ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ: އެފްޓީއޭ އެއްބަސްވުމަށް އަމަލު ކުރަން މިނިސްޓަރުގެ ރުހުމެއް ނެތް. (ފޮޓޯ/މަޖިލިސް)

ރާއްޖެ-ޗައިނާ

ޗައިނާ އިން ބާރުއެޅިޔަސް އެފްޓީއޭއަށް އަމަލުކުރުމުގެ ވިސްނުމެއް މިނިސްޓަރުގެ ނެތް

އެފްޓީއޭ މިހާރު އޮތް ގޮތަށް އަމަލު ނުކުރަން މި ސަރުކާރުން ކުރިން ނިންމާފައިވޭ
10 ޖެނުއަރީ 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އަށް އަމަލުކުރުމަށް، މި ހަފްތާގައި ރާއްޖެއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ފޮރިން މިނިސްޓަރު ގޮވާލެއްވި ނަމަވެސް، މިހާރު އޮތް ގޮތަށް އެ އެއްބަސްވުމަށް އަމަލު ނުކުރަން މި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ވިސްނުން ބަދަލު ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކީހިނެއް؟ - ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައި ވަނީ، ރާއްޖެ-ޗައިނާ އިން ސޮއިކޮށްފައިވާ އެފްޓީއޭއަކީ ރާއްޖެއަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމަށް ރާއްޖެއިން ވީހާ ވެސް އަވަހަކަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީއާ މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ޗައިނާ-ރާއްޖެ އެފްޓީއޭގެ އެއްބަސްވުމުގެ ޓައިމްލައިން:

  • 18 ޑިސެމްބަރު 2014 - ޔާމީންގެ ޗައިނާ ދަތުރުގައި، އެފްޓީއޭއެއް ގާއިމްކުރަން އެމްއޯޔޫއެއްގައި ސޮއިކުރި

  • 29 ނޮވެމްބަރު 2017 - އިދިކޮޅުން ދެކޮޅު ހަދަމުން ދަނިކޮށް، ޗައިނާއާ އެކު ހަދާ އެފްޓީއޭއަށް ޕީޕީއެމްގެ މެޖޯރިޓީއޮތް މަޖިލީހުން ރުހުން ދިން

  • 7 ޑިސެމްބަރު 2017 - ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެފްޓީއޭގެ އެއްބަސްވުމުގައި ސޮއިކުރި

  • 15 ޑިސެމްބަރު 2017 - އިދިކޮޅުގެ ވެރިކަމެއްގައި އެފްޓީއޭ އުވާލާނެ ކަމަށް އިދިކޮޅުން ބުނި

  • 10 ޖެނުއަރީ 2018 - އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ރާއްޖެ-ޗައިނާގެ އެފްޓީއޭއާ މެދު ކަންބޮޑުވުން ފާޅުކުރި

  • 19 ނޮވެމްބަރު 2018 - އެފްޓީއޭ އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޮއިޓާސްއަށް ވިދާޅުވި

  • 21 ނޮވެމްބަރު 2018 - އެފްޓީއޭ އަވަހަށް ތަންފީޒުކުރަން ޗައިނާ އިން ރާއްޖެއަށް ގޮވާލި

  • 7 އޮކްޓޫބަރު 2020 - އެފްޓީއޭ އިން ރާއްޖެއަށް ފައިދާއެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި

  • 11 އޮކްޓޫބަރު 2020 - އެފްޓީއޭ މުރާޖައާނުކޮށް އަމަލު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި

  • 8 ޖެނުއަރީ 2022 - ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުގައި، އެފްޓީއޭގެ އެއްބަސްވުމަށް ރާއްޖެއިން އަވަހަށް އަމަލުކުރުމަށް ގޮވާލެއްވި

އުންމީދުކުރަނީ ދެ ގައުމުން ވެސް ރެޓިފައިވެ، ފްރީ ޓްރޭޑް އެގްރީމަންޓަށް ވަރަށް އަވަހަށް އަމަލުކުރެވިގެން ދިއުން. އޭގެން ދިވެހި އުފެއްދުންތައް ޗައިނާގެ މާކެޓަށް ވަނުމަށް ފަސޭހަވެގެންދާނެ.

ވޭންގް ޔީ / ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު

މިނިސްޓަރުގެ ބަސް - ޗައިނާގެ ފޮރިން މިނިސްޓަރުގެ އެ ގޮވާލެއްވުމާ ގުޅިގެން، ޗައިނާގެ އެފްޓީއޭއާ މެދު ރާއްޖެއިން އަމަލުކުރާނެ ގޮތަކާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ 'ދައުުރު' އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ޗައިނާގެ އެފްޓީއޭއަށް އަމަލުކުުރުމާ މެދު އޭނާގެ ވިސްނުން ބަދަލު ނުވާ ކަމަށެވެ.

ނަމަވެސް، އެފްޓީއޭގެ އެއްބަސްވުމުގެ ކަންކަން ކުރަނީ ފޮރިން މިނިސްޓްރީން ކަމަށާއި އެކަމާ ގުޅޭ އިތުރު ސުވާލުތައް ފޮރިން މިނިސްޓްރީއަށް އަމާޒުކުރުމަށް ފައްޔާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ (ވ) މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

އެނގުން މުހިންމު - އެފްޓީއޭގައި ހުރި މައިގަނޑު މައްސަލަތަކުގެ ގޮތުގައި މިނިސްޓަރު ފައްޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ:

  • އެފްޓީއޭ ޗައިނާ ކޮޅަށް ބުރަވެފައިވުން

  • ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރާނެ ބޮޑު ފައިދާއެއް ނެތުން

  • އެހެން ގައުމުތަކާއި ރާއްޖެއާ އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުން

  • މަޖިލީހުން އެފްޓީއޭއަށް ރުހުން ދިނީ ރަނގަޅަށް ދިރާސާނުކޮށް ކަމަށް ވުން

ޗައިނާގެ ރައްދެއް - ފައްޔާޒްގެ ވާހަކަތަކަށް، ރާއްޖޭގައި އޭރު ހުންނެވި ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް ވަނީ ރައްދު ދެއްވައިފަ އެވެ. ސަފީރު ވިދާޅުވީ އެއީ ދެ ގައުމަށް ވެސް ފައިދާ ވާނެ، ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ޗައިނާ އިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓުތަކުގެ ސަބަބުން އެއްވެސް ގައުމެއްގެ ގުޅުން ހީނަރުވެފައި ނެތް ކަމަށެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގައި ތިއްބެވި ބޭފުޅުން އަދިވެސް ވިދާޅުވަނީ އެ އެއްބަސްވުމަކީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވާނެ އެގްރީމަންޓެއް ކަމަށާއި މި ސަރުކާރުން ދައްކާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ.

ކޮމެންޓް (1)

އަހުމަދު

11 ޖެނުއަރީ 2022
އެ އެއްބަސް ވުމުން ރާއްޖެއަށް ޗައިނާއިން އެތެރެކުރާ ހުރިހާ މުދަލުން20 އިންސައްތައިން ފެށިގެން 30 އިންސައްތައާއި ދެމެދު އަގު ހެޔޮ ވާނެ މިސާލު މިހާރު އިންހާސް ރުފިޔާ އަށް ލިބޭ ފާޚާނާ ތައްޓެއް އޭރުން ދެހާސް އެއްސަތޭކެ ރުފިޔާ އަށް ލިބޭނެ މިހާރު ތަށި މުށީގަނޑެއް 25 ރުފިޔާ އަށް ލިބެންޏާ އޭރުން 15 ރުފިޔާ އަށް ލިބޭނެ އިނގުރު ކެރެޓް ފަދަ ކާނާގެ ބާވަތްތައް ވެސް އަގުހެޔޮ ވާނެ އެކަމާ އިންޑިޔާއިން ނުރުހެނީ ދެން ކޮން އެހެން ކަމެއް އޮތީ ބޮޑު އަގުގައި އިންޑިޔާ އިންތޯ ތަކެތި ގަންނަންވީ ދިވެހި ރައްޔިތަކަށް ފައިދާ އެއް ވަންޏާ އިންޑިޔާ ދަތް ބާރުވާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް