19 ފެބްރުއަރީ 2025: އިސްކަންދަރު ކޮށި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

މަގާމުގައި ދެ އަހަރުވީ ފުލުހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފި

މިއީ އާ ޕޭ ފްރޭމްވޯކަށް ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރިއިރު ބޮޑުކުރަން ކަނޑައަޅާފައިވާ އެލަވަންސެއް

ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރިތާ ދެ އަހަރުވުމުން ބޮޑުކުރަން ކަނޑައަޅާފައިވާ އެލަވަންސް، މަގާމުގައި ދެ އަހަރުވެފައިވާ ފުލުހުންނަށް ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ޕޭ ފްރޭމްވޯކުގެ ދަށަށް ފުލުހުންގެ މުސާރައިގެ އޮނިގަނޑު މިދިޔަ އަހަރުގެ މާޗު މަހު ވަނީ ބަދަލުކޮށްފަ އެވެ.

އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ އެކު ފުލުހުންގެ މުސާރަ ވަނީ %35 ބޮޑުކޮށްފަ އެވެ. އާ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދޭ އެލަވަންސެވެ.

މީގެ ތެރޭގައި ހިމެނޭ މަގާމުގެ އެލަވަންސަކީ:

  • ފުލުހުންގެ މަގާމުތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް އެ މަގާމަކަށް ދޭ އެލަވަންސެއް 

  • މި އެލަވަންސް ދޭން ކަނޑައަޅާފައިވަނީ ދެ ހަރުފަތަކަށް ބަހާލައިގެން

  • އެކަމަކު، މި އެލަވަންސްގެ ސީދާ މިންވަރެއް އޭރު އާންމުކުރި އާ އިސްލާހުގައި ބަޔާންކޮށްފައެއް ނުވޭ

ތަފްސީލް - ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ވަނީ އާ އޮނިގަނޑުގައިވާ ގޮތުގެ މަތިން ދެވަނަ ހަރުފަތަށް ބަދަލުކޮށްފަ އެވެ.

ޝިފާން ވިދާޅުވިގޮތުން މި އެލަވަންސް ދޭނީ:

  • ޕޭ ފްރޭމްވޯކްގައި ފާސްކޮށްފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެފައިވާ ފުލުހުންނަށް

  • މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް %75 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް

  • އެކަމަކު، މަގާމުގެ އެލަވަންސްގެ ގޮތުގައި ބޮޑުކުރި އަދަދުގެ ތަފްސީލެއް ޝިފާން ނުދެއްވާ

މުސާރައިގެ އާ އޮނިގަނޑަށް ފުލުހުން ބަދަލުވިތާ މި މަހުގެ ފުރަތަމަ ދުވަހަށް ވަނީ ދެ އަހަރު ފުރިފަ އެވެ. މިއީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިން ވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް