ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީއާ މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)
އެފްޓީއޭއަށް އަވަހަށް އަމަލުކުރަން ފަށަން ރާއްޖޭން ވެސް މަސައްކަތްކުރާނެ: ޗައިނާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މިހާރު އޮތް ގޮތަށް އަމަލު ނުކުރަން މި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ވިސްނުން ބަދަލު ނުވާ ކަމަށް ސަރުކާރުގެ އިސް ވެރިން ވިޔާޅުވިޔަސް، އެ އެއްބަސްވުމަށް ވީހާ ވެސް އަވަހަކަށް އަމަލުކުރަން ފަށަން ދެ ފަރާތުން ވެސް މަސައްކަތް ކުރާނެ ކަމަށް ޗައިނާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
މައްސަލައިގެ ފެށުން - ޔާމީންގެ ސަރުކާރުގައި، މިހާރު ވެރިކަން ކުރާ ފަރާތްތަކުން އޭރު އިދިކޮޅުގައި ތިބިއިރު ވެސް އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔަ އެފްޓީއޭ މިހާރު އޮތް ގޮތުން ރާއްޖެއަށް މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ސަރުކާރުގެ އިސް ވެރިން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައި ވަނީ، ރާއްޖެ-ޗައިނާ އިން ސޮއިކޮށްފައިވާ އެފްޓީއޭއަކީ ރާއްޖެއަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމަށް ރާއްޖޭން ވީހާ ވެސް އަވަހަކަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓަރުގެ އެ ގޮވާލެއްވުމާ ގުޅިގެން، ޗައިނާގެ އެފްޓީއޭއާ މެދު ރާއްޖޭން އަމަލުކުރާނެ ގޮތަކާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ 'ދައުުރު' އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ޗައިނާގެ އެފްޓީއޭއަށް އަމަލުކުުރުމާ މެދު އޭނާގެ ވިސްނުން ބަދަލު ނުވާ ކަމަށެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވެންގް ވެންބިން ކޮންމެ ހަފްތާއަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވަނީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެ އާއި ސްރީ ލަންކާއަށް ކުރެއްވި ދަތުރާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުގެ މުހިންމު ކަންތައްތަކުގެ ގޮތުގައި ތަރުޖަމާނު ފާހަގަކުރެއްވީ:
-
ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދޭނެ
-
ރާއްޖޭން ކުރިއަށް ގެންދާ މުހިންމު މަޝްރޫއުތަކަށް ޗައިނާ އިން އެހީ ވެދޭނެ
-
ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ޗައިނާ އިން ރާއްޖެއަށް އެހީތެރިވެދޭނެ
-
އެފްޓީއޭ އަވަހަށް ތަންފީޒުކޮށް، އަމަލުކުރަން ފެށުމަށް ދެ ގައުމުން ވެސް މަސައްކަތް ކުރާނެ
-
ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެ
އެނގުން މުހިންމު - އެފްޓީއޭގައި ހުރި މައިގަނޑު މައްސަލަތަކުގެ ގޮތުގައި މިނިސްޓަރު ފައްޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ:
-
އެފްޓީއޭ ޗައިނާ ކޮޅަށް ބުރަވެފައިވުން
-
ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރާނެ ބޮޑު ފައިދާއެއް ނެތުން
-
އެހެން ގައުމުތަކާއި ރާއްޖެއާ އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުން
-
މަޖިލީހުން އެފްޓީއޭއަށް ރުހުން ދިނީ ރަނގަޅަށް ދިރާސާނުކޮށް ކަމަށް ވުން
ޗައިނާ-ރާއްޖެ އެފްޓީއޭގެ އެއްބަސްވުމުގެ ޓައިމްލައިން:
-
18 ޑިސެމްބަރު 2014 - ޔާމީންގެ ޗައިނާ ދަތުރުގައި، އެފްޓީއޭއެއް ގާއިމްކުރަން އެމްއޯޔޫއެއްގައި ސޮއިކުރި
-
29 ނޮވެމްބަރު 2017 - އިދިކޮޅުން ދެކޮޅު ހަދަމުން ދަނިކޮށް، ޗައިނާއާ އެކު ހަދާ އެފްޓީއޭއަށް ޕީޕީއެމްގެ މެޖޯރިޓީއޮތް މަޖިލީހުން ރުހުން ދިން
-
7 ޑިސެމްބަރު 2017 - ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެފްޓީއޭގެ އެއްބަސްވުމުގައި ސޮއިކުރި
-
15 ޑިސެމްބަރު 2017 - އިދިކޮޅުގެ ވެރިކަމެއްގައި އެފްޓީއޭ އުވާލާނެ ކަމަށް އިދިކޮޅުން ބުނި
-
10 ޖެނުއަރީ 2018 - އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ރާއްޖެ-ޗައިނާގެ އެފްޓީއޭއާ މެދު ކަންބޮޑުވުން ފާޅުކުރި
-
19 ނޮވެމްބަރު 2018 - އެފްޓީއޭ އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޮއިޓާސްއަށް ވިދާޅުވި
-
21 ނޮވެމްބަރު 2018 - އެފްޓީއޭ އަވަހަށް ތަންފީޒުކުރަން ޗައިނާ އިން ރާއްޖެއަށް ގޮވާލި
-
7 އޮކްޓޫބަރު 2020 - އެފްޓީއޭ އިން ރާއްޖެއަށް ފައިދާއެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި
-
11 އޮކްޓޫބަރު 2020 - އެފްޓީއޭ މުރާޖައާނުކޮށް އަމަލު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި
-
8 ޖެނުއަރީ 2022 - ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުގައި، އެފްޓީއޭގެ އެއްބަސްވުމަށް ރާއްޖެއިން އަވަހަށް އަމަލުކުރުމަށް ގޮވާލެއްވި