ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހެއް އުފައްދައިފި

މި އޮފީސް ގާއިމްކުރީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅާ، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނި

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި 'ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް' މިއަދު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމުގެ މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމް ކުރުމަށް މާހިރުން ލަފާދެއްވާފައިވާތީ މިކަމަށް ސަރުކާރުގެ ވަކި ހާއްސަ އިދާރާއެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް މިއަދު ރައީސް އުފައްދަވާފައިވާ ކަމަށެވެ.

މި އޮފީސް ގާއިމްކުރީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅާ، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭ ގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން

  • ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅާ، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

މި އޮފީހުގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށް އިންތިޒާމުތައް ހަމަޖައްސާ، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ނިންމުންތައް ނިންމި ފަރާތްތަކާ ސުވާލުކުރަން ހާއްސަ އިންކުއަރީ ކޮމިޝަނެއް އުފައްދާނެކަން ވެސް ރިޔާސީ ބަޔާނުގައި ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

18 އޭޕްރީލު 2026
މިކަހަލަ ކަންކަން ކުރައްވާނީ ވެރިކަން ކުރަން ނޭނގޭތީ! އެހެންވީމާ، ރައީސް އުނބަށްޖެހުމާއި ދޮގު ހަދާކަމަށް ފެނުނަސް، ނިޔަތެއް އޮވެގެން އެކަން ކުރާކަމަކަށް ނުދެކެން! އެއީ ހަމަ ވާނުވާނޭނގޭތީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް