ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓްގެ ކުރީކޮޅު ބޭއްވި ބައްދަލުވުމެއް ކުރިއަށް ދަނީ: އޭގެ ތެރެއިން 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވި (ފޮޓޯ/ރައީސް އޮފީސް)

ބައެއް މިނިސްޓަރުން ޝޮކްގައި، އިސްތިއުފާ ދޭން ޖެހުނީ ކުއްލިއަކަށް

'ދައުރު'އަށް އެނގިފައިވާ ގޮތުގައި އިއްޔެ އިސްތިއުފާ ދެއްވި ބައެއް ބޭފުޅުންނަށް އަދިވެސް އޭގެ ސަބަބެއް އެނގިވަޑައެއް ނުގަންނަވާ
15 އޭޕްރީލު 2026
12

ދިވެހިންނަށް އިއްޔެއަކީ ހައިރާންކަމާއި ކުއްލި ޝޮކްތަކުން ފުރުނު ދުވަހެކެވެ.

ފަހަރަކު މިނިސްޓަރަކު އިސްތިއުފާ އިއުލާންކުރައްވަނީ އެވެ. އެ ސިލްސިލާ ނިމުނު އިރު، ކެބިނެޓްގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ.

"އަނެއްކާ ކިހިނެއް ވާން މި އުޅެނީ؟" މިއީ އިންޑިއާއިން އެނބުރި ރާއްޖެ އައިސް ޓާމިނަލުން ނުކުތުމާ އެކު އަޅުގަނޑަށް އައި ފުރަތަމަ ކޯލުގައި، ސިޔާސީ ބޭފުޅަކު އެއްސެވި ފުރަތަމަ ސުވާލެވެ.

"ރީޝަފަލްއެއް ނޫންތަ؟ އެ އެންމެން އަލުން ހުވާނުކުރާނެ ބާ؟" އަޅުގަނޑު ވެސް ކުރީ ސުވާލުތަކެކެވެ.

ކެބިނެޓަކީ ކުޅޭކުޅޭ ތަނެއް ނޫންތާ އެވެ. އެއީ ސަރުކާރުގެ އެންމެ މަތީ ވެރިންނެވެ. އެކަމަކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، 29 ޖޫން 2010 އަކީ، އޭގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ދުވަހެކެވެ. ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި، ޓީވީއެމުން ވަގުތުން ދައްކަމުން، ނަޝީދު ކެބިނެޓްގެ 13 މިނިސްޓަރުން، ފަހަރަކު ބޭފުޅަކު، އިސްތިއުފާގެ ސިޓީފުޅު އެމަނިކުފާނަށް އަރުވަމުން، ދިޔަ އެވެ.

މި ބޮޑު ސިޔާސީ ޑްރާމާގެ ސަބަބަކީ، އޭރުގެ އިދިކޮޅު މައި ޕާޓީ، ޑީއާރުޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުން ސަަރުކާރު ހިންގަން ދަތިކުރުން ކަމަށް، ނަޝީދާއި އެހެން މިނިސްޓަރުން ވިދާޅުވި އެވެ.

އެއީ ސިޔާސީ ގޮތުން ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. އިސްތިއުފާ ދެއްވި ވަޒީރުން އަލުން ކެބިނެޓަށް ގެންނަވައި، ހުވާކުރެއްވިޔަސް ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބިވަޑައިގަތީ އެންމެ ފަސް ބޭފުޅަކަށެވެ.

29 ޖޫން 2010 ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވި ރަސްމިއްޔާތުގައި އިސްތިއުފާގެ ސިޓީތައް ނަޝީދާއި ނައިބު ރައީސް މުހައްމަދު ވަހީދު ބައްލަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެ ސިޔާސީ ކަންތައްގަނޑަށް 16 އަހަރު ވާން އުޅެނިކޮށް އިއްޔެ މި ކުރިމަތިވީ އޭގެ އާ ބާބެކެވެ. މިފަހަރު ރައްޔިތުންގެ މަޖިލިހުގެ ޖެއްސުންކުރުން ސަރުކާރަށް އޮވެެގެންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރާށެވެ. އެކަމަކު މީގެ 10 ދުވަސް ކުރިން ރާއްޖޭގައި ބޭއްވި ކައުންސިލް އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އަދިވެސް ރައީސް މުހައްމަދު މުއިއްޒަށް ހަޖަމްނުކުރެއްވޭ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ސަރުކާރަށް ދޭއް ބައި އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ ބޮޑު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުމުގެ ނަތީޖާއިން ސަރުކާރު 'ބަރަހަނާ ވެއްޖެ' ކަމަށް، އެއް ބަޔަކު ދެކި، ސަރުކާރަށް ފާޑުކިއުން މި އޮތީ ބޮޑުވެ އާންމުވެފަ އެވެ.

ކުއްލިއަކަށް އިސްތިއުފާ ދެއްވި 10 މިނިސްޓަރުން

  • ޑރ. އަބްދުﷲ ހަލީލު - ފޮރިން މިނިސްޓަރު

  • ގައްސާން މައުމޫން - ޑިފެންސް މިނިސްޓަރު

  • ޑރ. އައިޝަތު ޝިހާމް - ސޯޝަލް މިނިސްޓަރު

  • އަބްދުﷲ ނާޒިމް - ހެލްތު މިނިސްޓަރު

  • ޑރ. މަރިޔަމް މާރިޔާ - އެގްރިކަލްޗާ މިނިސްޓަރު

  • އާދަމް ޝަރީފް - ލޯކަލް ގަވަމެންޓް މިނިސްޓަރު

  • އިބްރާހިމް ވަހީދު - ޔޫތު މިނިސްޓަރު

  • ތޯރިގު އިބްރާހިމް - ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު

  • ޑރ. އަލީ ހައިދަރު އަހުމަދު - ހަޔާ އެޑިއުކޭޝަން މިނިސްޓަރު 

  • އާދަމް ނަސީރު އިބްރާހިމް - ދިވެހި ބަހުގެ މިނިސްޓަރު

އިއްޔެ ރައީސް މުއިއްޒު ކެބިނެޓްގެ 10 މިނިޓަރަކު އިސްތިއުފާ ދެއްވަން އެމަނިކުފާނު އެދިވަޑައިގަތީ ކުއްލިއަކަށް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި، މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި އެވެ. މިއީ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާގެ ހިތި އަސަރާ ގުޅިފައި އޮތް ނިންމެވުމެއް ކަމަށް ވެސް، އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ބައެއް މިނިސްޓަރުންނަށް ލިބުނީ ހަމަ ޝޮކެއް. އެ މީހުން ހިއެއްނުކުރޭ އެހެން އަންގާނެ ކަމަކަށް،" އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ރަސްމީ ހަފުލާއަކަށް ރައީސް ވަޑައިގަންނަވާ އިރު ސަރުކާރުގެ އިސް ބޭފުޅުން އިސްތިގުބާލުގައި: ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ސަރުކާރަށް ހިތި - (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އެ ނިންމެވުން އައީ ކޮން ބޭފުޅަކާ މަޝްވަރާކުރައްވައިގެން ކަމެއް ވެސް ނޭނގެ އެވެ. އެތެރޭގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒުއަށް އެފަދަ ލަފައެއް އަރުވާނެ ނުވަތަ ލަފައެއް ހޯއްދަވާނެ ބޭފުޅަކު ވެސް ނެތެވެ. އެހެންކަމުން އެއީ ސީދާ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތް ކަމަށް 'ދައުރު'އާ ވާހަކަ ދެއްކެވި މަސްދަރުތަކުން ލަފާކުރައްވަ އެވެ.

"[ނަން ކަނޑާލާފައި] ބުނީ ހަމަ އެއްގޮތަކަށް ވެސް ނޭނގެއޭ ކާކުގެ ލަފައެއް ކަމެއް، އިރުޝާދު ހޯދީ ކާކުގެ ކައިރިން ކަމެއް،" އިސްތިއުފާ ދެއްވި މިނިސްޓަރެއްގެ ނަން ވެސް ކިއުއްވާފައި، އެއް ބޭފުޅަކު ވިދާޅުވި އެވެ. (އެ މިނިސްޓަރުގެ ނަން މި ރިޕޯޓްގައި ނުޖެހީ އޭނާއާ ގުޅޭ ގޮތް ނުވުމުންނެވެ.)

އިސްތިއުފާއިން ސަލާމަތްވި މިނިސްޓަރުން، އަލުން ހުވާކުރެއްވި މަގާމާ އެކު

  • 1-

    މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް 

  • 2-

    އަލީ އިހުސާން - މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ 

  • 3-

    ޑރ. އިސްމާއިލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް

  • 4-

    މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

  • 5-

    ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް

  • 6-

    މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

  • 7-

    ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

  • 8-

    އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް

  • 9-

    އަހުމަދު ޝިޔާމް - މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ 

'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން އެއް ބޭފުޅަކަށް އަދިވެސް އެކަން ގަބޫލެއްނުކުރެއްވެ އެވެ. އެހާ ވެސް ބޮޑަށް އޭނާ ހުންނެވީ ޝޮކްގަ އެވެ.

އެކަމަކު މަތި ރީތިކުރަން އެ ހުރިހާ ބޭފުޅުންނާ ބެހޭ ގޮތުން ވެސް ރައީސް އޮފީހުން އިއްޔެ ސަބަބެއް އާންމުކުރި އެވެ: އެ ބޭފުޅުން އިސްތިއުފާ ދެއްވީ 'ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެންނަން ފުރުސަތު ދިނުމަށް' ކަމަށް ބުނެ އެވެ.

ސަލާމަތްވި ފިނޭންސް މިނިސްޓަރު ޒަމީރު (ކ) އާއި އިސްތިއުފާ ދެއްވި ފޮރިން މިނިސްޓަރު ހަލީލު (ފޮޓޯ/ރައީސް އޮފީސް)

ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އިންތިހާބުގައި އެހާ ބޮޑު ތަނުން ބަލިވެފައި އޮތް ދަނޑިވަޅެއްގައި އެއް ފަހަރާ އެހާ ގިނަ މިނިސްޓަރުން ކުއްލިއަކަށް އިސްތިއުފާ ދެއްވުމުން ސަރުކާރުގެ އަގު އިތުރަށް ވެއްޓުން ކައިރި އެވެ. ރައްޔިތުންގެ މެދުގައި އެއަށް ވުރެ އިތުބާރު ބޮޑުވާނެ ގޮތަށް ކެބިނެޓަށް ބަދަލު ގެންނެވޭނެ ކަމަށް ވެސް، ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުން ވިދާޅުވި އެވެ.

މިސާލަކަށް ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރެވެ.

މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގައި ދޭތެރެ ދޭތެރެއިން ކެބިނެޓަށް ބަދަލު ގެންނަވަ އެވެ. އެކަމަކު އެއީ މިގޮތަށް އެއް ފަހަރާ ގިނަ ބޭފުޅުން އިސްތިއުފާ ދެއްވާފައެއް ނޫނެވެ. ހަނދާނުގައި ބަހައްޓާށެވެ! އެއީ މުޅިން އެހެން ދުވަސްވަރެކެވެ.

އަލަށް ކެބިނެޓަށް ގެންނެވި ހަތަރު ވަޒީރުން

  • 1- ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު

  • 2- އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރްމެންޓް އެންޑް އެނާޖީ

  • 3- އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް

  • 4- ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނުމުން އޭގެ މާނައަކީ ސަރުކާރު ހިންގުމުގައި ވެސް ގޯސްތަކެއް އުޅުުމެވެ. ކެބިނެޓްގެ ބޮލުގައި ވެސް އެ ޒިންމާ އެޅެ އެވެ. އެހެންކަމުން ރައީސް މުއިއްޒަށް އިތުބާރު ނެތް މިނިސްޓަރުންތަކެއް ކެބިނެޓްގައި ބޭތިއްބުމުގެ ބޭނުމެއް ވެސް ނޯންނާނެ ކަމަށް، އެ ބޭފުޅުން ވިދާޅުވި އެވެ. މާނައަކީ އިއްޔެގެ ކުއްލި އިސްތިއުފާތައް އޭގެ ޒާތުގައި، އަދި މިހާރުގެ ސިޔާސީ ވެއްޓަށް ބަލާއިރު، އެހާ ގޯސްނުވުމެވެ.

ކެބިނެޓުން ބޭރުކުރައްވަން ރައީސް މުއިއްޒު ބޭނުންފުޅުނުވި މިނިސްޓަރުންނާ އެކު އާ މިނިސްޓަރުންތަކެއް ރޭ ވަނީ ހުވާކުރައްވައިފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި  މިނިސްޓަރުންނަށާއި މުޅި ރާއްޖެއަށް ލިބުނު ޝޮކް ވަރަށް ބޮޑެވެ. މީގެ 16 އަހަރު ކުރިން ރައީސް ނަޝީދު ނިންމެވި ނިންމެވުމުން ލިބުނު ޝޮކް ވަރު ނުވިއަސް މެ އެވެ.

ސިޔާސީ ޕްރެޝަރާއި އިންތިހާބުގެ ބަލި އެކި ވެރިން ނަންގަވާނީ އެކި ގޮތަށެވެ. މިއީ ވެސް އެފަދަ ތަފާތު ފިލާވަޅެކެވެ.

ކޮމެންޓް (12)

ރަށު އަހުމަދު

16 އޭޕްރީލު 2026
އަޑީގަ ހުންނާނީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް.
2 0

ދެރަ ވަރަށް ދެރަ

15 އޭޕްރީލު 2026
ދެރައީ ދިފާޢީ ވަޒީރު ވަކި ކުރީމަ. ރައީސް އާ ރައްޔިތުންގެ ޚާދިމެއް. މަތް ބަހުން މީހުންނާއި ވަހަކަ ދައްކާ ހިތް ތިރި ހިތް ހެޔޮ ވަޒީރެއް. ކަންކަން ކުރެއްވުމަށް ރެޔާދުވާލު އޮފީހުގައި ހޭދަކުރެއްވި. އާލަސްކަންފުޅާ މީހާ ދުޅަވެ، އެ ބަލި ހާލުގައި ރައްޔިތުންނާ ސަލާމްކުރެއްވުމަށް ދޮޅު ގަޑިއިރު ހުންނެވި. ރައީސްއަށް ސަޕާޓް ދެއްވި. ވަކިވެގެން އެދިޔައީ ޖަވާހިރެއް.
8 2

ސިކުނޑި

15 އޭޕްރީލު 2026
ރައީސް ހިތުން ގަދަ ކަމެއް ކޮށްލީ! ވޯޓުންވީ ބަލި ވަޒީރުންގެ ބޮލުގައި އަޅުވައި އާފެށުމަކުން ފެށުނީކަމަށް ރައްޔިތުންނަށް ދައްކައިގެން ގުނބޯ ހައްދަން ކުރިކަމެއް ކަމަށްބެލެވޭ! ސަރުކާރުގެ އޮނިގަނޑު ބަދަލު ކުރުންވެސް އެންމެ ފަހުން އުނބަށްޖެހީ! މިހާރު އޮތީ ކުރި ހުވައި އެކަނި! އެ އުނބަށް ޖެހީމާ ހުރިހާ ކަމެއް ނިމުނީ! ވަޒީރުން އިތުރުކޮށްގެން ޚަރަދު ދެގުނަކޮށްގެން ނަތީޖާ ނުނެރެވުނީ ރައީސްގެ ނާގާބިލުކަމުންކަމަށް ގަބޫލު ކުރެވެނީ! މިހާރު ވުޒާރާތަށް އެއްކޮށްލައިގެންވެސް ކުރިޔަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި ޕޯޓްފޯލިއޯ އަށް މުވައްޒަފުން އަހުލުވެރި ކުރެވޭނީ ކިރިޔާ! ތެދަށް ބުނަންޏާ ވާނުވާނޭނގި ރާއްޖޭގެ ވެރިކަން ހިނގުމުގެ ނިޒާމު ގަޑުބަޑުކޮށް ޚަރާބުކޮށްލީ! ދައުރުގެ ކުރީކޮޅު ހަލާކު ކުރީ! ދައުރުގެ ފަހުކޮޅު ކުރިން ހާލި ކުރިން ކަންކަން ރަނގަޅު ކުރަނީ! ދައުރު ނިމޭއިރު ނަތީޖާ ސުމެއް! ވަރަށްބޮޑަށް ސޮރީ ރައީސް މުއީޒަށް ވޯޓުނުލާން ނިންމައިފިން!!
3 1

ބެއްޔާގެ ދަރި

15 އޭޕްރީލު 2026
އެންމެ ބޮޑު ޝޮކެއް މި ލިބުނީ މި ސަރުކާރު ފެށުނީއްސުރެ އެންމެ ގެއްލުން ލިބުނު އެއް ސަބަބަށްވާ މީހަކު ވަޒީރު ކަމަށް އައްޔަންކުރުމުން. ޕާފޯމަންސް ވެސް ނުދެއްކޭ މީހަކު ލީމަ. ޓީވީއެއް ހަދަން ބޮޑު ވައްކަމެއް ކުރުމާއި ބޭސް ފަރުވާގެ ނިޒާމު މުޅިން ގަޑުބަޑުކުރުމާއި ސަރުކާރުގެ ޒިންމާދާރު ދެ މަގާމެއް އެއް ފަހަރާ ފުރުއްވުމާއި ސަރުކާރުގެ މޫނުމަތި އޮމާންކުރުމުގައި ފެއިލްވުމާއި. އެކަމަކު އިނާމަށް ދިނީ ވަޒީރުކަން
14 1

ކޮމޮޑަސް2

15 އޭޕްރީލު 2026
މަަށަށް ދެރައީ އެންމެންތަ ކަނޑާލަފައިވެސް ދެއްކި ދެއުޅިއެއްނުވާ ބަހަނާއެވެ. 4 އެޕްރިލް 2026 ވީ ހޮނިހިރު ދުވަހު، ރައްޔިތުން އެ ދިން މެސެޖު އަދިވެސް މި ސަރުކާރަށް ފަހުމްނުވަނީއެވެ. ރައްޔިތުންގެ ވިންދޭ ފަޅޮލޭ ކިޔުން ހުއްޓާލާށެވެ. އެކަހަލަ ކޮސް ބަހަނާ ނުދައްކާށެވެ. އެއީ ގޯސް މައްޗަަށް ހެދޭ ގޯހެކެވެ.
11 1

ކޮމޮޑަސް

15 އޭޕްރީލު 2026
ރައީސް މުއިއްޒަކީ ފަހުން ވާނެ ގޮތަކާއިމެދު ވިސްނުމެއްނެތި، ކުއްލިކުއްލިއަށް ކަންކަން ނިންމަވާ ބޭފުޅެކެވެ. އެއީ ވެރިއެއްގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން ފެންނަން ވާނެ ސިފައެއްނޫނެވެ. ރައީސް މުއިއްޒު ރައީސްކަމަށް ވަޑައިގަތީ ރައްޔިތުންގެ މައްޗަށް ވެރިކަން ކޮށްދިނުމުގެ ނިޔަތުގައިތޯ ނުވަތަ ނޫންތޯވެސް ވިސްނަން މިއަދު މަޖުބޫރުވެއްޖެއެވެ. ބޮޑަށް ބެލެވެނީ ވެރިކަމަށް ވަޑައިގަތީ ނަމުގެ ކުރިއަށް “ރައީސުލްޖުމްހޫރިއްޔާ” މިހެން އަންނާނެތީހެން ވަރަށް ހީވެއެވެ. އެހެންނޫނަމަ، ގަވަނަންސް އަދި ލީޑަޝިޕްގައި މިހާ ފެންވަރު ދަށް ބޭފުޅަކަށް މުއިއްޒު ނުވީހެވެ. ހަގީގަތަކީ، ސަނަދަކުން މީހެއްގެ ވިސްނުމުގެ ފެންވަރު ދެނެނުގަނެވޭކަމެވެ. އަދި، ސަނަދެއް ނެތް މީހަކީވެސް ވަކި ވިސްނުމުގައި މޮޅު މީހެއްނޫނެވެ. ރައްޔިތުން މިކަންކަމަށް ހޭއަރައިގެން މެނުވީ މިގައުމު ހަމައަކަށް ނޭޅުވޭނެއެވެ.
14 2

އެޑްވައިޒަރުން

15 އޭޕްރީލު 2026
ރައީސް މަޝްވަރާކުރެއްވީ ރައްޔިތުންނާ. ރައްޔިތުންގެ ލަަފައާ ނިންމުން ބަލައިގަނެ ރައްޔިތުންގެ ވިންދާއެއްގޮތަށް ބަދަލުތައް ގެންނަވަނީކަމަށް ބެލެވެނީ.
5 6

22222

15 އޭޕްރީލު 2026
ކޮންމެ ރައީސަކުވެސް މިޖެހެނީ ރައްޔިތުންނަށް ޚިދުމަތް ކުރުން ދިްނ މެންޑޭޓް ބާއްވާފައި އެންޑީޕީގެ ދުއްޕާނުން ސަލާމަތްވާން ގޮތެއް ހަދަން. ދެން ހެދެނީ ހުސް ގޯސް. ބލވރކ. އަދި އެބަ ކިޔައެއްނު ކެއަކެޓަރޭ. ނާރުވާނަން. ނުދޭނަން ވޯޓެއް. ވެއްޓިއަސް. ވައްޓައިފިއްޔާ އަމުދުން ނުދޭނަން. ރައްޔިތުން ބޭނުމެއް ނުވޭ ލޯޑެޑް ގަބީލާތަކުން އަތުންފައިން ހައްދަވައިގެން މަސައްކަތެއް ނުކޮށް ތިބެ ކުލި ކާލައިގެން ފޫހިފިލުވަން ގައުމު ހަލަބޮލިކުރަން އުޅޭ އުޅުމުގައި ބައިވެރިވާކަން. ރީތި ގޮތުގައި ކަންކަން ހައްލުކުރަން އުޅެން ގަބީލާ ނުން މީހުން ކައިރިން ދަސްކުރަންވެއްޖެއެއްނު. އެއުޅެނީ އަލީ ހުސޭނަކާ މަހްފޫޒަކާ ދެންވެސް އެތައް ބަޔަކު. ރައްޔިތުންނަށް ދުއްޕާން ނުކޮށް ކަންކަން އިސްލާހުކުރަން
6 6

ކޮސް

15 އޭޕްރީލު 2026
ފުންކޮށް ވިސްނާއިރު ޤަބޫލުކުރެވެނީ ރައީސް މުއިއްޒަކީ އަމިއްލަފުޅު ނަފުސު ދެނެގަންނަން ބޭނުންފުޅުވާ ބޭފުޅެއް ނޫންކަން. މިކަމުގެ ތަޖުރިބާކާރަކު ރަނގަޅުވާނެ އެއްޗެއް ވިދާޅުވާން.
16 2

ތެފައާސާ.

15 އޭޕްރީލު 2026
ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރުން ކަންކަންކުރާގޮތަށް ރައްޔިތުންގެ ތާއީދު ނެތްކަން އެނގިގެން އެ ބަހަނާގައި ކެބިނެޓްގެ ދެބައިކުޅައެއްބައި އިސްތިއުފާދޭން އެންގުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް. ސަބަބު؟ ވަޒީރުންނަކީ ސީދާ ރައީސްގެ ސިޔާސަތު ތަންފީޒުކޮށް ރައީސް އަންގާ ކަމެއް އަންގާ ވަގުތަކު އަންގާ ގޮތަކަށް ކުރަންތިބޭ ބައެއް. މިއިން ކޮންމެ ވަޒީޒަކު ކިތަންމެ ކުޑަކަމެއް ކޮށްފައިވެސް ބުނެއެއްނު ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުންނޭ. ދުވަހަކުވެސް ރައީސް އެއަކާއި ދެކޮޅުހެދި އަޑެއް ނީވޭ. އެކަމަކު ހަމަ ކުއްލިއަކަށް ދެބައިކުޅައެއްބައި ވަޒީރުން ގޯސްވެއްޖެ؟
19 2

ސިކުނޑި

15 އޭޕްރީލު 2026
@ތެފައާސާ. "ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން" ވަޒީރުން ކަންކުރީ އެހެން! އެއީ ވަޒީރުންގެ މަޖިލީހުގެ ޒިންމާ! އޭގެ އިތުރަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިންވެސް އެގޮތަށް ކަންކުރީ! ނަތީޖާ މިއޮތީ ފެންނަން!
5 1

މަބުނީ

15 އޭޕްރީލު 2026
ޝޮކްގަ ހުންނާނެކަމެއްނެތް. ރައީސް އެންގެވީމަ އިސްތިއުފާ ދޭންޖެހޭނެކަން އެނގިގެން މިނިސްޓަރުކަމާ ހަވާލުވާންވާނީ.
17 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް