ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި. (ފޮޓޯ/މަޖިލިސް)
ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނާ މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - އެއީ ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމެކެވެ. އެގޮތުން:
-
ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށް
-
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި؛ ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފައި
އެނގުން މުހިންމު - ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި "އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" ހިމެނެ އެވެ. އަދި ޝަރުތެއް އުނިވުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.
ތަފްސީލް - ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ކަނޑައަޅައި ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނާ މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި.
— Dhauru (@Dhaurunews) April 12, 2026
އިތުރަށް ކިޔާލަން:… pic.twitter.com/wYQJiEcQMP
ފަސް ފަނޑިޔާރުން އިއްތިފާގުވި އަދި ބެންޗުގެ ރިޔާސަތުގައި ވެސް އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވަނީ:
-
ގައިރު ހާޒިރުގައި ކުރި ހުކުމެއް ނަމަވެސް ގާނޫނު އޮންނަ ގޮތުން ގައިރު ހާޒިރުގައި ހުކުމްކުރަނީ މައްސަލަ ރައްދުވާ ފަރާތުން ދިފާއު ހުށަހަޅަން އޮންނަ މުއްދަތުގައި އެއްވެސް ކަމެއް ހުށަނޭޅުމުން؛ ސިނާންގެ ވަކީލަކު މައްސަލަ ދޫކޮށްލިކަން ނޭނގޭ ކަމަށް ބުނާ އިރު މައްސަލަ ދޫކޮށްލަނީ ވެސް އެ މުއްދަތަށްވުރެ މާ ފަހުން
-
ހިތަދޫ ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ވެސް ފެށިއިރު، ގާނޫނު ބުނާ ގޮތުން ކޯޓަކަށް އެ އިޖުރާއަތް ފެށޭނީ ވެސް ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ ނަމަ؛ އަދި ކޯޓުން އެ ހުކުމް މާނަކޮށްފައިވަނީ ދަރަނި ދައްކަމުންދާ ކަމަށް ވާނީ ހުކުމުގައިވާ ގޮތަށް ކޮންމެ މަހަކަށް ޖެހޭ އަދަދަށް ވުރެ ދަށް ނޫން އަދަދެއް ކޮންމެ މަހަކު ދެއްކުން
-
ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔަ ކަމަށް ބެލެވޭނީ ހުކުމުގައި އޮންނަ ކޮންމެ އިރުޝާދަކާ ވެސް އެއް ގޮތަށް ފައިސާ ދައްކަމުން ދިޔަ ނަމަ؛ މި ހުކުމުގައި އޮންނަނީ ކޮންމެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދައްކަން
-
އެ މާއްދާގައި ސާބިތު ދަރަނި ނުދެއްކުން ސިނާންގެ ފަރާތުން މާނަކޮށްފައިވަނީ މެންބަރަކު ބަނގުރޫޓުވުމުގެ ހާލަތަށް ދިއުން ގޮތުގައި؛ ނަމަވެސް އެއީ ގާނޫނުއަސާސީގެ މަގުސަދު ކަމަށް ވަންޏާ އެ މާއްދާގައި އޮންނާނީ ސީދާ ބަނގުރޫޓުވުން ގޮތުގައި ލިޔެފައި
-
ސާބިތު ދަރަނި ކަމުގައި ގާނޫނުއަސާސީގައި މާނަކޮށްފައިވަނީ މީހަކު އެހެން މީހަކަށް ދައްކަން ޖެހޭ ކަމަށް ކޯޓުގެ ހުކުމަކުން ނުވަތަ އަމުރަކުން ކަނޑައަޅާފައި އޮންނަ ކޮންމެ ފައިސާއެއް؛ އެ ކަމުގައި ހުކުމްކުރާ ގޮތަކަށް އަދި ނިހާއީ ހުކުމެެއްތޯ ބަލާކަށް ނުޖެހޭ
ސިނާންގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ނުކުތާއަކީ ހުކުމެއް އޮތްކަން އޭނާއަށް އެނގިވަޑައިގަތީ މާ ފަހުން ކަމެވެ. ހުކުމް އިއްވަވަމުން ޝުޖޫން ވިދާޅުވީ "އަމިއްލަ ކަންތައްތަކެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭކަން ނޭނގޭ ކަމަށް ބުނުމަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫން" ކަމަށެވެ.
ފާހަގަކޮށްލެވޭ - މަޖިލީހުގެ މެންބަރެއްގެ ގޮނޑި ދައުރު މެދުތެރެއިން ހުސްވެ ނަމަ ކުރިއަށް އޮތް 60 ދުވަސް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި މެންބަރުކަމަށް މީހަކު އިންތިހާބުކުރަން ޖެހޭނެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ 12 ޖޫނަށެވެ.
ކޮމެންޓް (4)
ތެފައާސާ.
ސިކުނޑި
ކޮސް
މާބުރު