ހިޔާ އަދި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާތީ އެތަންތާ ދިރިއުޅޭ ބައެއް މީހުން ބޭރުގައި (ފޭސްބުކް ފޮޓޯ/ފާތިމަތު ޒަހިއްޔާ)

ހިޔާ ފްލެޓްތައް

ކަރަންޓު ނެތި 9 ގަޑިއިރު؛ ހިޔާ އަދި ވިނަރެސް މީހުންނަށް ތަކުލީފެއް

ހިޔާގެ އަށް ޓަވަރަކާއި ވިނަރެސް ބައެއް ޓަވަރުތަކުން އިއްޔެ މެންދުރު 3 ހާއިރު ކަރަންޓު ކެނޑުނުގޮތަށް ކަރަންޓު ލިބުނީ ރޭ 12 ޖަހަން އުޅެނިކޮށް؛ 24ވަނަ ފަންގިފިލާގެ ސިޑިން ބަލިމީހުން ބާލައި ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނު

ހިޔާގެ އަށް ޓަވަރަކާއި ވިނަރެސް ބައެއް ޓަވަރުތަކުން އިއްޔެ މެންދުރު 3 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް އެ ޓަވަރުތަކަށް ކަރަންޓު ލިބުނީ ރޭ 12 ޖަހަން އުޅެނިކޮށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓު ކެނޑުނީ ކޮނުމުގެ ތެރޭގައި މައި ކޭބަލްއަކަށް ގެއްލުން ވެގެން ކަމަށެވެ. އެ މައްސަލަ ހައްލު ކުރަމުންދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަަގަކުރެވި، މައްސަލަ ހައްލުކުރުން 9 ގަޑިއިރަށް ދިގުލައިގެންދިޔަ އެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، މާލޭ ކައުންސިލުގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުގެ ގޮނޑި ކާމިޔާބު ކުރެއްވި ފާތިމަތު ޒަހިއްޔާ މިއަދު ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ކަރަންޓު ލިބުމުގައި އެހާ ގިނައިރުވީއިރު، އިއްޔެ މެންދުރު 3 ޖެހީއްސުރެއް އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުން އުފުލި ތަކުލީފުތައް ހިއްސާކޮށްފަ އެވެ.

ހުޅުމާލެ ދެވަަނަ ފިޔަވަައްސަކީ އެއްތަނެއްގައި، އެތައް ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު، ހަރުދަނާ އުސޫލެއްގެ ދަށުން، އެތާ ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

އެ ޓަވަރުތަކުން ކަރަންޓު ކެނޑުމާ އެކު ޒަހިއްޔާ ވަނީ އެ ސަރަހައްދަށް ގޮސް ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައި، އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. ޒަހިއްޔާގެ ޕޯސްޓުގައިވާ ގޮތުން މެންދުރު 3 ޖެހީއްސުރެ:

  • އިވިގެން ދިޔައީ ކުޑަކުދިންގެ ރުއިމާއި ގިސްލުމުގެ އަޑު 

  • ފެނުނީ ލިފްޓްތަކުގައި ކުޑަކުދިންނާއި އެތައް ބައެއް ތާށިވެފައި ތިބި މަންޒަރު 

  • ސްކޫލުތަކުން އައި ދަރިވަރުން ޔުނީފޯމުގައި ތިބެ ޖޯލިފަތި ތަކުގައި ނިދާފައި ތިބި 

  • އުމުރުން ދުވަސްވީ ފަރާތްތައް އަދި އެތައް ރައްޔިތުންނެއް ފާހާނާ ނުކުރެވިފަތިބި 

  • އޮކްސިޖަން ގުޅާފައިތި އެތައް މީހަކު، އޮކްސިޖަން ނުލިބުމުގެ ސަބަބުން 24 ބުރީގެ އުސްޓަވަރުތަކުގެ ސިޑިން ބާލައިގެން ހޮސްޕިޓަލަށް ވަނީ ގެންދެވިފައި 

ހިޔާ އަދި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާތީ އެތަންތާ ދިރިއުޅޭ ބައެއް މީހުން ބޭރުގައި (ފޭސްބުކް ފޮޓޯ/ފާތިމަތު ޒަހިއްޔާ)

"ރާއްޖޭގެ އެއްތަނެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުންތަކެއް ދިރިއުޅެމުން ގެންދާ ހުޅުމާލެ ފޭސް 2 ސަރަހައްދަށް މިއަށް ވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ގާއިމްވެފައި ހުންނަންޖެހޭ،" ރައީސް މުހައްމަދު މުއިއްޒަށް ޓެގު ކުރައްވާ ޒަހިއްޔާ ކުރެއްވި ޕޯސްޓުގައިވެ އެވެ.

ސޯޝަލް ބައެއް މީހުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، ޓަވަރުތަކުގައި ކަރަންޓު ނެތުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބޭރަށް ނިކުމެ އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޖޯލިފަތި ތަކުގަޔާއި ޕާކުތަކުގަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.

ގުޅުންހުރި ކަމެއް - ކޮނުމުގެ ތެރޭ ކޭބަލްތަކަށް ގެއްލުންވެގެން މީގެ ކުރިން ވެސް އެ ސަރަހައްދުން އެކި ފަހަރުމަތިން ކަރަންޓު ކެނޑިފައިވެ އެވެ. ކޮންމެ ޓަވަރެއްގައި 20އަށް ވުރެ ގިނަ ފަންގިފިލާ ހުންނައިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އެތަންތާ ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ދިމާވެ އެވެ. 

ކޮމެންޓް (8)

ޙުސައިން

13 އޭޕްރީލު 2026
ކުލި ނުދެއްކުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ތަކުލީފެއް
2 1

ސަމަދު

13 އޭޕްރީލު 2026
މިހާ އުސްކޮށް 25ބުރިއަށް ޢިމާރާކޮށްފައި ހުންނަ ތަންތަނުން މިހާ ގިނަ އިރު ވަންދެން ކަރަންޓް ކެނޑިފައި ހުންނަން ޖެހުމަކީ މިޚިދުމަތް ދިނުމާއި ޙަވާލުވެ ތިބި ބަޔަކު އިހުމާލު ވާން ޖެހޭނެ ކަންކަން. މިފަދަ ކަންކަން މިއަށްވުރެ އަވަހަށް ޙައްލު ކުރުމުގެ ޤާބިލްކަން މިފަދަ ޚިދުމަތްދޭ ފަރާތެއްގެ ކިބައިގައި ހުންނަން ޖެހޭ. މިއީ ގުދުރަތީ ޙާދިސާއަކުން ނުވަތަ ހަނގުރާމައެއް ކުރިމަތިވެ ބޮން އަޅައިގެން ފަދަ ކަމަކުން ދިމާވި ކަމެއްނޫން.
0 0

ހަސަން34343

13 އޭޕްރީލު 2026
ކަރަންޓް ގެ ބެކްއަޕް ކޭބަލެއް އޮންނަން ޖެހޭ އެބަ ، 1 ކޭބަލް ބުރިވެއްޖެ ހާލަތެއްގައި އަނެއް ކޭބަލްއިން ކަރަންޓް ދޭން . މިފަދަ ފްލެޓް ތަކުގައި އުޅޭ މީހުންނަށް އެންމެ ދަތިވާނީ މަތީ ފްލޯތަކުގައި ލިފްޓް ބޭނުން ނުކުރެވޭތީ .. އެހެން ނޫން ނަމަ 9 ގަޑި އިރު އެމަޖެންސީ ކަމެއް ވެގެން ކެއް ކޮއްލެވިދާނެ .
1 0

ތިބޭ ސެންސަރުކޮށްގެން

13 އޭޕްރީލު 2026
ތީ ދިވެހި ނަސްލު ނައްތާލަން ހެދި ތަނެއް މަޑު މަޑުން.
4 0

އިދުރީސް

13 އޭޕްރީލު 2026
ފާތުމަތު އަހުމަދު ޝަރީފް ކޮބާތަ މައްސަލައަކީ، ކަރަންޓު ކެޑުމަކީ މައްސަލައެއް ނޫންނެއްނު.... އެ ވެސް ޓެކްނިކަލް މައްސަލަ ދިމާވާނެ.... ކުރިއަރާފައިވާ ގައުމު ތަކުގައިވެސް ކަރަންޓު ކެޑޭ 72 ގަޑިއިރަށްވެސް ހުރޭ ގޮސްފަ
2 1

ޓެގުކޮށްބަލަ

13 އޭޕްރީލު 2026
މުއިއްޒުއަށްވުރެގިނަދުވަހު ސޯލިހާ ނަޝީދު ވެރިކަންކުރި.
2 0

ހަތްގުދު

13 އޭޕްރީލު 2026
މަހީކުރީ ނިމިދިޔަ 5 އަހަރު ތިޔަހުރިހާ އަސާސީ ހިދުމަތެއް ފުރިހަމަކޮށް ނިންމާފަކަމަށްއޮތީ.
3 0

ތެފައާސާ.

13 އޭޕްރީލު 2026
ކޭބަލް ބުރިވެގެން، ޓްރާންސްފޯމަރު ގޮވައިގެން، ލޯޑު ނުހިފަހައްޓައިގެން އިންޖީނު ނިވިގެން، ޕަވާރ ގުރިޑުގެ މައްސަލައެއް ދިމާވެގެން، ކޭބަލް ޑަކްޓަށް ފެންއެޅިގެން، މިއީ ހައްތާވެސް ފާއިތުވި ދުވަސްތަކުގައި ކަރަންޓު ކެނޑިގެން ދީފައި ހުރި އުޒުރުތައް. މިއިން ކަމެއް ރަނގަޅު ވާކަށް ނޫޅޭ. އެކަމަކު ރިކޯޑު އަދަދަކަށް މުވައްޒަފުން ނަގާފައި ނެތް މުއައްސަސާއެއް ކުންފުންޏެއް ނެތް.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް