ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ރައީސް އޮފީހުގައި ބައްދަލުކުރެއްވުން، 8 ޖެނުއަރީ 2022 (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

އުންމީދަކީ އެފްޓީއޭއަށް އަވަހަށް އަމަލުކުރަން ފެށުން، ރާއްޖެއަށް އޮތީ ފައިދާ: ޗައިނާ

ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖެ-ޗައިނާ ގުޅުމަކީ ދެ ގައުމަށް ވެސް މޮޅެއް ކަމަށް
8 ޖެނުއަރީ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު، ރާއްޖެ އިން ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު -

  • އެފްޓީއޭގައި ސޮއިކުރީ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ޑިސެމްބަރު 18، 2014 ގައި 

  • އެއްބަސްވުމުން ކުރިއަށް ގެންދަން އޭރުގެ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ ނޮވެމްބަރު 29، 2017ގައި 

  • ނަމަވެސް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފައިދާވާނެ ކަމަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ 

  • މި ސަރުކާރުގެ ވިސްނުމަކީ އެއްބަސްވުން ރިވިއުކުރުން

ވީ ކިހިނެއް؟ - ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެން، މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، މިނިސްޓަރު ވޭންގް އަދި މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވައިފަ އެވެ.

"ރާއްޖެ-ޗައިނާ ގުޅުމަކީ ދެ ގައުމަށް ވެސް މޮޅެއް"

ތަފްސީލް - މިނިސްޓަރު ވޭންގްގެ ވާހަކައިގައި ވިދާޅުވީ، ދިވެހި ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. މިހާތަނަށް ވެސް ރާއްޖެއަށް ބޭނުންޖެހުނު ކޮންމެ ކަމެއްގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ވެސް ރާއްޖޭގައި ހިންގާފައިވާނެކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ބަސް - "ރާއްޖެ-ޗައިނާ ގުޅުމަކީ އެކުވެރިކަމާއި، ދެ ގައުމަށް ވެސް ފައިދާވާ ވިން-ވިން ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ މިސާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވަނީ، 8 ޖެނުއަރީ 2022، މާލެ، ދިވެހިރާއްޖެ (ފޮޓޯ/ފޮރިން މިނިސްޓްރީ

މިނިސްޓަރު ވޭންގް ވިދާޅުވީ، ރާއްޖެ އަމިއްލަ ފައި މައްޗަށް ތެދުވެ، އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި ކުރިއަށް ދިއުމަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން:

  • ވީއައިއޭ ތަރައްގީކޮށްދިނުމުގައި ޗައިނާއިން އެހީވީ ދިވެހިންގެ އަމިއްލަ، ފެންވަރު ރަނގަޅު އެއާޕޯޓެއް ހޯދައިދޭން ކަމަށް ވިދާޅުވި 

  • ސިނަމާލެ ބުރިޖުގެ ސަބަބުން ދަތުރުފަތުރު ލުއިވެއްޖެ ކަމަށް ވިދާޅުވި 

  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން ދިވެހި އެތައް ހާސް އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވި ކަމަށް ވިދާޅުވި

  • ކޮވިޑުން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ހީނަރުކަން އިޔާދަކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި

  • ދިވެހި ފަތުރުވެރިކަން ޗައިނާގައި ޕްރޮމޯޓުކުރުމަށް އެހީވެދޭނެ ކަމަށް ވިދާޅުވި

  • އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި

މިނިސްޓަރު ވިދާޅުވީ، ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމުން ފައިދާ ވަނީ ދެ ގައުމުގެ ރައްޔިތުންނަށް ކަމަށެވެ.

"އުންމީދުކުރަނީ ދެ ގައުމުން ވެސް ރެޓިފައިވެ، ފްރީ ޓްރޭޑް އެގްރީމަންޓަށް ވަރަށް އަވަހަށް އަމަލުކުރެވިގެން ދިއުން. އޭގެން ދިވެހި އުފެއްދުންތައް ޗައިނާގެ މާކެޓަށް ވަނުމަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ، މި ސަރުކާރުގައި ރާއްޖެ-ޗައިނާ ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަސް މަންޒަރު - އެފްޓީއޭ މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އޮކްޓޫބަރު 2020 ގައި ވަނީ ވިދާޅުވެފަ އެވެ. ފައްޔާޒް ސިފަކުރެއްވި ގޮތުގައި އެ އެގްރީމަންޓު އޮތީ 'ޗައިނާ ކޮޅަށް ބުރަވެ ނިމިފައި' އެވެ.

ފައްޔާޒް ވިދާޅުވީ އެ އެއްބަސްވުމުގައި ރާއްޖެއަށް ރަނގަޅު ބައެއް ކަންކަން ހުރި ނަމަވެސް، އެކަންކަމުން އިގްތިސޯދީ މާ ބޮޑު ފައިދާއެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ޗައިނާއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި، އެއްބަސްވުން އޮތް ގޮތަށް އަމަލުކޮށްފި ނަމަ އެހެން ގައުމުތަކާ ރާއްޖެއާ އޮތް ވިޔަފާރީގެ ގުޅުން ހަލާކުވެ ނިމިގެންދާނެ ކަމަށް ވެސް ފައްޔާޒް އޭރު ވިދާޅުވި އެވެ.

ޗައިނާގެ ރައްދު - ފައްޔާޒްގެ ވާހަކަތަކަށް އޭރު ހުންނެވި ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް ވަނީ ރައްދު ދެއްވައިފަ އެވެ. ސަފީރު ވިދާޅުވީ އެއީ ދެ ގައުމަށް ވެސް ފައިދާ ވާނެ، ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ޗައިނާއިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓުތަކުގެ ސަބަބުން އެއްވެސް ގައުމެއްގެ ގުޅުން ހީނަރުވެފައި ނެތް ކަމަށެވެ.

ކުރީ ސަރުކާރުގައި ތިއްބެވި ބޭފުޅުން އަދިވެސް ވިދާޅުވަނީ އެ އެގްރީމަންޓަކީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވާނެ އެގްރީމަންޓެއް ކަމަށާއި މި ސަރުކާރުން ދައްކާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް