"ވިއަވަތި ރާއްޖެ" މަހާސިންތާގައި އައްޑޫގެ ކުރީގެ މޭޔަރު ސޯދިގު (ސޯބެ)، 16 ޑިސެމްބަރު 2019 (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ސިޔާސީ

ހުސްވި ގޮނޑިއަށް ކުރީގެ މޭޔަރު ސޯދިގު ޝައުގުވެރިކަން ފާޅުކުރައްވައިފި

އެ ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އޮތްކަން ސޯދިގު ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި

ސުޕްރީމް ކޯޓުގެ ހުކުމާ އެކު މިއަދު ހުސްވި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސީނާންގެ މެންބަރުކަން ގެއްލުނީ، ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދިޔުމުން، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ގޮތެއް ކަނޑައެޅުމުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ. އަދި ފަސް ދުވަސް ތެރޭ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.

ތަފްސީލު - އެ ހުކުމާ އެކު އައްޑޫގެ އެމްޑީޕީ ބައެއް ސަޕޯޓަރުން ވަނީ އެ ގޮނޑި ސޯދިގަށް ކާމިޔާބުކޮށްދިނުމަށް މިހާރު ވެސް ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށާފަ އެވެ.

އެ ގޮނޑިއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތްކަން ސޯދިގު ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ދާއިރާއަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގެ ބޭނުމުގައި ބައި-އިލެކްޝަންގައި ވާދަ ކުރެއްވުމަށް ގަސްތުކުރައްވަން

  • ބައި-އިލެކްޝަންގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނަން

  • ޕާޓީއަށް މި ގޮނޑި ހޯދައިދިނުމަށްޓަކައި އޭނާ ވާދަ ކުރެއްވުމަށް އާންމު މެންބަރުން ވެސް ދަނީ އެދެމުން

"ދެން ސިޔާސީ ކަންކަމުގައި އުޅޭ އިރު، އަބަދު ވެސް ކުރިއެރުމަށް ކޮންމެ މީހަކު ވެސް ވިސްނާނެ. އެގޮތުގެ މަތިން އަޅުގަނޑު ވެސް މި ހުރީ، އަޅުގަނޑު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރަން ތައްޔާރަށް،" އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ސޯދިގު ވިދާޅުވި އެވެ.

މިހާރު މި އޮތް 20 ވަނަ މަޖިލީހަށް ސިނާން އިންތިހާބުވީ، މަޖިލީހުގެ ކުރީގެ ރައީސް އަދި ހަތަރު ދައުރު މަޖިލިސް މެންބަރުކަން ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމްއާ ވާދަ ކުރައްވައިގެންނެވެ. 

އެނގިފައިވާ ގޮތުގައި، އަސްލަމް މި ބައި-އިލެކްޝަންގައި ވާދައެއްނުކުރައްވާނެވެ. އޭނާގެ ތާއީދު ވެސް އޮތީ ސޯދިގަށެވެ.

ފާހަގަކޮށްލެވޭ - ސޯދިގު ވަނީ އައްޑޫ މޭޔަރުކަމުގެ މަގާމު 10 އަހަރު ފުރުއްވާފަ އެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭނާ ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ކޮމެންޓް (1)

ހިމާރުލްގައުމު

12 އޭޕްރީލު 2026
ސޯބެ ރަނގަޅުވާނެ. ދެން ޕީއެންސީން ނެރޭނެ ކޮންމެވެސް އެބޯޅޭމިބޯޅޭ ސޮރަކު ސޯބެއާ ވާދަކުރަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް