ޕީއެންސީގެ އެސްޖީގެ މަގާމުގައި ހުންނެވި މުއާޒް. (ފޮޓޯ/ޖަވިޔަނި.ކޮމް)

ޕީއެންސީ

މުއާޒު ޕީއެންސީގެ އެސްޖީގެ މަގާމުން އިސްތިއުފާދެއްވައިފި

އެ މަގާމުން އިސްތިއުފާ ދެއްވީ، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމަށް ކަމަށް މުއާޒު ވިދާޅުވި

ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރައްވައި އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޖީ ކަމުން އިސްތިއުފާ ދެއްވީ، ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލު ކުރެވޭ ޕާޓީއަކަށް ހެދުމަށް އެ ޕާޓީގެ ރައީސް މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ބޭނުންވާތީ ކަމަށެވެ.

"[އޭގެ އިތުރުން]، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި އަޅުގަނޑަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ޕޯސްޓުގައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ މުއާޒު ޕީއެންސީގެ އެސްޖީ ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

ފާހަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވުމަށް އެސްޖީ ކަމުން މުއާޒު ވަކިވެވަޑައިގަތްއިރު، ހަމަ މިގޮތަށް ވިދާޅުވެ ސަރުކާރުގެ 10 މިނިސްޓަރަކު ވެސް މިދިޔަ ހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށް ފަހު އެ މަގާމުތަކަށް އާ ބޭފުޅުން މިހާރު ވަނީ އައްޔަންކުރައްވާފަ އެވެ.

މި ބަދަލުތައް ރައީސް މުއިއްޒު ގެންނަވަމުން މި ގެންދަވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި މައި ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވަނިކޮށެވެ. އެ އިންތިހާބަށް ފަހު ރައީސް މުއިއްޒު ވަނީ ކަންކަން އިސްލާހުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ކޮސް

18 އޭޕްރީލު 2026
ނިމިގެންދާއިރު މިބޭޅާވެސް ފަހުން ވިދާޅުވާނީ " ޝޮކެއްގައޭ" މިހުރީ .އަންގާވެސް ނުލާ ކުއްލިއަކަށް އިސްތިއުފާ ދޭން އެންގެވިއްޔޭ.... ދެން އަދާލަތު ޕާޓީއަށް ވަޑައިގަނޭ. ރަނގަޅު އެސް.ޖީއަކު ނުލިބިގެން އެވެރިން އުޅެނީ..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް