މެދު އިރުމަތީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އަސާސީ މުދާ ހުސްނުވެ ހުންނަކަން ކަށަވަރުކުރަން 164 ބާވަތެއް ދަނީ މޮނިޓާ ކުރަމުން: ސައީދު

ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލަކީ ކޮންޓްރޯލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު އެކަމުގެ އަސަރު ކުޑަކުރަން ފިޔަވަޅުތައް އަޅާނެ ކަމަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް އަންނަމުންދާ ބަދަލުތަކުގައި ރާއްޖެއިން އަސާސީ މުދަލުގެ ބާވަތްތައް ހުސްނުވެ ހުންނަކަން ކަށަވަރުކުރަން 164 ބާވަތެއްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސައީދު މިހެން ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ތަފްސީލް - ސައީދު ވިދާޅުވީ، މި ހަނގުރާމަ ފެށި ދުވަހުން ފެށިގެން ރައީސް މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުން ކަމަށެވެ. ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވީއިރު، އަސާސީ ތަކެތީގެ ތާށިކަމެއް އައިސްފައިނުވުމަކީ، އެ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ، އެކަން ކަށަވަރުކުރަން އިތުރަށް ކުރަމުންދާ މަސައްކަތުގެ ތެެރެއިން، ރާއްޖެއަށް އެންމެ ގިނައިން މުދާ ގެންނަ ހުރިހާ ފަރާތްތަކާ މި މަހުގެ ފުރަތަމަ ދުވަހު ބައްދަލުކޮށްފައިވާނެ ކަމަށެވެ. އެ ހުރިހާ ފަރާތްތަކެއްގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ މުދާ ކްލިއަރެންސްގައި ހުރި ދަތިތައް ކަމަށާއި އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައި އެދެވޭ ހައްލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ މޭޖާ މުދާ އެތެރެކުރާ ފަރާތްތަކާ އެކު މަސައްކަތްކޮށް ކޮންމެ ދުވަހަކު 164 ބާވަތެއްގެ މުދާ އަދި މާކެޓުގައި އަންނަ ބަދަލުތައް މިދަނީ ބަލަމުން،" ސައީދު ވިދާޅުވި އެވެ.

'އަސަރު ކުޑަކުރަން މަސައްކަތްކުރާނަން'

ސައީދު ވިދާޅުވީ، ހަނގުރާމަ ފެށުމާ އެކު ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ނެރެން ބޭނުންވާ މައިގަނޑު އެއް ނަތީޖާއަކީ ބާޒާރުން އެއްވެސް އެއްޗެއް ހުސްވިޔަނުދީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ފޯރުކޮށްދިނުން ކަަމަށެވެ.

އެކަމަށްޓަކައި އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު އެއް މާކެޓަށްވުރެ ގިނަ މާކެޓުތަކުން ރާއްޖެއަށް މުދާ ގެނެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހާއްސަކޮށް އަސާސީ މުދާ މާކެޓުން ހުސްވެދާނެ އެއްވެސް ހާލަތެއް އަޔަނުދިނުމަށް ސަރުކާރުން ރެއާއި ދުވާލު މިދަނީ މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ އެ ހާލަތެއް ނާންނާނެ،" ސައީދު ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑު ފާހަގަކޮށްލާނަން، އެއްޗަކަށް ބައިނަލްއަގުވާމީ ބާޒާރުގައި އަންނަ ބަދަލަކީ އަޅުގަނޑުމެންނަށް ކޮންޓްރޯލުކުރެވޭނެ އެެއްޗެއް ނޫން. ނަމަވެސް އެކަން ވެސް ޕާސް އޮންނުކޮށް އަސަރު ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ސަރުކާރުން މިދަނީ މަސައްކަަތް ކުރަމުން،" 

އަސާސީ ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދާ ވެސް ދަތިކަމެއްނެތި ރާއްޖެ ގެނެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާއްސަގޮތެއްގައި ސިމެންތީގެ ދަތިކަން ކުރިމަތިނުވާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން، ސިމެންތި މިހާރު އާންމުކޮށް ގެންނަ އެސްޓީއޯއަށް ދައްޗެއް ކުރިމަތިވެއްޖެ ނަމަ އެ މުދާ އެތެރެކޮށްދޭނެ އެހެން ފަރާތްތަކާ ވެސް ވާހަކަދައްކައި، ސިމެންތި އެތެރެކުރާނެ އިތުރު ހަތަރު ފަރާތް ހަމަޖެހިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

8 އޭޕްރީލު 2026
ބަންކަރިން ޚިދުމަތް ދިން ގޮތަށް ތިކަން ނުކުރެއްވުން އެދެން! އެންމެ ފަހު ވަގުތު ގަރުދިޔައާ ބަތާ ކެޔަސް ބަނޑުހައި ފިލާނެޔޭ ކިޔާ ނިންމާ ނުލާތި! ޔައުނީ ސަރުކާރަކަށް އިތުބާރެއް ނެތް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް