މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ގޭހުގެ އާ ޝިޕްމަންޓެއް މިރޭ ލިބޭނެ، އަގު ބޮޑުވުމުގެ ފުރުސަތެއް ނުދޭނަން: ސައީދު
ގޭހުގެ އާ ޝިޕްމަންޓެއް ވިލާ ގޭހަށް އަދި އެސްޓީއޯއަށް ވެސް މިރޭ ލިބޭނެ ކަމަށާއި ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތު ނުދޭން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
މި ބަދާލާ އެކު:
-
މިހާރު 200ރ. އަށް ވިއްކާ 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 350ރ. އަށް؛ މިއީ ފުޅިއަކުން 150ރ. ނުވަތަ %75 ބޮޑުވުމެއް
-
މިހާރު 450ރ. އަށް ވިއްކާ 20 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 650ރ. އަށް؛ މިއީ، 200ރ. ނުވަތަ %44ގެ ބޮޑުވުމެއް
އިތުރަށް ކިޔާލަން
ތަފްސީލް - މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، ވިލާއިން ގޭހުގެ އަގު ބޮޑުކުރަން ނިންމުމާ އެކު ވިލާ ގޭހާއި އެސްޓީއޯއާ އެކު މަޝްވަރާތަައް ބާއްވައި ހައްލުތަކެއް ހޯދަން ވާހަކަދައްކާފައިވާ ކަމަށެވެ.
ސައީދު މިހެން ވިދާޅުވީ، އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ:
-
ވިލާ ގޭހުގެ އަގު ބޮޑުވުމުން މޯލްޑިވް ގޭސް އިން ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވާ ހާލަތުގައި އެންމެންނަށް ގޭސް ފޯރުކޮށްދެވޭނެ މިންވަރަށް އެތަނުގައި ގޭސް އެބަހުރިތޯ
-
މިފަދަ ޑިމާންޑެއް ކުރިމަތިވާ ހާލަތުގައި ގޭހުގެ އަގު މޯލްޑިވް ގޭސްއިން ވެސް ބޮޑުކުރާނެތޯ
"މިރޭ ވިލާއަށް ވެސް އަދި އެސްޓީއޯއަށް ވެސް، ހަމަ ގައިމު ވެސް އެސްޓީއޯއަށް މިރޭ އެލްޕީޖީ ޝިޕްމަންޓް ލިބޭނެ. އެސްޓީއޯއާ އަޅުގަނޑުމެންގެ ކޮމިޓީން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ބައްދަލުކުރިން މި ވާހަކަ ދައްކަން. ކޮބައިތޯ ސިނާރިއޯތަކަކީ، ކިހިނެއްތޯ ހެދޭނީ މި އަގު އަޅުގަނޑުމެން ބޭނުންވާ މިންގަނޑުގައި މެނޭޖުކުރުމަށްޓަކައި،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯއާ އެކު މިއަދު ކުރި މަޝްވަރާތަކުގައި ފަންނީ މީހުން ދީފައިވާ މައުލޫމާތަށް ބިނާކުރައްވައި ސައީދު ވިދާޅުވީ:
-
ގޭހުގެ ކޮންޓެކްޓް ޕްރައިސް ކަނޑައަޅަނީ މަހަކު އެއް ފަހަރު
-
މި މަހު ސައުދީ އަރަބިއްޔާގެ އަރަމްކޯއިން ކަނޑައަޅާފައިވާ ޜޭޓަކީ ޓަނަކަށް 757 ޑޮލަރު
-
ރާއްޖެއަށް ގޭސް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އާޖެންޓީނާ؛ ގޭހުގެ އާ ރޭޓާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ބޮޑުވެފައިވޭ
-
އާ ރޭޓެއް ކަނޑައަޅާނީ އަނެއްކާވެސް އަންނަ މަހު
-
ބަލަމުންދަނީ މިގޮތަށް އަންނަ އެއްވެސް އަގުބޮޑުވުމަކުން ރައްޔިތުންނަށް ނުވަތަ ވިޔަފާރިވެރިންނަށް ނުވަތަ އިގްތިސާދަށް ނުރަނގަޅު އަސަރެއް އަތުވެދާނެ ގޮތެއް ނުވޭތޯ
"އެލްޕީޖީ ގޭސްގައި އަޅުގަނޑުމެންނަށް މި ދެ ފަރާތާ [އެސްޓީއޯ އަދި ވިލާ ގޭސް] ވާހަކަދައްކައިގެން އެބަހުރި އަޅުގަނޑުމެންނަށް ގޮތްތަކެއް ކަނޑައެޅެން. މިހާރު އަޅުގަނޑުމެންނަށް ނެރޯ ޑައުން ކުރެވިފައިވާ ހަތަރު-ފަސް ގޮތެއް އެބައިން. މިރޭ ނުވަތަ މާދަމާ ތިޔަށް ސީދާ ޖަވާބެއް އެރުވޭވަރުވާނީ. އިރާދަކުރެއްވިއްޔާ ހަމަ އަގުބޮޑުވާކަަށް ހަމަ ކިރިޔާ ވެސް ފުރުސަތެއް އޮވެއްޖެ ނަމަ އަޅުގަނޑުމެން އެކަމަކަށް ފުރުސަތެއް ނުދޭނަން،" ސައީދު ވިދާޅުވި އެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަރަންޓުގެ އަގު ބޮޑުވެދާނެތޯ ސުވާލުކުރުމުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގު ވިދާޅުވީ، މިހާތަނަށް އަގަށް ބަދަލު ގެނައުމަށް އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށެވެ.