އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް (ފޮޓޯ/ރައީސް އޮފީސް)

މަޒުހަބީ ތައައްސަބުގެ ތެރެއަށް މުޖުތަމައު ވެއްޓުނަ ނުދީ: ޝަހީމް

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއް ސޯލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާ އެކު ދެމިތިބި ބައެއް ކަމަށް

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށާއި މަޒުހަބީ ތައައްސަބުގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިއުމަށް ފުރުސަތު ނުދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސުންނީ، ޝީއީ މަޒުހަބީ ބަހުސެއް ކުރިއަށް ދަނިކޮށް ޝަހީމް މިއަދު ވަނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ތަފްސީލް - މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި ގުރުއާނާއި ސުންނަތާއި ސަލަފުއް ސޯލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާ އެކު ދެމިތިބި ބައެއް ކަމަށެވެ.

"ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމިއޮންނާނެ، އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން އެދެން،" ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން. އަދި ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން ވެސް އިލްތިމާސްކުރަން."

ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށް ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވަނީ ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ގުޅުން ހުރި - ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި ދީނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިސްލާމިކް މިނިސްޓަރު ޝަހީމް އިލްތިމާސްކުރެއްވި އިރު، ސުންނީންނާއި ޝިއީންގެ ބަހުސްއަކީ މުސްލިމުންގެ އަދުއްވުން މުސްލިމް އުންމަތް ބައިބައިކުރަން ކިޔާ އެއްޗެއް ކަމަށާއި އެކަކު އަނެކަކު ކާފަރު ކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިފަހުން ވިދާޅުވެފަ އެވެ.

ކޮމެންޓް (5)

ޖޯކޭ

26 މާރިޗު 2026
ދިވެހިންނެއް ނޫޅޭ ތަފާތު މަޒުހަބު ތަކަށް ވަދެ ނިކުމެ ދުވާކަށް. ދެން މި ކޮންވާހަކައެއް ޝަހީމް މި ދައްކަނީ. ދެން ދިވެހިންނަށް އެނގެޔޭ ސުންނީ ޝިޔައީ ތަފާތު ވެގެން މިއުޅެނީ ކީއްވެގެންކަންވެސް. ދެން މިވާހަކަ އާންމުންވެސް ދައްކައިގެން މިކަން ހައްލުވާނީ. ވަކި ބަޔަކު އެކަނި ދައްކާ ވާހަކައަކަށް މިކަން ހަދައިގެން އަދި ހައްލެއް ނުވާނެ. ކޮންމެ މީހަކުވެސް އަމިއްލައަށް މައުލޫމާތު ހޯދައި ބަލައި ވިސްނުމުގެ ހައްގު އޮންނަންވާނެ. އެއަށް ބިނާކޮށް އެބަޔަކަށް އުޅެވެންޖެހޭނެ. ވަކި ގޮތެއް ގަދަ ބާރުން ދެމެހެއްޓުން އެއީ ކުރަންޖެހޭކަމެއް ނޫން. ކިތަންމެ ވާހަކައެއް ދެއްކިއަސް އިރާނަކީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ބަައެއް. ހުސައިންގެފާނު ކަރަބަލާގައި ޝަހީދުކޮށްލެވުނީ އަނިޔާވެރިކަމާދެކޮޅަށް ތެދުވުމުން. އިރާނު މީހުން އެދުވަހު ނެގި ކޮޅުގައި އަދިވެސް މިއަދުވެސް އެތިބީ އެހެން. ކިތަންމެ އިލްމުވެރިޔަކު ވާހަކަދެއްކިއަސް މިހަގީގަތަކަށް ބަދަލެއް ނުގެނެވޭނެ.
3 0

ސަހަރޯ

26 މާރިޗު 2026
@ޖޯކޭ އިރާނު މީހުން އިސްލާންވެފައި ވަނީ ހުސައިންގެފާނު ޝަހީދު ކުރެވުނު ފަހުންނެވެ. އިސްލާންވުމަށް ފަހު އުޅެފައިވަނީވެސް ސުންނީންގެ ގޮތުގައެވެ. އިބްނު ސީނާމެން އައްރާޒީމެން އަލްބައިރޫނީމެން މިއީ ފާރިސީ ސުންނީންނެވެ. ޝިއައީންނަށް އިރާނު މީހުން ބަދަލުވެފައިވަނީ 01000 އެއްހާ އަހަރު ދުވަހު ސުންނީންގެ ގޮތުގައި އުޅެފައެވެ!
0 0

ސިރާޖު

26 މާރިޗު 2026
ޝަހީމު ވެސް ރައްޔިތުންނަށް އިތުރަށް އޮޅޭގޮތަށް، ބުނާ ޖުމްލައިން ދެ މާނަ ނެގޭގޮތަށް ވާހަކަ ނުދައްކާ ސާފު ބަހުން، ތަފްސީލްކޮށް ކިޔައި ދޭންވީނު! ދެން ތިބުނާހެން ދީނީ ވާހަކަ ދައްކައިގެން ނުވާނެ ބަޔަކު އެ ވާހަކަ ދައްކަންޏާާ ފިޔަވަޅު އަޅަން ވީނު! ނުކެރޭނެ މި ބުނި ދެކަމުންކުރެ އެއްކަމެއް ވެސް ކުރާކަށް!
1 0

ކޮސް

26 މާރިޗު 2026
މައުމޫން އެވިދާޅުވީ އެވާހަކައޭ. ޝަހީމްގެ މަޤުޞަދަކީވެސް މިގަދަކަންކަން އެގޮތަށް ނުކުރުން. އެހެންވީމަ ޝަހީމަށް ދަންނަވަން ބޭނުމީ ޝޭޚް ސަމީރު ފަދަ މުއްލާ ވިސްނުމުގެ ފަރާތްތައް އާއްމު މަޖިލިސްތަކާއި ސޯޝިއަލް ޕްލެޓްފޯމުތަކުގައި ދީނީ ވާހަކަ ނުދެއްކޭގޮތަށް ހައްދަވާދެއްވުން.
3 0

ސިރާޖު

26 މާރިޗު 2026
@ކޮސް ކޮސް ތިބުނީ ރަނގަޅަށް! އެކަމަކު ޝަހީމަކަށް ނުކެރޭނެ! ނުވެސް ވާނެ! ޝަހީމަށް ވުރެ ސަމީރު މާގަދަ ވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް