ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-ޗައިނާ

ވިސާގެ ލުއިތަކާ އެކު ޖުމްލަ 5 އެއްބަސްވުމެއްގައި ޗައިނާއާ އެކު ސޮއިކޮށްފި

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 15 އެޕްރީލް 1972ގައި
8 ޖެނުއަރީ 2022

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތް ހެދުމަށާއި، އިތުރު ހަތަރު ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލް - އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ދެމެދުގައި ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެ އެއްބަސްވުންތަކަކީ:

1. ވިސާ އެގްޒެމްޝަން އެއްބަސްވުން

  • މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ 

  • ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ 

  • މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން

2. ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

  • މި އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގާނެ 

  • އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019ގައި 

  • އޭރު ސޮއިކުރި ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައި 

  • މިއަދު އެއްބަސްވީ ކުރީގެ އެއްބަސްވުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރަން

ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

3. އިގްތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުން

  • މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 62.8 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ 

  • އެއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެއް

4. ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން

  • މިއީ ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެއް

  • ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވަނީ އެއްބަސްވެފައި 

  • އާ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެ

5. 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުން

  • މިއީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް 

  • މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރާނެ

ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ގުޅުންހުރި ކަމެއް - މި އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބަތެވެ. މިއަދު ވަނީ އެ މުނާސަބަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ލޯގޯ ދައްކައިލައިފަ އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެއް ވެސް ދައްކާފައިވެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕޮލަމެޓިކް ގުޅުން ގާއިމު ކުރީ15 އެޕްރީލް 1972ގަ އެވެ.

އެނގުން މުހިންމު - ވޭންގް ޔީގެ ދަތުރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ސެޕްޓެމްބަރު 2014ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޗައިނާ ސަރުކާރުގެ އިސް ވެރިއަކު ރަސްމީކޮށް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މުހިންމުވަނީ ކީއްވެ؟ - ރާއްޖެ އާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް ގުޅުން ބަދަހިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ބޮޑެތި މަޝްރޫއުތަކަށް އެ ސަރުކާރުން ފައިސާ ހޯދީ ވެސް ޗައިނާ އިންނެވެ. އެކަމަކު، ވެރިކަން ބަދަލުވެ، މިހާރުގެ ސަރުކާރުން ޗައިނާގެ ވާދަވެރި އިންޑިއާއާ މާ ބޮޑަށް ގުޅުން ބަދަހިކުރުމުން ޗައިނާއާ އެކު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް