އިސްތިއުފާ ދެއްވި 10 މިނިސްޓަރުން.

ކެބިނެޓް

ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެންނަން ފުރުސަތު ދިނުމަށް: ރައީސް އޮފީސް

ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު އިސްތިއުފާ ދެއްވުމުން ރައީސް މުއިއްޒު ވަނީ އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލު ކުރައްވާފައި

ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު އިސްތިއުފާ ދެއްވުމުން ރައީސް މުއިއްޒު ވަނީ އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލު ކުރައްވައިފަ އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.

އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

  • ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

  • ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

  • އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

  • ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް

  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

  • ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް

  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

  • ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން

  • މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި

  •  އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި

  •  އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި 

  • ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.







ކޮމެންޓް (4)

އަސްލުވެސް

14 އޭޕްރީލު 2026
ދިވެހި ތާރީޙް ކިޔައިލީމައި އެނގެނީ މިހާތަނަށް ދިވެހީރާްޖޭގެ ވެރިކަމަށް އިސްވި މީހުންގެ ތެރެއިން ނަމުގައި ފުރަތަމަ އަށް މުޙައްމަދު ކިޔާ އެއްވެސް މީހަކަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައި ނުވޭ.. މިއަދު ސިޔާސީ މަޝްރަހުން މި ނެގި ރާޅުން އެދިމާލަށް ދާން އުޅޭހެން ހީވަނީ
1 0

ސިކުނޑި

14 އޭޕްރީލު 2026
މި ސިޔާސަތު އަތަށް ގިވާނެ! މިކޮމެންޓް ސޭވް ކޮށްލާތި! ހާލަތުގެ ޖަޒުބާތުގައި ޖެހިގެން އަތުންފައިން ގޯސް ހެދޭވަރަށްވުރެ ހިތްވަރު ހުންނަންވާނެ ރައީސެއްވިއްޔާ!
1 0

ތެފައާސާ.

14 އޭޕްރީލު 2026
5 އަހަރުގެ ދައުރަކަށް ވެރިކަން ހަވާލުކުރީމާ ދެ އަހަރާއި ބައި ވަންދެން، ހިތުހުރިގޮތަކަށް ވެރިކަންކޮށް މަގާމުތަކާއި ވަޒީފާތައް އެތައް ހާހަކުން ބަހައި، ޕްރެޖްކްޓައް ހިތަށްއެރި ބަޔަކަށް ދީ، ޖުޑިޝަރީއަށް އަތް ބާނައި، މަޖިލިސް މެމްބަރުން ތަޅު އަޅުވައި، ދުނިޔެ ކުޑަކުރަން ދަތުރުއަޅައި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓުކޮށް، ކުންފުނިތަކާއި ސަރުކާރުގައި އިސްކޮށްތިބި މީހުން ކޮރަޕްޝަނުގެ ފައިސާއިން މުއްސަނދިވެ މިޒާތުގެ އެތަކެއް ކަމެއްކޮށް،... ހަމަ މި އިރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތަކެއް ތަނަކުން ދަށްވެ ބިކަވެ ތުރާވެ ބޭހަށް ޖެހި ގޭހަށް ޖެހި ތެލަށް ޖެހި މިހުރިހާ ކަމެއްވެ ނިމި ގޮސް، ދައުރު ދެބައިވީމާ، އަދި ކިރިޔާއޭ މި ރޭކާލީ ސަރުކާރު މި ހިންގެނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫންކަން. ބަޔަކު އަންތަރީސް ވެދާނެ އެއްނު؟
2 0

ކޮމޮޑަސް

14 އޭޕްރީލު 2026
އެންމެނަށްވެސް އިނގޭނެ - ތިޔަކަހަލަ ދެއުޅިއެއްނުވާ ސަބަބެއްކަން ދައްކަނީ. މުއިއްޒުއަށް އަދިވެސް ރޭކާނުލަނީ ރައްޔިތުން ނޫނެކޭ ބުނީ ކީއްވެކަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް