ރައީސް މުއިއްޒު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ބައްލަވާލައްވަނީ. (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

އެމްއޭސީއެލްގައި މަސައްކަތް ނުކުރާ މުވައްޒަފުން ތިބޭ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މަސައްކަތް ނުކުރާ ބަޔަކަށް އަދި އެ ބައެއްގެ ފަރާތުން ކުންފުންޏަށް އެއްވެސް މަންފާއެއް ނުކުރާ ބަޔަކަށް ކުންފުނީގެ ފައިސާ ހަރަދުކުރުމަކީ އޮޕަރޭޝަނަލް ހަރަދު ބޮޑުވެ، ފައިދާ ކުޑަވާނެ އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ލިބޭ ޑިވިޑެންޑު ކުޑަވާނެ ކަމެއްކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވޭ

އެމްއޭސީއެލްގައި ވަޒީފާއަށް ނުނިކުންނަ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދޭ ކަމަށް ބުނާ މައްސަލަ އާއި މަގުބޫލު ނޫން މީޑިއާތަކަށް ވެސް ކޮންމެ މަހަކު ސްޕޮންސަރުގެ ގޮތުގައި ފައިސާގެ ބޮޑު އަދަދެއް ދޭ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދި މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް އެވެ.

ތަފްސީލް - މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީން މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައި މައްސަލާގައި ބުނެފައިވަނީ:

  • އެމްއޭސީއެލް އިން މަސައްކަތަށް ނުނިކުންނަށް ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 2.4 މިލިއަން ރުފިޔާ ހަރަދުވޭ

  • އެކަމާ ގުޅޭ ގޮތުން ލިޔެކިޔުންތަކެއް ދައުރުވޭ

  • ރައްޔިތުންގެ ކަންބޮޑުވުންތައް އެ މައްސަލާގައި އެބަހުރި

މަސައްކަތް ނުކުރާ ބަޔަކަށް އަދި އެ ބައެއްގެ ފަރާތުން ކުންފުންޏަށް އެއްވެސް މަންފާއެއް ނުކުރާ ބަޔަކަށް ކުންފުނީގެ ފައިސާ ހަރަދުކުރުމަކީ އޮޕަރޭޝަނަލް ހަރަދު ބޮޑުވެ، ފައިދާ ކުޑަވާނެ އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ލިބޭ ޑިވިޑެންޑު ކުޑަވާނެ ކަމެއް ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެމްއޭސީއެލް އިތުރަށް އިޝްތިހާރު ކުރުމުގެ ނަމުގައި، ބައެއް މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުން އަންނަ ކަމަށާއި މީގެ ތެރޭ މަގުބޫލު ނޫން މީޑިއާތައް ވެސް ހިމެނޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލާގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެ މައްސަލާގައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އޮންނަ ޑިމާންޑާ އެއްގޮތަށް ފްލައިޓުތައް އޮޕަރޭޓު ކުރުމަށް ޖާގަ ނުދެވޭ ކަމަށާއި ހިދުމަތް ވެސް ނުދެވޭ ކަމަށެވެ. އެހެންކަމުން، ވިޔަފާރި ހޯދުމަށް އިތުރަށް އިޝްތިހާރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އަމީން ފައިސަލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުން:

  • މިއީ ސިޔާސީ ކަމެއް ނޫން

  • މިއީ ދައުލަތުގެ ފައިސާއަށް ނަހަމަ ގޮތުގައި އަރައިގަތުމުގެ އަމަލެއް

  • މިއީ ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތު، އޭސީސީގެ ގާނޫނު އަދި މާލިއްޔަތު ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފު ކަންތައްތައް

ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް މިކަމާ މެދު ފިޔަވަޅު ނާޅާ އޮތުމަކީ ދައުލަތުގެ މާލިއްޔާއަށް ވެސް ބޮޑު ގެއްލުމެއް ވާނެ ކަމެއްކަން ފާހަގަކޮށް، މެންބަރު ވަނީ އެމްއޭސީއެލްގެ ވެރިން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް ވެސް އެދިފަ އެވެ.

ފާހަގަ ކުރެވޭ - ބޮޑެތި މުސާރައިގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އެމްއޭސީއެލްއަށް ނަގާފައިވާ ކަމުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

21 އޭޕްރީލު 2026
މިމައްސަލަ ބެލުމުގައި ހެޔޮ ނިޔަތެއް އޮތްނަމަ، ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ތިޔަ ތުހުމަތުތައް ކަށަވަރު ކުރެވޭނެ ގޮތްތައް އެބައޮތް! ރާއްޖޭގައި ހުރިހާ ކަމެއްވެސް ކުރަނީ އަމާބުނީތީ ފަރަށްދާގޮތަށް! އަޅެ ހިތްވަރެއް ހުރިއްޔާ އެމީހުންގެ ޕޭރޯލް ހޯދަންވީއެއްނު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް