އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކުގައި ރޯވެފައި

އދ. ދިގުރަށް

5 ބިދޭސީން މަރުވުން: ނުކުންނަން ހުރީ އަލިފާން ރޯވި ބަދިގެއާ ޖެހިގެން ހުރި ދޮރު އެކަނި

އެ ގެއަށް ވަދެވޭނެ ގޮތެއް ނެތިގެން، މީހުން ސަލާމަތްކުރަން ފުލުހުން ވަނީ ވެސް ފާރެއް ތަޅާލައިގެން؛ ވަތްއިރު އެތަނުގެ ތެރޭގައި ހަތް މީހަކު ހަބަރު ހުސްވެފައި ތިބި

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވީ، އެތަނުން ނުކުމެވޭނެ ގޮތެއް ނުވެ ތާށިވެގެންކަމާއި ނުކުމެވެން ހުރީ އަލިފާން ރޯވި ބަދިގެއާ އިންވެގެން ހުރި ދޮރު އެކަނިކަން 'ދައުރު' އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ދަންވަރު 1:57 ހާއިރު ހިނގި މި ހާދިސާގައި ހަތް މީހަކު ދިގުރަށު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވި އަދި އަނިޔާވި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެގެނެސް، އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރެއިން ގޭސް ލީކުވެގެން ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އޭރު އޭގެ ތެރެއިން ބައެއް މީހުން ތިބީ ނިދާފައި ކަމަށްވެ އެވެ. 

މީހުން ސަލާމަތްކުރީ ފާރު ތަޅާލައިގެން

 'ދައުރު' އަށް އެނގިފައިވާގޮތުގައި ތިރީހަކަށް ބިދޭސީން އުޅޭ އެ އެކޮމޮޑޭޝަން ބްލޮކްގައި ވަދެނުކުމެވެން ހުންނަނީ އެންމެ ދޮރެކެވެ. އެ ދޮރު ހުންނަނީ، ބަދިގޭގެ އެއް އަރިމަތީގައި ކަމަށް އެނގިފައިވެ އެވެ. މިކަން އެ ރަށު ކައުންސިލުން ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ގިނަ މީހުން މަރުވީ ބަދިގޭގައި ރޯވުމުން ނުނުކުމެވި، ތާށިވެފައި ތިބެންޖެހުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް ބެލެވެ އެވެ. 

ފުލުހުން މިރޭ ބުނިގޮތުގައި، އެ ގެއަށް ވަދެވޭނެ ގޮތެއް ނެތިގެން، މީހުން ސަލާމަތްކުރުމަށްޓަކައި އެތަނުގެ ތެރެއަށް ވަނީ ގޭގެ ފާރެއް ތަޅާލައިގެންނެވެ. ވަތްއިރު އެތަނުގެ ތެރޭގައި ހަތް މީހަކު ހަބަރު ހުސްވެފައި ތިބި ކަމަށް ފުލުހުން ބުންޏެވެ. 

"ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ފަސް މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަނެއް ދެ މީހުންގެ ހާލު ސީރިއަސްވެފައިވަނީ ދުމުގެ އަސަރުކުރުމުގެ ސަބަބުންނެވެ. އެ މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ދޫކޮށްލާފަ އެވެ.  

ފުލުހުން ބުނިގޮތުގައި، އެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 1:57 ހާއިރު ލިބިގެން، 1:58 އެހައިކަންހާއިރު އެ ސަރަަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 2:30 އެހައިކަންހާއިރެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި:

  • ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށައި މި ހާދިސާގެ މައުލޫމާތު މޭޖާ ކްރައިމް އިންވެސްޓިގޭޝަނަށް ވަނީ ދީފައި

  • މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނު ދިގުރަށަށް ވަނީ ގޮސްފައި

  • މި ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކަށް ދިނުމުގެ މަސައްކަތް ދިވެހި ފުލުހުން ގެންދަނީ ކުރަމުން 

މި ހާދިސާގެ ވަށައިގެން އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެޗްއާރްސީއެމްއިން ވެސް ދަނީ ބަލަމުންނެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެ އެކޮމަޑޭޝަން ބްލޮކްގައި ރޯވި އަލިފާންގަނޑު ވަރަށް މައްޗަށް ހުއްޓެވެ. އަދި ރޯވެ އަނދަމުންދަނިކޮށް، ބާރު ގޮވުމަކާ އެކު ހުޅުގަނޑު އިތުރަށް ފަޅައިގެންދާތަން ފެނެ އެވެ.

އެނގުން މުހިންމު - ގިނަ އަދަދެއްގެ ބިދޭސީ މަަސައްކަތްތެރިން އެއް ތަނެއްގައި، ކުދިކުދި ތަންތަންކޮޅުގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތި ކުންފުނިތަކުން ގެންގުޅޭ މައްސަލަ ބޮޑެވެ.

ނޮވެމްބަރު 2022ގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު މަރުވެފައިވެ އެވެ. މ. ނިރުފެހިގޭގައި ހިނގި އެ ހާދިސާގައި އެހާ ގިނަ ބަޔަކު މަރުވީ އެ އިމާރާތުގެ ތިރީގައި ހުރި ގަރާޖުގައި ކުއްލިއަކަށް ރޯވި އަލިފާންގަނޑުން ސަލާމަތްވާނެ ވަގުތެއް، މަތީގައި ދިރިއުޅެމުން އައި ގިނަ މީހުންނަށް ނުލިބި އެވެ.

ގުޅިފަޅުގައި 460އެއްހާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން އައި އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ވެސް 2023ވަނަ އަހަރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި މުޅި އެކޮމަޑޭޝަން ބްލޮކް އަނދާ އަޅިއަށްވިއިރު، އެފްކޮންސްގެ 76 މުވައްޒަފަަކަށް އެކިވަރުގެ އަނިޔާތައް ލިބި، އެކަކު މަރުވި އެވެ.

ކޮމެންޓް (2)

ދިރާސާ

14 މާރިޗު 2026
ދިގުރަށަކީ ބިންބޮޑު ގޯތިތައް ބޮޑު ރަށެއް.. ކީއްވެ ކުޑަތަންކޮޅެއްގައި 30 މީހުން ނިދަންވީ.. ކީއްވެ އެންމެ ދޮރެއް ހުރީ.. ކީއްވެ ނިދާ ތަނުގައި ކަންކަންވީ.. އާންމުކޮށް އަތޮޅުތަކުގައި ބަދިގެ ވަކިން ހެދޭނެ ޖާގަ ގޯތީގައި އޮންނާތީ ގިނައިން ހުންނާނީ ވަކިން ، އެއީ އެންމެ ރަނގަޅު ގޮތް.
1 0

ރަަބަތު

15 މާރިޗު 2026
@ދިރާސާ ދިގުރަށަކީ ލޯކަލް ޓޫރިޒަމްގެ ރަށެއް. ތިބުނާ ބޮޑެތި ބިންތަކުގައި އުޅޭ ފަރަންޖީން ވަދެ ނުކުންނަށް ދޮރު ގިނަޔަސް ، އެހެން ރަށްތަކުގައިހެން ދިގުރަށުގައި ވެސް ހަމަ އޮންނާނީ މަސައްކަތު މިގެންނަ އިންޑިއާ،ބަންގްލަދޭސް މީހުން ކުޑަތަންކޮޅެއް ތެރެއަށް ގަންނަވައިގެން ގެންގުޅުން. އެއީ ދިވެހީންގެ ރެސިޒަމް ބޮޑުކަމުން. އަމިއްލަ މީހެއް ބޮޑު ކުންފުންޏެއް ކިޔާނެކަމެއް ނެތް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް