މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު އުވާލުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނަން: ރައީސް

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ޖަގަ ނުދިން ސަބަބާ ގުޅޭ ގޮތުން ރައީސް ސީދާ ޖަވާބެއް ނުދެއްވާ

ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމުގެ ބަދަލުގައި އެއް ބުރުން ވެރިޔަކު ހޮވުމާއި ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ގެނައުމާ މެދު ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކާ ގުޅިގެންނެވެ.

ތަފްސީލު - އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ނަގާ އެއް ވޯޓަކީ، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓެވެ. އެގޮތުން:

  • މީގެ ދެ އަހަރު ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ ވިސްނުމަކީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް

  • އަދި އަވަށްޓެރި ލަންކާގައި އޮންނަ ފަދަ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިއަކު އިންތިހާބު ކުރުން އެ އެޖެންޑާގައި ހިމެނޭ

  • މިފަހުން ރައީސް ވިދާޅުވެފައި ވަނީ، އެ އިސްލާހުތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަމުންދާ ކަމަށް

ހޮނިހިރު ދުވަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓުގެ ކުރިން މިކަމުގައި ސަރުކާރުގެ ސްޑޭންޑަކީ ކޮބާތޯ 'ދައުރު'ން އެހެމުން ރައީސް މިއަދު ވެސް ތަކުރާކު ކުރެއްވީ އެ އިސްލާހު ދިރާސާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ވިސްނާފައި އޮތް ގޮތް 2024 ނޮވެމްބަރު 11ގެ ޖަލްސާގައި އަޅުގަނޑު ފުރަތަމަ ވެސް އެ ވާހަކަ ދެންނެވީ. އެއީ އަޅުގަނޑު ވިސްނާ ގޮތް، އަޅުގަނޑު ޕްރިފާ ކުރާ ގޮތް. އެހެން ނަމަވެސް، ޕަބްލިކް ޑިބޭޓަކަށް އަޅުގަނޑު އެވަނީ އެކަން ދޫކޮށްލާފައި. ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކަށް، އެއް ބުރުން ރައީސަކު ހޮވުން އެއީ ރައްޔިތުންގެ ތެރޭގައި މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުން ބޮޑަށް ބިނާވާނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ނިންމާ ގޮތަކުން ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ލެވެލްއެއްގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެގޮތަށް [ދެ ވަނަ ބުރު އުވާލުމަށް] ބަދަލުވާ ހާލަތުގައި އެއީ އަންނަން އޮތް އަހަރުތަކުގައި ރައްޔިތުން އެކަމާ ޑިސެޕޮއިންޓްވާނެ [ހިތާމަކުރާނެ] ކަމަކަށް ވުމަށް. [ނުވަތަ] އަޅުގަނޑުމެންގެ ނިޒާމަށް އަންނަ ހީނަރު ކަމަކަށްވާކަށް. ވަރަށް ޓްރާސްޕޭރެންޓް، ދެފުށް ފެންނަ [އަދި] ވަރަށް ރަނގަޅަށް ކުރާ ކަމަކަށް ވާން ބޭނުން،" ރައީސް އިތުރަށް ވިދާޅުވި އެވެ.

"އެކަން ނިންމާނީ ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރެވިގެން."

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރިޔާސީ އަދި މަޖިލިސް އިންތިހާބު އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުުރުމުން ވާދަވެރި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ރޯދަ މަހަކާ ދިމާކޮށް މިފަދަ އިންތިހާބަކަށް ގޮވާލުމުން، މިކަމަށް ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭކަން ވެސް ފާހަގަ ކުރެ އެވެ. މި އިސްލާހަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ޖާގަ ނުދިނީ ކީއްވެގެންތޯ އެހުމުން އެއަށް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ރައީސް މިއަދު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުން އާނކޭ ބުނާނެ ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނު ގަބޫލު ކުރަައްވާ ފައިދާތައް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ކޮމެންޓް (5)

މަކަރުބޯ

31 މާރިޗު 2026
މީނާ "ރައްޔިތުން" މާނަކުރަނީ މީނާގެ އައުވާނުންނަށް ދޯ
3 0

ކުރިކީލަ

30 މާރިޗު 2026
ހާދަހާ ހީލަތްތެރިއޭ. 2028 ނުލިބޭނެތީ ، އިންތިޚާބު ޖަހައިގަންނާނެ ގޮތް މިބުނެދިނީ. ބުޅާ ގޯނިން ބޭރުވެއްޖެ. އެމް.ޑީ.ޕީގެ ކެމްޕޭން މޮޅުކަމުން މިހެން މިވީ. ސާބަހޭ ތިލަފަތް. ދޫނިތަކުގެ ފިޔަކޮށާލައިފި.
9 4

ކޮމޮޑަސް

30 މާރިޗު 2026
މި މަނިކުފާނު އެއުޅުއްވަނީ ދެވަނަ ދައުރެއް ހޯދުމަށް ގާނޫނުތައް ބަދަލުކޮށްގެން ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވޭތޯއެވެ. މި ރާއްޖޭގެ ޑިމޮކްރަޓިކް ތާރީހުގައި މިހާތަނަަށް އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިފައި ނެތްކަމާއި، އަދި ވެރިކަމުގައި ހުންނަ ޕާޓީން އަބަދުވެސް މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރާކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެންވީމާ، ވެރިކަމުގައި ތިބޭއިރު މަޖިލިސް ކާމިޔާބުވާނެ ކަމުގެ ފުރުސަތު ބޮޑުކަމަަށް ފެންނާތީ، އަދި މިހާތަނަށް މިދިޔަ 3 މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ ހަމަ ސަރުކާރުގެ ވެރިކަން ކުރާ ޕާޓީކަމަށްވެސް ވީމާ، 2 އިންތިހާބު އެއްދުވަހެއްގައި ބޭއްވީމާ ދެވަނަ ދައުރެއްގެ ފުރުސަތު ބޮޑުކަމަށް ހީވަނީތޯއެވެ؟ ޕްރިފްރެންޝަލް ނިޒާމަށް ބަދަލުކުރާ ވާހަކަވެސް މިދައްކަނީ، ކޮންމެ ދާއިރާއެއްގެ ލީޑިންގ ޕާލިމެންޓަރީ ކެނޑިޑޭޓަކީ (އަގުލަބިއްޔަތު ރެލެވެންޓެއް ނޫން) ސަރުކާރު ކެނޑިޑޭޓެއް ނަމަ، ޕްރިފަރކޮށް ރޭންކްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ މަތީގައި އުޅޭނެ ކަމަށްހިތާތޯއެވެ؟ މިހާރުވެސް އޮޕޮޒިޝަނަށް އެއްގަލަކަށް އެރެނީ ދެވަނަބުރުއެވެ. ދެވަނަ ބުރެއް ނެތިއްޔާ އެ ރިސްކެއްވެސް ނެތެވެ.
3 1

ކޮމޮޑަސް (ދެވަނަބައި)

30 މާރިޗު 2026
@ކޮމޮޑަސް ޕްރިފަރަންޝަލް ވޯޓިންގ އަކީ ވޯޓުލާ ގިނަ މީހުންނަށް، ވޯޓު ވިއްކަން ފަސޭހަކުރަންވެގެން ފައްކާކުރާ ޕްރޮޑަކްޓެކެވެ. އޭރުން ވޯޓެއްގެ އަގު ކަނޑައެޅޭނީ، ޕްރިފަރ ކުރާވަރާއި އެއް ހަމައަކަށެވެ. ފިރުކިގަނެގެން މިއުޅޭ އަހަރުމެންގެ ޑިމޮކްރަސީ، މި ނިޒާމަކަށް ތައްޔާރެއްނޫނެވެ. މިކަހަލަ ނިޒާމެއް ބޭނުންނަމަ، އިންތިހާބުތަކާއި ގުޅޭ ކޮރަޕްޝަނާއި މެދު ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ހޭލުންތެރި ކުރުވަންޖެހެއެވެ. އަދި، ގާނޫނީ ގޮތުން ކޮރަޕްޝަނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެކަމަކު، މި ވަގުތަށް މުހިންމީ ރައްޔިތުން ހޭލުންތެރިވެ، އިންތިހާބުތަކުގެ ކޮރަޕްޝަނަށް ނޫނެކޭ ބުނުމެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން، ކިތަންމެ އުނދަގުލަސް - އެ ޕްރެޝަރަށް ނޫނެކޭ ބުނުމެވެ. އަދި، އެހެން މީހުންވެސް ކުރާކަމަކަށް ވެގެން، އެކަން ޖަސްޓިފައި ނުކުރުމެވެ. ކޮރަޕްޝަންގެ އަމަލުތައް ހިނގުމަށް އޮންނަ ފުރުސަތު ކުޑަކޮށް ފިޔަވަޅު އެޅުމަކީ ސަރުކާރާއި މަޖިލީހުގެ ޒިންމާއެކެވެ. ކޮރަޕްޝަންގެ ކިލަންބުން ތަތްތެޅިގެން އަންނަ ސަރުކާރަކަށް އަދި މަޖިލީހަކަށް އެ ޒިންމާ އަދާކުރެވޭނެތޯއެވެ؟
3 0

ތެފައާސާ.

30 މާރިޗު 2026
ޝުކުރިއްޔާ ރައީސް. މަނިކުފާނު އިސްވެ ހުންނަވައި މީގެ ކުރިން ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތައްވެސް ގެނެވިފައިވަނީ ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ޚިޔާލު ހޯދައި ދިރާސާ ކުރެވިގެންކަން ފާހަގަކުރަން. އެގޮތުން ސިޔާސީ ޕާޓީއަކުން ބޭނުންވުމުން މަޖިިލިސް މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދިރާސާތަކަށްވެސް، އެއްދުވަހު ހުށަހަޅައި ހަމަ އެދުވަހު ފާސްކުރުމާއި ދެމެދު ގާތްގަނޑަކަށް ދެތިން ގަޑިއިރު ހޭދަވިކަން ފާހަގަކުރަން. އަދި އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން ކޯޓުގެ ބެންޗު ބަދަލުވެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މައްސަލަ ޕާކުކުރެވިފައިވާކަންވެސް ފާހަގަކުރަން.
10 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް