އެއްވަރުވި ދާއިރާއަށް ކުރިމަތިލެއްވި އެ ދާއިރާގެ މިހާރުގެ ވެސް ކައުންސިލަރު އައިޝަތު (ކ) އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝީޒާ.

ފުވައްމުލަކުން ޕީއެންސީ ކުރީގައި އޮތް ގޮނޑި އެއްވަރުވެއްޖެ

އެއާ އެކު އިތުރު މައްސަލައެއް ނޫޅޭ ނަމަ، ދެވަނަ ބުރެއް ބާއްވާނެ ކަަމަށް އީސީން ބުނި

ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯދި ކަމަށް ކުރިން ދެއްކި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން އެ ގޮނޑިއަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓު އެއްވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުުންސިލް އިންތިހާބުގައި ފުވަމުއްލަކު ދަޑިމަގު ދާއިރާގެ އަންހެން މެންބަރުގެ ވަގުތީ ނަތީޖާ އިއްޔެ އޮތް ގޮތުން ދެ ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވީ މިހާރު ވެސް އެ ދާއިރާގެ ޕީއެންސީ ކައުންސިލަރު އައިޝަތު އަބްދުލް ގާދިރެެވެ. އޭނާއާ ވާދަ ކުރެއްވީ މިނިވަން ކެންޑިޑޭޓު ޝީޒާ އިބްރާހިމް އެވެ.

ތަފްސީލު - އީސީގެ ވެބްސައިޓުން މިހާރު ފެންނަ ވަގުތީ ނަތީޖާއިން ހުރިހާ ފޮއްޓެއް އަޅާ ނިމުނުއިރު، އެ ދެ ކެންޑިޑޭޓުންނަށް ވެސް ލިބިވަޑައިގަތް ވޯޓު ވަނީ އެއްވަރުވެފަ އެވެ. އެގޮތުން:

  • އައިޝަތު އަބްދުލް ގާދިރު (ޕީއެންސީ): 484 (%50)

  • ޝީޒާ އިބްރާހިމް (އަމިއްލަ): 484 (%50)

  • ބާތިލު 104 ވޯޓު؛ ސައްހަ 968 ވޯޓު

  • 1،306 މީހުންނަށް ވޯޓުލެވޭއިރު، 1،072 މީހުން ވޯޓުލި (%82)

މިގޮތަށް ވޯޓު އެއްވަރުވެއްޖެ ނަމަ ދާން ޖެހެނީ ދެވަނަ ބުރަކަށެވެ.

އީސީގެ ތަރުޖަމާނު އަދި މެންބަރު އަބްދުއްރަހްމާން ސޮލާހު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ދާއިރާގެ ވޯޓުތަކުގައި އިތުރު މައްސަލައެއް ނުވަތަ ޝަކުވާއެއް ނެތް ނަމަ، ގާނޫނުގައިވާ ގޮތަށް ދެވަނަ ބުރެއް ބާއްވާނެ އެވެ.

މިއީ، މި އިންތިހާބުގައި އަދި މިހާތަނަށް މިގޮތަށް އެއްވަރުވެ، ދެވަނަ ބުރަކަށް ދާން ޖެހުނު ފުރަތަމަ ދާއިރާ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ވަގުތީ ނަތީޖާއިން ފުވަމުއްލަކު މޭޔަރު ހިމެނޭހެން، އެ ސިޓީގެ އަށް ދާއިރާގެ ތެރެއިން ހަތް ދާއިރާ ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓުންނެވެ. ވޯޓު އެއްވަރުވި ދާއިރާއަށް އެމްޑީޕީން ކުރިމައްޗެއް ނުލަ އެވެ.

ކޮމެންޓް (2)

ހަތަރެސްކަން

7 އޭޕްރީލު 2026
މި 2 ކެންޑިޑޭޓުންގެ ވަނަވަރަށް ބަލާއިރު، މިނިވަން ކެންޑިޑޭޓް ޝީޒާއަކީ ހިންގުމާއި މެނޭޖްމެންޓުގެ ދާއިރާގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި، ހެލްތް ސާރވިސް މެނޭޖްމެންޓުން ބެޗެލާރސް، ޕްރައިމަރީ ހެލްތު ކެއާރ މެނޭޖްމެންޓުން މާސްޓާރސް ހާސިލްކޮށް، މެޑިކަލް ސައިންސްއިން ޕީއެޗްޑީއަށް ހާސިލް ކުރުމުގެ އެންމެ ފަހު މަރުހަލާގައި ހުރި ފަރާތެއް. ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަކީ ގިނަ އަހަރުތަކެއް ވަންދެން ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ފުވައްމުލަކު ސްކޫލްތަކުގައި ކިޔަވައިދީފައިވާ، އަދި ފާއިތުވި 5 އަހަރު މި ދާއިރާގެ ކައުންސިލަރގެ މަގާމް އަދާކޮށްފައިވާ، އެންމެންނާވެސް ގުޅޭ އިޖުތިމާއީ ކަންކަމުގައި އިސްނަގައި އުޅޭ ފަރާތެއް. މި 2 ކެންޑިޑޭޓުން ވާދަ ކުރާ ފުވައްމުލަކުގެ އުތުރު ދާއިރާއަކީ އެކި ދާއިރާތަކުން ކިޔަވައިގެންތިބި ފާހަގަކޮށްލެވޭ އެތަކެއް ބަޔަކު ނިސްބަތްވާ، އަދި ހޭލުންތެރި ރައްޔިތުންތަކެއް އުޅޭ ދާއިރާއެއް. 2 ކެންޑިޑޭޓުންނަށްވެސް ކާމިޔާބީއަށް އެދެން. ގޮތް ނިންމާނީ އެކޮޅުން.
11 0

ތެފައާސާ.

7 އޭޕްރީލު 2026
ދެން ގުރުއަތު ލައިގެން ތިކަން ނިންމާލަންވީނޫންތޯ؟ ދައުލަތުން ޚަރަދުތަކެއް ކޮށްގެން، ތި ދާއިރާގެ ރައްޔިތުންވެސް އިތުރު ތަކުލީފުތަކެއް އުފުލައިގެން 2 ވަނަ ބުރަކަށް ވޯޓު ލުމުގެ ބަދަލުގައި؟ އަނެއްހެން ތިޔަ ގޮނޑީގެ މާކަ ބޮޑު ސިގްނިފިކަންޓެއްވެސް އޮތީއަކީ ނޫނެއްނު؟ ބާކީ ހުރިހާ ގޮނޑިއަކާއި މޭޔާރކަންވެސް އޮތީ އެމްޑީޕިއަށް ލިބިފައެއްނު؟
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް