14 އޭޕްރީލް 2026 - ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލައްވައި 12 ވަޒީރަކު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

ކެބިނެޓް

ބައެއް މިނިސްޓްރީތައް އެއްކޮށްލައި ވަޒީރުންގެ އަދަދު 20 އިން 15 އަށް މަދުކޮށްފި

މިއަދު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމުތަކުގެ ތެރެއިން މިރޭ ބޭފުޅަކު އައްޔަންނުކުރަނީ ޑިފެންސް މިނިސްޓްރީއަށް އެކަނި

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، ވަޒީރުންގެ މަޖިލިސް ރައީސް މުހައްމަދު މުއިއްޒު މިރޭ އަލުން އެކުލަވާލައްވައިފި އެވެ. 

ވީ ކިހިނެއް؟ - ކެބިނެޓު އަލުން މިރޭ އެކުލަވާލީ، 10 ވަޒީރަކު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައިވަނިކޮށެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިޔާތެއްގައި 12 ވަޒީރަކު މަގާމުގެ ހުވާ ކުރައްވާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އަަލަށް ވަޒީރުކަމާ ހަވާލުވި ހަތަރު ބޭފުޅަކާއި މިހާރު ވެސް ވަޒީރުކަން ކުރައްވަމުންދާ އަށް ބޭފުޅެކެވެ.

އަލަށް ވަޒީރުކަމުގެ ހުވާކުރެއްވި ހަތަރު ބޭފުޅުންނަކީ:

  • 1-

    ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު

  • 2-

    އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ

  • 3-

    އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް

  • 4-

    ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

މިރޭ ގެނައި ބަދަލާ އެކު ހަތަރު މިނިސްޓްރީއެއް އެއްކޮށްލާފައިވެ އެވެ. މި ބަދަލާ އެކު ވަޒީރުކަމުގެ ހުވާ އަލުން ކުރެއްވި އަށް ބޭފުޅުންނަކީ:

  • 1-

    މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް 

  • 2-

    އަލީ އިހުސާން - މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ 

  • 3-

    ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް

  • 4-

    މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

  • 5-

    ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް

  • 6-

    މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

  • 7-

    ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

  • 8-

    މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް - އަބްދުﷲ ރާފިއު

މިރޭ ހުވާ ކުރެއްވި ބޭފުޅުންނަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. 

ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް މި ރަސްމިއްޔާތުގައި ބޭފުޅަކު އައްޔަނެއް ނުކުރެ އެވެ. މި ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ، ޑިފެންސް މިނިސްޓަރުގެ އިތުރުން، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ. މީގެ ކުރިން ވަޒީރުންގެ މަޖިލީހުގައި 20 ވަޒީރަކު ތިއްބެވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

15 އޭޕްރީލު 2026
5 މިނިސްޓަރީ އެއްކޮށްލުން އެއީ ރަނގަޅު ދިމާލަށް އެޅުނު ފިޔަވަޅެއް. އެކަމަކު އޭގެ ހަގީގީ ނަތީޖާ ފެންނާނީ ތިޔަ ހުރިހާ މިނިސްޓަރީތަކެއްގައި ތިބި ބޭކާރު ސިޔާސީ މީހުން ބޭރުކޮށްގެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް