ވިލާ ގޭހުން ވިއްކާ ގޭސް ފުޅިތަކެއް (ފައިލް ފޮޓޯ/ ވިލާ ގޭސް)
ބުރާސްފަތިން ފެށިގެން ވިލާ ގޭހުގެ އަގު %44-75އަށް ބޮޑުކުރަނީ
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ކައްކާ ގޭހުގެ އަގުތަކަށް ބަދަލު ގެނަން ނިންމާފައިވާކަން ވިލާ ގޭސްގެ ކޯލް ސެންޓަރަށް ގުޅުމުން 'ދައުރު' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ވިލާ ހަކަތައިގެ އިސް އޮފިޝަލުން ވެސް އެކަން ކަށަވަރުކޮށް ދިނެވެ.
ތަފްސީލު - ކޯލް ސެންޓަރުން ބުނީ، އަންނަ ބުރާސްފަތި ދުވަހާ ހަމަށް މިހާެރު ވެސް ގޭސް ވިއްކާ އަގުގައި ގޭސް ފުޅި ލިބޭނެ ކަމަށެވެ.
"ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ވިއްކާނީ ބޮޑު ކުރަން ނިންމާފައިވާ އަގުތަކުގައި،" ކޯލް ސެންޓަރުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
އާންމުކޮށް ގޭބިސީތަކުގައި ކައްކަން ބޭނުން ކުރާ 10 ކިލޯ ގޭސް ފުޅިއެއް މިހާރު ވިއްކަމުން އަންނަނީ 200ރ. އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން 10 ކިލޯގެ ގޭސް ފުޅިއެއް ވިލާ ގޭހުން ވިއްކާނީ:
-
350ރ. އަށް؛ މިއީ ފުޅިއަކުން 150ރ. އަދި %75 ބޮޑުވުމެއް
އޭގެ އިތުރުން، މިހާރު 450ރ. އަށް ވިއްކާ 20 ކިލޯގެ ގޭސް ފުޅިއެއް ބުރާސްފަތިން ފެށިގެން ދެން ވިއްކާނީ:
-
650ރ. އަށް؛ މިއީ، 200ރ. ނުވަތަ %44ގެ ބޮޑުވުމެއް
ފަސް ކިލޯގެ ގޭސް ފުޅިއަށް ގެންނަ ބަދަލު އަދި ސާފެއް ނޫނެވެ.
އެނގުން މުހިންމު - މިދިޔަ ފެބްރުއަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ގޭހުގެ އަގު ވަނީ އުފުލިފަ އެވެ. އެއާއެކު ބައެއް ގައުމަތަކުގައި ގޭސް ވިއްކާ އަގުތަކަށް އޭރުން ފެށިގެން ބަދަލު ގެނެސްފައިވެ އެވެ.
ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވް ގޭހުން އަދި މިހާތަނަށް ގޭހުގެ އަގު ބޮޑު ކުރަން ނިންމާފައެއް ނުވެ އެވެ.