2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ. (ފޮޓޯ/ރައީސް އޮފީސް)
އިޓްލޮސްގެ ނިންމުން ބަލައިނުގަނެ، މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ނިންމައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ.
ތަފްސީލް - ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް، ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން ހުށަހެޅި މައްސަލައާ އެއްކޮޅަސް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށެވެ.
"މި ނިންމުން ދިރާސާކޮށް ރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށްޓަކާ ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް 19 ނޮވެމްބަރު 2023ގައި އަޅުގަނޑު ވާނީ ބަންޑާރަނައިބަށް އަންގާފައި. އެއާ އެކު، އެ މައްސަލަ ދިރާސާކުރުމަށް 3 މެންބަރުންގެ ވިލަރެސް ކޮމެޓީއެއް ބަންޑާރަނައިބު އެކުލަވާލައްވައި މި މައްސަލާގައި އައްޔަނުކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް މި ކޮމެޓީގެ ރިޕޯޓުތައް ބަންޑާރަނައިބު ވަނީ 22 ޖެނުއަރީ 2026ގައި އަޅުގަނޑަށް ހުށަހަޅުއްވާފައި،" ރައީސް ވިދާޅުވި އެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި.
— Dhauru (@Dhaurunews) February 5, 2026
އޭގެ އިތުރުން، އެމްޑީޕީގެ ސަރުކާރުން މި މައްސަލައިގައި ނިންމި ބައެއް ނިންމުންތަކުގެ… pic.twitter.com/CAASaHPvQw
ރައީސް ވިދާޅުވީ އެ މައްސަލަ ކެބިނެޓުގައި ދިރާސާކޮށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ފަށާފައި. އެގޮތުން، އައްޔަނުކުރައްވާފައިވާ ގާނޫނީ މާހިރުން ދެއްވާފައިވާ ގާނޫނީ ލަފަޔާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން،" ރައީސް ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ރައީސް 22 އޮގަސްޓު 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ރާއްޖެއިން އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހުރުވެރި ދައުލަތާއި ލޮބުވެތި ރައްޔިތުންގެ ހައްގުގައި ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީ އަޅުގަނޑު އިއުލާނުކުރަން."
ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލޮޖިކް ބޭސްޕޮއިންޓުތަކާ ހަވާލާދީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ނިންމައި އެކަން މިއަދު އިއުލާނު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ:
-
ގާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާހަށް ރިއާޔަތްކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް
-
ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމުގެ މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމް ކުރުމަށް މާހިރުން ލަފާދެއްވާފައިވޭ
-
މިކަމަށް ސަރުކާރުގެ ވަކި ހާއްސަ އިދާރާއެއް ގާއިމްކުރުމަށް ފެންނާތީ ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް ގާއިމް ކުރާނަން
ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ މައްސަލާގައި ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުންތައް ދައުލަތަށް ލިބިފައިވާ ކަމަށް މައްސަލާގައި އައްޔަނުކުރި ބައިނަލްއަގުވާމީ މާހިރުން ވިދާޅުވެފައިވާ ކަމަށެވެ.
"އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުލޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނަމައެކަން ކުރުމަށާއި އަދި އެފަަދަ ކަންކަން ތަކުރާރު ނުވާނެގޮތަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ކޮމިޝަން އޮފް އިންކުއަރީ އެއް އުފެއްދުމަށް އަޅުގަނޑު ނިންމިކަން ވެސް ތިޔަ ބޭފުޅުންނަށް އިއުލާނު ކުރަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް ރައީސް މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ.
ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، މި މައްސަލައަކީ ހަމައެކަނި ބައިނަލްއަގްވާމީ ސިޔާސީ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ތާރީހީ ހަގީގަތްތަކާއި އިންސާފާ އަދި ޒަމާންވީ އެކުވެރި ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ އަދި އަޅުގަނޑުމެން ފޯޅަވަހީގެ ނަމުން ނަންދީފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް. އަދި އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" މި މައްސަލާގައި ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް (3)
ރަނގަޅު
ހައްޕު
ތެފައާސާ.