ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލީސް)

މެންބަރުން ތަޅު އަޅުވައިގެން ނުބޭތިއްބޭނެ؛ އިސްލާހުތައް އިއާދަކުރަން 2 ޕާޓީން މަޝްވަރާ ކުރަން ޖެހޭ: ގަފޫރު

ގަފޫރު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ޕީއެންސީ އާއި އެމްޑީޕީން އިށީންދެތިބެ މަޝްވަރާ ކުރަން ޖެހޭ ކަމަށް

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް އިއާދަކުރުމަށްޓަކައި އެމްޑީޕީއާ އެކު ޕީއެންަސީން މަޝްވަރާއަށް ދާން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ގަފޫރު މިގޮތަށް ގޮވާލެއްވީ، ނިމިގެން ދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެމްޑީޕީ ހިންގުމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގަފޫރު ވިދާޅުވީ:

  • ސަރުކާރުގެ ތެރޭގައި އޮތް ހިޔާނާތުގެ ކަންކަމަށް ވެރިއަކަށް ހުންނަ މީހަކު ޒިންމާވާން ޖެހޭނެ

  • އެންމެންގެ މެދުގައި ހަމަހަމަކަމާ އެމު އިންސާފު ވެސް އޮންނަން ޖެހޭނެ؛ ގާނޫނު ކުރިމަތީގައި އެންމެންނަކީ ވެސަް ހަމަހަމަ ބައެއް

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގާނޫނުއަސާސީއަށް މި ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ދެ ޕާޓީ [އެމްޑީޕީ އާއި ޕީއެންސީ] އިށީނދެތިބެ ވާހަކަ ދައްކައިގެން އެބަޖެހޭ ހައްލެއް ހޯދަން. މެންބަރުން ތަޅުލާފައި ނުބޭތިއްބޭނެ،" ގަފޫރު ވިދާޅުވި އެވެ. 

"އަޅުގަނޑު ހަމަ ގޮވާލަން ދެ ޕާޓީ ވާހަކަ ދައްކައިގެން، ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތައް އަލުން އަނބުރާ އިއާދަ ކުރުމަށް."

ފާހަގަކޮށްލެވޭ ކަމެއް - ގަފޫރުގެ ވަހާކައިގައި "މެންބަރުން ތަޅު އެޅުވި" ކަމަށް އިޝާރާތް ކުރެއްވީ، ޕާޓީއަކުން މެންބަރު ކަނޑާލައިގެން އެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށެވެ. އެ އިސްލާހު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން ގެނެސްފައި ވަނީ އެއް ދުވަސް ތެރޭގަ އެވެ.

އޭގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ވެސް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް