިތީވެސް ރުޅި އައިސް ހުންނަމީހެއް...މިހާރުޅި ގަދަމީހަކު ރާއްޖޭގަ މަދުވާނެ
0 0

ކެޔޮގަނޑު

26 އޭޕްރީލު 2026
މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ޕްރައިމަރީގައި ބަލިވީމާ ޕާޓީ ރޫޅާލަން ނިކުތް މީހާނޫން އެހެން މީހެއް. ޕާޓީ ރޫޅާލަން ނިކުތް މީހުނާ ގުޅުނު މީހުން ނޫން މީހުން.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް