އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނުގައި ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އައްޑޫގައި(ޓުވިޓާ ފޮޓޯ/ހުސެއިން ޝާފިއު)

ރައްޔިތުންނަށްޓަކާ އެންމެ ގިނަ ލޭ އޮހޮރުނީ އަޅުގަނޑު ގައިން: ނަޝީދު

ނަޝީދު ވިދާޅުވީ އެ މަނިކުފާނު ނޫން ބޭފުޅަކަށް އެމްޑީޕީގެ ޗެއާކަން ދޭންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށާއި 2028ގައި އެމްޑީޕީގެ ވެރިކަމެއް ގާއިމުކުރުމަށް އެ މަނިކުފާނު ޕާޓީގެ އެ މަގާމުގައި ހުންނެވުން މުހިންމު ކަމަށް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވަނީ އެމްޑީޕީގެ ވެރިންނާ ނޫން ކަމަށާއި ރައްޔިތުންނަށްޓަކާ މަގުމައްޗަށް އެންމެ ގިނަ ލޭ ގައިން އޮހޮރުވި މީހަކީ އެ މަނިކުފާނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރޭ ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދު ވަނީ އެ މަނިކުފާނުގެ ކެމްޕޭނަށް އައްޑުއަށް ވަޑައިގެން 'ބޮޑު ބަދަލު'ގެ ނަމުގައި ރޭ ޖަލްސާއެއް ބާއްވާފަ އެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ނަޝީދުގެ އިތުރުން ވާދަކުރަންވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

މިވަގުތު ދެ ފެކްޝަނަކަށް ބެހިފައި އޮތް އެމްޑީޕީގެ ތެރޭގައި މި އިންތިހާބުގެ ވާދަވެރިކަން ބޮޑުއިރު، ޗެއާޕާސަން ކަމަށް ވާދަކުރަން ހުޅުވާލި ގޮތާ މެދު ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް، އެ އިއުލާން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. 

ބުނީ ކީކޭ؟ - އައްޑޫގެ ވެރިކަންކުރާ ރަށް ހިތަދޫގައި ބޭއްވި މި ޖަލްސާގައި ނަޝީދު ވިދާޅުވީ، އެމްޑިޕީގެ ޗެއާޕާސަންގެ މަގާމަކީ މިވަގުތު ރާއްޖޭގައި އޮތް އެެންމެ މުހިންމު މަގާމު ކަމަށެވެ. އެހެންކަމުން، އައްޑުއަށް މިފަހަރު ވަޑައިގެންނެވީ ރާއްޖޭގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ނިޔަތުގައި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ އެމްޑީޕީ ހިންގުން ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަމެއް ނޫންތޯ އައިސް އަޅުގަނޑު މިއުޅެނިކީއެއް ރައީސުލްޖުމްހޫރިއްޔާއަކަށް ވާށޭ. ސަބަބެއް އޮވެގެންނޭ އަޅުގަނޑު އެހެން ނުދަންނަވާން މިއުޅެނީ. މިކަން މާ މުހިންމޭ. މި މުއައްސަސާ [އެމްޑީޕީ] ހިންގުން މާ މުހިންމޭ،" ނަޝީދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ގައިގައި ހުރި ލެއަކީ ރީނދޫ ލޭ. މިއަދު ކަނޑާލިޔަސް، އަޅުގަނޑު ގަޔަށް ވުރެ ގިނައިން، އަޅުގަނޑު ގައިންނަށް ވުރެ އިތުރަށް މި ރާއްޖޭގެ މަގުތައް މައްޗަށް ލޭ އޮހޮރުވިފައެއް ނުވާނެ. އެ ލޭގެ ބަދަލަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އެ މަސައްކަތް ކުރުމަށް އަޅުގަނޑު ނުކުމެ މިހުރީ."

އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނަށް އައްޑޫގެ ހިތަދޫގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ. (އެކްސް ފޮޓޯ/ހުސެއިން ޝާފިއު)

ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ވާހަކަ އެންމެ ފުރަތަމަ ރާއްޖޭގައި ދެއްކެވީ އެ މަނިކުފާނު ކަމަށާއި އެކަމަކީ މުޖުތަމައު ބައިބައި ކުރުވާނެ ކަމެއް ކަމަށް އޭރު ވާހަކަދެކެވުނު ކަމަށެވެ. ސިޔާސީ ޕާޓީއެއް ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެއީ ހަމައެކަނި ޖަލްސާ ބޭއްވުމާއި މުޒާހަރާ ކުރުމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދަންނަވަންތޯ އަޅުގަނޑު މި ވާދަކުރަނީ އެމްޑީޕީ ވެރިންނަކާ ނޫން. އަޅުގަނޑު އަބަދު ވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ. އަޅުގަނޑަކަށް ނުވިސްނޭ މީގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ:

  • އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ އެެއްޗެއް އެނގޭ މިންވަރަކަށް އެމްޑީޕީއާ ހިއްސާ ކުރައްވައިގެން ނޫނީ މިހާރު އޮތް ސަރުކާރު ބަދަލުކުރެވޭނެހެން ހިއެއް ނުވޭ

  • މެމްބަރުންގެ ޕާޓީއަކަށް ވުރެ މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް އަދި މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށް އެމްޑީޕީ ވާންޖެހޭ

  • މިހާރު އޮތް ޕީއެންސީގެ ވެރިކަން ކޮންމެހެން ވެސް ބަދަލުކުރަންޖެހޭ؛ އެކަން ކުރެވޭނީ އެމްޑީޕީއަށް

  • އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ދޮށީ މުއައްސަސާ؛ ރައްޔިތުންނަށްޓަކައި އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އުފެއްދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް

ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަންނަވަން ބޭނުންވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ވެރިކަން ބަދަލުކުރުން ކަމަށާއި 2028ގައި ވެރިކަން އެމްޑީޕީއަށް ނުލިބިއްޖެ ނަމަ އެެއީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑު އައްޑޫގެ އެމްޑީޕީ މެމްބަރުންގެ އަރިހުގައި އެދެން، ތިބޭފުޅުން ވަރަށް ވިސްނަވައްޗޭ، ވަރަށް ވިސްނަވާފައި މި ވޯޓު އަޅުގަނޑަށް ދެއްވުމަށް އަޅުގަނޑު ވަރަށް ވަރަށް އިހުލާސްތެރިކަމާ އެކު އެދެން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (7)

ލަދު

26 އޭޕްރީލު 2026
ނަޝިދު މިހާރު ތިޔަ ދައްކަވަނީ ލަދުވެތި ވާހަކަތަކެއް. ނަޝީދުވީ ގުރުބާނީ އާއި އޮހޮރުނު ލޭގެ ބަދަލު ހޯދަން ނިކުމެވަޑައިގެން އެހުންނެވީ. ރައީސްކަމެއް އަދި ބޭނުމެއްނޫން. މިވަގުތު މުހިންމީ ޗެއާޕާސަންކަން. ފައްޔާޒު ވިސްނަވާތި. އެކަން ހަމަ ލިބޭއިރަށް ދެން ނިކުންނާނީ ރިޔާސީ ޓިކެޓު ހޯދަން. މިއީ ޕާޓީ ރޫޅާލަން ނިކުތް މީހުންނަށް އޭގެ ބަދަލު ދޭން އެމްޑީޕީ މެމްބަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ރޫޅާލާނަން، ރޫޅާލާނަން
5 0

ސައިމާ

26 އޭޕްރީލު 2026
ދެން ލޭފޮދެއް އަޅާބަލަ. އެއިގެބަދަލުގައި ރަސްކަން ބޭނުންވަނީ
5 0

ޙުސައިން

26 އޭޕްރީލު 2026
ދެން ކަލަ ނުގޮވާ. މަނިކުފާނަށް އުޅެން ނޭނގުމުން މަނިކުފާނުގެ ތާއިދު ގެއްލުނީ.
5 0

ތެފައާސާ.

26 އޭޕްރީލު 2026
އެ މަނިކުފާނު ނޫން ބޭފުޅަކަށް އެމްޑީޕީގެ ޗެއާކަން ދޭންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވީމާ ހަނދާނަށް އައީ ޕްރައިމަރީއިން ބަލިވީމާ ފޫކަހާފައިގޮސް އެހެން ޕާަޓިއެއް އުފައްދައި އެމްޑީޕީ ރޫޅާލަން ފާޅުގައި ގޮވައި އަދި އެމަަގުން އެކަންކޮށް މުުއިއްޒު ވެރިކަމަށް ގެންނަން ފާޅުގައި ކުރި މަސައްކަތް.
6 0

އިބިރަހިމާ

26 އޭޕްރީލު 2026
މަނިކްފާނު ތިޔަ ވިދާޅުވީ ވެސް ތެދެއް. ހަމަ އެއާ އެކު ޑިމޮކްރަސީ އަށްފަހު، އެއް ރައްޔިތަކަށް މި ގައުމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރީ ވެސް ހަމަ މަނިކްފާނަށް.
5 1

އަނީސް

26 އޭޕްރީލު 2026
މަނިކްފާނު ޕަބްލިކަށް ފެންނަ ހިސާބުގައި ލޭއޮހޮރުވި. އަޅުގަނޑުގެ މުޅިދިރިއުޅުން ފުނޑުނީ މާޒީގަ ވެރިކަންކުރި ޖައްބާރުންގެ ފަރާތުން ސަލާމަތްނުވެވިގެން. މުޅިގައުމުގެ ބާރުތައް އެކައްގެ އަތަށް ނަގައިގެން ބިރުދެއްކުމުގެ ނިޒާމުން ސަލާމަތްނުވެވިގެން.
0 1

7777

26 އޭޕްރީލު 2026
@އަނީސް ވެއިޓް ވަޓް؟ ބްރޯ އަަންނިގެ ކުރިން ނޫންތަ ތިޔަކަން އޮތީ. ދެން އެބޭޅާ ގެއައީސް އޭތި. މިހާރު މި އޮތްގޮތުން. ދިވެހިންނަކީ ސުލްހަޔަށް ލޯބިކުރާ ބައެއްކަން އެބޭޅާއަށް ނެގޭނީ. ވިތް އޯލް ހިސް ފްލޯސް. ރައްޔިތުންދެކެ އެންމެ ލޯބިވަނީ އަންނި. ދެން ތިބި މަމެންނަށް ސަންދޮއްފަދަ ގޮޅީ އަޅައިދޭ މީހުން. އެމްޑީޕީން އަޅާ ގެތަކުގައި އިންސާނުންނަސް ދިރިއުޅެވޭނެ. އަންނި އަޅައިފިއްޔާ ގަސްވެސް ގޯތި ކައިރީ އިންދޭނެ. އެއީ ތަފާތަކީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް